ބިންވެރިޔާ ސްކީމްގެ ދަށުން ހުޅުމާލެ، ގުޅީފަޅު، އަދި ގިރާވަރުފަޅުން ދޫކޮށްފައިވާ ގޯތިތަކާއި ގޯތީގެ ރަޖިސްޓްރީ އަވަހަށް ލިބޭގޮތަށް ދިވެހިރާއްޖޭގެ ބިމާބެހޭ ގާނޫނަށް އިސްލާހު ހުށަހަޅައިފިއެވެ.
ދިވެހިރާއްޖޭގެ ބިމާބެހޭ ގާނޫނަށް އިސްލާހު ހުށަހެޅުއްވީ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް ނަސީމެވެ. މީކާއީލް ވިދާޅުވީ ބިންވެރިޔާ ސްކީމްގެ ދަށުން ހުޅުމާލެ، ގުޅީފަޅު، އަދި ގިރާވަރުފަޅުން ދޫކޮށްފައިވާ ގޯތިތަކާއި ގޯތީގެ ރަޖިސްޓްރީ، މި ބިލު ތަސްދީގުކުރާތާ ގިނަވެގެން ތިންމަސް ދުވަހުގެ ތެރޭގައި، އެ ލިބުނު ފަރާތްތަކާ ހަވާލުކުރުން ސަރުކާރަށް ލާޒިމްކޮށް ބިމާބެހޭ ގާނޫނަށް އިސްލާހު ހުށަހަޅާފައި ވާނެކަމަށެވެ.
ބިލު ހުށަހަޅާ މައިގަނޑު ސަބަބެއްގެ ގޮތުގައި ބުނެފައިވަނީ، މާލެއަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލު ހޯދައިދިނުމަށް ސަރުކާރުން އެކަށައަޅާފައިވާ ސިޔާސަތުގެ ދަށުން، މާލޭގެ ރައްޔިތުންނަށް ގޯތި ދޫކުރުމަށް ހިންގި "ބިންވެރިޔާ ސްކީމް"ގެ ދަށުން، އެތައް އަހަރުތަކަށްފަހު މާލޭ ސަރަހައްދުން ދޫކުރަން ހަމަޖެހިފައިވާ ބަންޑާރަ ގޯތިތައް، އެ ގޯތިތައް ލިބޭ ފަރާތްތަކުގެ ދާއިމީ ލިސްޓް ގެޒެޓުގައި އާންމުކުރުމަށްފަހު އެތައް ދުވަހެއް ފާއިތުވެފައި ވީނަމަވެސް، ގޯތި ލިބުނު ފަރާތްތަކާ ހަވާލުކޮށްފައި ނުވާކަމަށެވެ.
އެހެންކަމުން، އެ ފަރާތްތަކުން ފާޅުކުރަމުންދާ ކަންބޮޑުވުންތަކަށް ގާނޫނީގޮތުން ހައްލެއް ހޯދައިދީ، މިފަދަ މައްސަލަތައް ތަކުރާރުވެގެން ނުދާނޭކަން ކަށަވަރުކުރުމަށާއި، ބަންޑާރަ ގޯތި ދޫކުރާ އިދާރާތަކުން ގޯތި ލިބޭ ފަރާތްތައް ކަނޑައެޅުމަށްފަހު، އެ ފަރާތްތަކަށް އަވަސް މުއްދަތެއްގައި ގޯއްޗާއި ގޯތީގެ ރަޖިސްޓްރީ ހަވާލުކުރަންޖެހޭ ގޮތް ހެދުން ކަމަށް، ބިލު ހުށަހަޅާ ސަބަބުގެ ގޮތުގައި ބުނެފައިވެއެވެ.
