މުސާރައަށް އިތުރުވާ ބައި ނެންގެވިޔަސް، އެ ބައި ހަދިޔާ ކުރައްވާނީކަން ރައީސް ޑރ މުޙައްމަދު މުއިއްޒު ހާމަކުރައްވައިފިއެވެ.
ބުދަ ދުވަހު ރައީސް މުއިއްޒު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ރައީސާއި، ނައިބްރައީސް އަދި ވަޒީރުންގެ މުސާރަ ބޮޑުކުރަން ސަރުކާރުން އެދިފައިނުވާނެކަމަށެވެ.
އެހެންނަމަވެސް، 2024 ވަނަ އަހަރަށް ފާސްކުރެވުނު ބަޖެޓުގައި ދައުލަތުގެ މުސާރަދޭ ފަރާތްތަކުގެ ޕޭ ހާރމަނައިޒޭޝަން ބަޖެޓު ކުރެވިފައިވާއިރު، އެކަމަކީ މިހާރުގެ މާލީ ވަޒީރަށް ވެސް އެނގިވަޑައިގަންނަވާނެ ކަމެއްކަން އެމްޑީޕީގެ މެންބަރުން ފާހަގަ ކުރައްވާފައިވެއެވެ.
ރައީސް މުއިއްޒު ވަނީ މުސާރަ ބޮޑު ކުރައްވަން ބޭނުންފުޅުވެސް ނުވާކަން ފާހަގަ ކުރައްވާފައެވެ.
ރައީސް މުއިއްޒު ވިދާޅުވަނީ މުސާރައިގެ ކުރިއެރުމުގެ ގޮތުގައި ލިބޭ ބައި ހިޔާ ފަދަ އިޖުތިމާއީ ފަންޑަކަށް ހަދިޔާ ކުރައްވާނީކަމަށެވެ.
އެކަމާ ގުޅިގެން ހޯމްލޭންޑް މިނިސްޓަރު އަލީ އިހުސާންވެސް ވަނީ މުސާރައަށް އިތުރުވާ ބައި އިޖުތިމާއީ ފަންޑަކަށް ޖަމާކުރައްވާނެކަމަށް ވިދާޅުވެފައެވެ.
މާލިއްޔަތު ކޮމިޓީން މުސާރަތައް ބޮޑުކުރަން ފާސްކޮށްފައިވާއިރު، ރައީސުލްޖުމްހޫރިއްޔާގެ މުސާރަ 120،000ށް ބޮޑުކުރުމަށާއި، ވަޒީރުންގެ މުސާރަ 72،000ށް ބޮޑު ކުރުމަށް ފާސްކޮށްފައިވެއެވެ.
މާލިއްޔަތު ކޮމިޓީން މުސާރަތައް ބޮޑުކުރަން ފާސްކުރި ނަމަވެސް މިކަމާ މެދު ފަހުގެ ނިންމުން ނިންމާނީ ކޮމިޓީ ރިޕޯޓަށް ބަހުސްކުރުމަށްފަހު މަޖިލީހުގެ ތަޅުމުންނެވެ.