މެންޗެސްޓަރ ސިޓީ އަށް ކުޅެމުން އަންނަ ނޯވޭގެ ފޯވާޑް އާލިން ހާލަންޑް، އެ ޓީމުގެ ފަރިތަކުރުންތަކަށް ނިކުންނަން ފަށައިފި އެވެ.
އެންމެ ފަހުން ހާލަންޑް ސިޓީގައި ކުޅުނީ އިނގިރޭސި ޕްރިމިއާ ލީގުގައި އެސްޓަން ވިލާ އަތުން ބަލިވި މެޗުގަ އެވެ. އެ މެޗުގެ ފުރަތަމަ 11 ގައި ހިމެނިގެން، ފުރިހަމަ ވަގުތު ހަމަވަންދެން ހާލަންޑް ވަނީ ކުޅެފަ އެވެ. ނަމަވެސް އޭގެ ފަހުންް ލީގުގައި ސިޓީން ލޫޓަން ޓައުނާ ދެކޮޅަށް ކުޅުނު މެޗާއި، ކްރިސްޓަލް ޕެލެސްއާ ދެކޮޅަށް ކުޅުނު މެޗުގެ އިތުރުން، ޔުއެފާ ޗެމްޕިއަންސް ލީގުގެ ގުރޫޕް ސްޓޭޖުގެ ފަހު މެޗުގައި ވެސް އޭނާ ކުޅެފައެއް ނުވެ އެވެ. އެއީ އޭނާ އަށް ލިބުނު އަނިޔާ އިން ރަނގަޅުވެފައި ނުވާތީ އެވެ.
މެންޗެސްޓަރ ސިޓީން ސައުދީ އަރަބިޔާގައި ކުރިއަށް ގެންދާ ފަރިތަކުރުންތަކަށް ބުދަ ދުވަހު ހާލަންޑް ވަނީ ނިކުމެފަ އެވެ. މިވަގުތު ސިޓީން ތައްޔާރުވަމުން އަންނަނީ ހުކުރު ދުވަހުގެ ރޭ، ފީފާ ކުލަބު ވޯލްޑް ކަޕްގެ ފައިނަލްގައި ބްރެޒިލްގެ ފްލުމިނެންސޭއާ ދެކޮޅަށް ނިކުންނާށެވެ. އެންމެ ފަހުން ސިޓީން ކުޅުނު ސެމީ ފައިނަލް މެޗަށް ފަހު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ބުނީ، ކުރިއަށް އޮތް ތަނުގައި ސިޓީގެ ފަރިތަކުރުންތަކަށް ހާލަންޑް ނިކުންނާނެ ކަމަށެވެ. ނަމަވެސް، ކުލަބު ވޯލްޑް ކަޕްގެ ފައިނަލްގައި ހާލަންޑަށް ކުޅެވޭނެ ކަމުގެ ޔަގީންކަން ނެތް ކަމަށް ވެސް ގާޑިއޯލާ ވަނީ ބުނެފަ އެވެ. ސަބަބަކީ ކުޅުމާ ދުރުގައި ގިނަ ދުވަސްތަކެއް ވަންދެން ހުރުމަށްފަހު ހާލަންޑް އެނބުރި އަންނައިރު، އޭނާގެ ޙާލަތު ރަނގަޅަށް ދެނެގަންނަން ޖެހުން ކަމަށް ވެސް އޭނާ ވަނީ ބުނެފަ އެވެ.
ޖަރުމަނުގެ ބޮރޫޝިއާ ޑޯޓްމަންޑުގައި ހުރުމަށްފަހު މިދިޔަ އަހަރު ސިޓީ އަށް ބަދަލުވި ހާލަންޑް އަންނަނީ އެ ޓީމުގައި މޮޅަށް ކުޅެމުންނެވެ. މި ސީޒަންގެ މިހާތަނަށް ވެސް އޭނާ ވަނީ ސިޓީ އަށް ކުޅެދިން 22 މެޗުން 19 ލަނޑު ޖަހައިފަ އެވެ. އޭގެ ތެރެއިން 14 ލަނޑަކީ އިނގިރޭސި ޕްރިމިއާ ލީގުގައި ހާލަންޑް ޖަހާފައިވާ ލަނޑެވެ. ސިޓީގެ ކޯޗު ގާޑިއޯލާ ވެސް އެންމެ ބޮޑަށް ބަރޯސާވާ އެއް ކުޅުންތެރިޔަކީ ހާލަންޑް އެވެ.
މިވަގުތު ސިޓީ އޮތީ ލީގު ތާވަލްގެ ހަތަރު ވަނައިގަ އެވެ. ލީގު ތާވަލްގައި އެ ޓީމުގެ މަގާމު ކުރިއަށް ޖައްސާލަން ސިޓީން ކުރާ މަސައްކަތުގައި ކްރިސްޓަލް ޕެލެސްއާ ދެކޮޅަށް ކުޅޭ މެޗު އެ ޓީމަށް ވަރަށް މުހިންމު ވާނެ އެވެ.