ކ. މާލެ
|
21 ޑިސެންބަރ 2023 | ބުރާސްފަތި 13:24
ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލް
ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލް
ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލް
ފައިލޭރިއާ ބަލި ފެތުރުން
ފައިލޭރިއާއަށް ޕޮޒިޓިވްވި މީހުންގެ އަދަދު 25ށް
 
434 މީހުންގެ ތެރެއިން 409 މީހުން ބައްޔަށް ނެގެޓިވް
 
މިމަހުގެ 1 އިން 19 އަށް ކުރެވުނު ސްކްރީނިންގް އިން ޖުމްލަ 25 ބިދޭސީން ޕޮޒިޓިވް

ކުޅުދުއްފުށި ސިޓީން ފައިލޭރިއާއަށް ޕޮޒިޓިވްވި މީހުންގެ އަދަދު 25ށް އަރައިފިއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ މި އަހަރު ދުނިޔޭގެ އެއިޑްސް ދުވަސް ފާހަގަކުރުމަށް ކުޅުދުއްފުށީގައި ހިންގުނު ބިދޭސީ މަސައްކަތްތެރިންގެ ހެލްތު ސްކްރީނިންގް ކޭމްޕްގައި ބައިވެރިވި ބިދޭސީ މަސައްކަތްތެރިންގެ ތެރެއިން ފައިލޭރިއާއަށް ބައެއް ފަރާތްތައް ފައްސި ވުމާގުޅިގެން މިމަހުގެ 1 އިން 19 އަށް ކުރެވުނު ސްކްރީނިންގް އިން ޖުމްލަ 25 ބިދޭސީން ޕޮޒިޓިވްވެފައިވާ ކަމަށެވެ.

އަދި ސްކްރީން ކުރެވުނު 434 މީހުންގެ ތެރެއިން 409 މީހުން ބައްޔަށް ނެގެޓިވް ކަމަށް ބުނެފައިވެއެވެ. އެޗްޕިއޭއިން ބުނީ މި ފަރާތްތައް ރާއްޖެ އައިސްފައިވަނީ ފައިލޭރިއާ އާއްމުކޮށް ފެންނަ 'އެންޑެމިކް' ޤައުމު ތަކުންކަން ފާހަގަކުރެވިފައިވާ ކަމަށެވެ. މި ބަލި ފެތުރުނަ ނުދީ ކޮންޓްރޯލް ކުރުމުގެ މަސައްކަތްތައް ކުރަމުންދާ ކަމަށް ވެސް އެޗްޕީއޭއިން ބުނެއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިދިޔަ ހޯމަ ދުވަހު ނެރުނު ބަޔާނެއްގައި ބުނީ ކުޅުދުއްފުށިން ފައިލޭރިއާ ފެނުމުން އެ ބަލި ކޮންޓްރޯލް ކުރުމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ، ޑްބަލިއުއެޗްއޯގެ ލަފަޔާއެކު މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އެގޮތުން ކުޅުދުއްފުށި ރީޖަަނަލް ހޮސްޕިޓަލުން ކުޅުދުއްފުށި ސިޓީ ކައުންސިލާއި ކަމާގުުންހުރި އެހެން އިދާރާތައް ހިމެނޭހެން ޓާސްކްފޯހެއް އެކުލަވާލާފައިވާ ކަމަށް އެ އިދާރާއިން ބުނެއެވެ.

އެޗްޕީއޭއިން އަންނަނީ ފައިލޭރިއާ ކޮންޓްރޯލް ކުރުމަށް ކުޅުދުއްފުށީގައި މަދިރި ކޮންޓްރޯލް ކުރުމުގެ ޕްރޮގްރާމު ވެސް ހިންގަމުންނެވެ. އެގޮތުން ރަށުތެރޭގައި މަދިރި އުފެދޭގޮތަށް ހުރިތަންތަން ބަލައި، ނައްތާލުމާއި ސާފުކޮށް ފޮގު ކުރުމާއި މީސްމީޑިއާ މެދުވެރިކޮށް މަދިރި ކޮންޓްރޯލް ކުރުމާ ގުޅޭ މައުލޫމާތު ފޯރުކޮށްދިނުމުގެ މަސައްކަތް އެ އިދާރާއިން އަންނަނީ ކުރަމުންނެެވެ.

މި ބަލި ކޮންޓްރޯލް ކުރުމަށް ކުރިއަށް ރާވާފައިވާ ކަންކަމުގެ ތެރޭގައި ކުޅުދުއްފުށީގެ ރައްޔިތުންގެ ތެރެއިން ރެންޑަމްކޮށް ހޮވާލެވޭ ފަރާތްތައް ޓެސްޓް ކުރުމާއި ބިދޭސީންނަށް އެނގޭފަދަ ބަހަކުން ޕޯސްޓަރު އަދި ވީޑިއޯ ފަދަ ތަކެތި ތައްޔާރުކޮށް މައުލޫމާތު ފޯރުކޮށްދިނުމާއި ފައިލޭރިއާއާ ގުޅުންހުރި ގައިޑްލައިންތައް އެކުލަވައިލުމުގެ އިތުރުން ސާވައިލެންސާއި ރިޕޯޓިން އިތުރަށް ހަރުދަނާ ކުރުމާއި ރާއްޖޭގެ އެހެނިހެން ރަށްތަކުގައި ސްކްރީނިން ކުރިއަށްގެންދިއުން ހިމެނޭ ކަމަށް އެޗްޕީއޭއިން ބުނެއެވެ.

ކުޅުދުއްފުށިން ފައިލޭރިއާގެ ކޭސްތަކެއް ފެނިފައިވަނީ ބިދޭސީ މަސައްކަތްތެރިންނަށް ހާއްސަކޮށްގެން ކުރިއަށްގެންދިޔަ ސްކްރީނިންގ ކޭމްޕެއްގައެވެ. ބައްޔަށް ޕޮޒިޓިވްވި ފަރާތްތައް ރާއްޖެ އައީ ފައިލޭރިއާ އާއްމުކޮށް ފެންނަ ޤައުމުތަކުން ކަމަށް އެޗްޕީއޭއިން ބުނެއެވެ.

ފައިލޭރިއާއަކީ 2016 ވަނަ އަހަރު ރާއްޖެއިން ނައްތާލެވިފައިވާ ކަމަށް ޑަބްލިއުއެޗްއޯއިން ކަނޑައަޅާފައިވާ ބައްޔެކެވެ. މިއީ މަދިރީގެ ޒަރިއްޔާއިން ފެތުރޭ ފަންޏެއްގެ ސަބަބުން ހަށިގަނޑުގެ ބައެއް ގުނަވަންތަކަށް ޖެހޭ ބައްޔެކެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
0%
ކޮމެންޓް