ކ. މާލެ
|
18 ޑިސެންބަރ 2023 | ހޯމަ 14:26
އުތުރު ކޮރެޔާ އިން ޓެސްޓް ކުރި މިސައިލެއް
އުތުރު ކޮރެޔާ އިން ޓެސްޓް ކުރި މިސައިލެއް
އީޕީއޭ
އުތުރުކޮރެޔާ އިން މިސައިލް ޓެސްޓް ކުރުން
އުތުރުކޮރެޔާއިން 24 ގަޑިއިރުތެރޭ 2ވަނަ މިސައިލް ޓެސްޓް ކޮށްފި
ހޯމަ ދުވަހު ހެނދުނު ޓެސްޓް ކުރީ އައިސީބީއެމް އެއް ކަން ޔަގީން ވެއްޖެ ނަމަ އެވާނީ މިއަހަރު އުތުރުކޮރެޔާއިން ޓެސްޓް ކުރި ފަސްވަނަ އައިސީބީއެމް އަށެވެ

އުތުރުކޮރެޔާއިން 24 ގަޑިއިރުތެރޭ 2ވަނަ މިސައިލް ޓެސްޓް ކޮށްފިއެވެ. އެގައުމުން އާދީއްތަ ދުވަހުގެރޭ ކުރުރާސްތާގެ މިސައިލެއް ޓެސްޓް ކޮށްފައިވާއިރު ހޯމަ ދުވަހު ހެނދުނު ވަނީ ދިރުރާސްތާގެ އިންޓަރ ކޮންޓިނެންޓަލް ބެލިސްޓިކް މިސައިލް ނުވަތަ އައިސީބީއެމް އެއް ކަމަށްބެލެވޭ މިސައިލެއް ޓެސްޓް ކޮށްފައެވެ.

އުތުރުކޮރެޔާގެ އަމަލުތައް ހުންނަ ގޮތުން، ނިއުކްލިއަރ ހަމަލާއެއްވެސް ދީފާނެ ކަމަށް ބުނެ އެކަމަށް ތައްޔާރުވުމާބެހޭ މަޝްވަރާތަކަށް އެމެރިކާއަދި ދެކުނު ކޮރެޔާގެ ޑިފެންސް އޮފިޝަލުން ވަނީ މިދިޔަ ހަފްތާގައި ބައްދަލް ވުމެއްވެސް ބާއްވާފައެވެ. މިބައްދަލް ވުމާއި ގުޅިގެން ޕިޔޮންގޔޭންގ އިން ބުނެފައިވަނީ އެގައުމުންވެސް ރައްދު ފިޔަވަޅުތައް ވަރުގަދަ ކުރާނެ ކަމުގައެވެ.

އާދީއްތަ ދުވަހުގެރޭ ޓެސްޓް ކުރި މިސައިލް 73 މިނިޓް ތެރޭ 1،000 ކިލޯމީޓަރަށް ދަތުރު ކުރުމަށްފަހު ޖަޕާންގެ ހޮކައިޑޫ ޖަޒީރާގެ ޙުޅަނގުން ކަނޑުތެރެޔަށް ވެއްޓިފައިވާ ކަމަށް ޖަޕާން އަދި ދެކުނު ކޮރެޔާގެ އޮފިޝަލުން ވިދާޅުވެފައި ވެއެވެ.

އައިސީބީއެމް މިސައިލް އަކީ އުތުރުއެމެރިކާ ބައްރާ ހަމަޔަށް ދަތުރު ކުރުމުގެ ގާބިލްކަން ލިބިފައިވާ މިސައިލް އެކެވެ. ހޯމަ ދުވަހު ހެނދުނު ޓެސްޓް ކުރީ އައިސީބީއެމް އެއް ކަން ޔަގީން ވެއްޖެ ނަމަ އެވާނީ މިއަހަރު އުތުރުކޮރެޔާއިން ޓެސްޓް ކުރި ފަސްވަނަ އައިސީބީއެމް އަށެވެ.

ދެކޮރެޔާ ދެމެދު ނުތަނަވަސްކަން އިތުރުވެގެން ގޮސްފައި ވަނީ އދ.ގެ ނިންމުންތަކާ ދެކޮޅަށް އުތުރު ކޮރެޔާއިން މިދިޔަމަހު ޖައްވަށް ސެޓަލައިޓެއް ދޫކުރުމާއި ގުޅިގެންނެވެ. މިކަމާގުޅިގެން ދެކުނު ކޮރެޔާއިންވަނީ ކުރިން ހަދާފައިވާ މިލިޓަރީ އެއްބަސް ވުމެއްގެ ބައެއް ޝަރުތުތައް ގަބޫލު ނުކުރާކަމަށް ބުނެފައެވެ. އެއީ ބޯޑަރު ކައިރީގައި މިލިޓަރީ ހަރަކާތް ތައް ހިންގުން މަނާކުރާ ޕޮއިންޓް ތަކެވެ. ރައްދުގައި އުތުރުކޮރެޔާއިން ވަނީ މުޅި އެގްރީމެންޓާ ވަކިވެފައެވެ. އަދި ސިފައިންގެ އަދަދު އިތުރު ކޮށް ހަތިޔާރު ގެންގުޅުން މަނާ ސަރަހައްދެއްގެ ގޮތުގައި ކުރިއްސުރެ އޮތް ޑިމިލިޓަރައިޒްޑް ޒޯންގަވެސް ހަތިޔާރާއެކު ސިފައިން ވަނީ ބައިތިއްބާފައެވެ.

- ކޮމެންޓް