ދިވެހިރާއްޖޭގެ ބިމާބެހޭ ގާނޫނުގެ 12 ވަނަ މާއްދާގެ ފަހަތަށް މާއްދާއެއް އިތުރުކުރުމަށް ވަނީ ހުށަހަޅާފައެވެ. އެގޮތުން 1-12 ވަނަ މާއްދާގެ (ހ)ގައި ބުނެފައިވަނީ، ދިރިއުޅުމަށް ދޫކުރާ ބަންޑާރަ ގޯތި ލިބޭ ފަރާތްތައް ކަނޑައަޅައި، ގޯތި ލިބޭ ފަރާތްތަކުގެ ދާއިމީ ލިސްޓު ގެޒެޓްކުރާ ތާރީޚުން ފެށިގެން ގިނަ ވެގެން 6 މަސް ދުވަހުގެ ތެރޭގައި، ގޯތި ލިބުނު ފަރާތްތަކަށް އެ ގޯތި ދޫކުރި އިދާރާއަކުން ގޯތި ހަވާލުކުރަންވާނެ ކަމަށެވެ. އަދި މި މާއްދާގެ (ށ) ގައި ބުނެފައިވަނީ، މި ގާނޫނަށް އަމަލުކުރަން ފަށާއިރު، ބަންޑާރަ ގޯތި ލިބޭ ފަރާތްތައް ކަނޑައަޅައި ގޯތި ލިބޭ ފަރާތްތަކުގެ ދާއިމީ ލިސްޓު ގެޒެޓްކުރުމަށްފަހު ހަވާލުކޮށްފައިނުވާ ގޯތިތައް، މި ގާނޫނަށް އަމަލުކުރަން ފަށާ ތާރީޚުން ފެށިގެން 3 މަސްދުވަހުގެ ތެރޭގައި ގޯތިތައް ލިބުނު ފަރާތްތަކަށް، އެ ގޯތި ދޫކުރި އިދާރާއަކުން ހަވާލުކުރަންވާނެ ކަމަށެވެ.
ދިވެހިރާއްޖޭގެ ބިމާބެހޭ ގާނޫނުގެ 13 ވަނަ މާއްދާއަށް (ނ) އަދި (ރ)ގެ ގޮތުގައި އަކުރުތަކެއް އިތުރުކުރުމަށް ވަނީ ހުށަހަޅާފައެވެ. 13 ވަނަ މާއްދާގެ (ނ)ގައި ބުނެފައިވަނީ ދިރިއުޅުމަށް ދޫކުރާ ބަންޑާރަ ގޯތި ލިބޭ ފަރާތްތައް ކަނޑައަޅައި، ގޯތި ލިބޭ ފަރާތްތަކުގެ ދާއިމި ލިސްޓު ގެޒެޓްކުރާ ތާރީޚުން ފެށިގެން ގިނަ ވެގެން 6 މަސްދުވަހުގެ ތެރޭގައި، ގޯތި ލިބުނު ފަރާތްތަކަށް ގޯތީގެ ރަޖިސްޓްރީ އެ ގޯތި ދޫކުރި އިދާރާއިން ހަވާލުކުރަންވާނެ ކަމަށެވެ.
މި މާއްދާފެ (ރ)ގައި ބުނެފައިވަނީ، މި ގާނޫނަށް އަމަލުކުރަން ފަށާއިރު ބަންޑާރަ ގޯތި ލިބޭ ފަރާތްތައް ކަނޑައަޅައި، ގޯތި ލިބޭ ފަރާތްތަކުގެ ދާއިމީ ލިސްޓު ގެޒެޓްކުރުމަށްފަހު، ރަޖިސްޓްރީ ހަވާލުނުކޮށް ހުރި ގޯތިތަކުގެ ރަޖިސްޓްރީ، މި ގާނޫނަށް އަމަލުކުރަން ފަށާ ތާރީޚުން ފެށިގެން 3 މަސްދުވަހުގެ ތެރޭގައި ގޯތިތައް ލިބުނު ފަރާތްތަކަށް، އެ ގޯތި ދޫކުރި އިދާރާއިން ހަވާލުކުރަންވާނެ ކަމަށެވެ.