އުތުރު ކޮރެއާ އިން ފޮނުވި ކުނި އަޅާފައިވާ ފުއްޕާހަން ތަކެއް ދެކުނު ކޮރެއާގެ ރައީސް އޮފީހުގެ ގޯތި ތެރެއަށް ވެއްޓިއްޖެއެވެ.
ވެރިރަށް ސޯލްގެ ނޯ ފްލައި ޒޯން ގައި ހުންނަ ރައީސް އޮފީހަށް ކުނިއަޅާފައި ފުއްޕާހަންތަކެއް ވެއްޓުނު އިރު އުތުރު ކޮރެއާ އިން ދެކުނު ކޮރެއާ އަށް ކުނިއަޅާފައި ފުއްޕާހަން ގާތްގާތުގައި މިއަހަރު ގެންދަނީ ފޮނުވަމުންނެވެ. އެހެން ނަމަވެސް ރައީސް އޮފީހުގެ ގޯތި ތެރެއަށް މިބާވަތުގެ ހަން މީގެ ކުރިން ވެއްޓިފައެއް ނުވެއެވެ.
ދެކުނު ކޮރެއާގެ ރައީސްގެ އޮފީހާ ވަރަށް ގާތައް ފުއްޕާ ހަންތައް ވެއްޓުމާއެކު ކެމިކަލް، ބަޔޮލޮޖިކަލް އަދި ރޭޑިއޮލޮޖިކަލް ނުރައްކަލެއް ހުރިތޯ ބެލުމަށް ހަނގުރާމައިގެ ރެސްޕޮންސް ޓީމުތަކުން ހަރަކާތްތެރިވެ އެތަކެތި ޗެކްކޮށް ބަލާފައިވެއެވެ. ބެލިބެލުމުން ނުރައްކަލެއް ނެތް ކަމަށް ޓީމުތަކުން ހާމަކޮށްފައިވާ ކަމަށް މީޑިއާ ރިޕޯޓް ތަކުގައި ވެއެވެ.
ދެކުނު ކޮރެއާގެ އޮންލައިން ނޫހެއް ކަމަށްވާ ޔޮންހެޕް ގައި ބުނެފައިވަނީ އަސްކަރިއްޔާ އިން ފުއްޕާހަމަށް ބަޑިޖަހާ ވައްޓާ ނުލީ އޭގައި ހުރިއެއްޗެއް ނޭގުމާ އެކު ވަޔަށް ބުރައިގެން ގޮސް ނުރައްކަލެއް ވެދާނެތީ ކަމުގައެވެ.
ކުނިއަޅާފައިވާ ފުއްޕާހަން ސޯލް ގެ އެހެން ސަރަހައްދު ތަކަށް ވެސް ވެއްޓިފައިވެއެވެ. އަދި މި ތަކެތީގައި އަތް ނުލުމަށާއި މިފަދަ ހަމެއް ފެނިއްޖެ ނަމަ އެންމެ ގާތުގައިވާ ޕޮލިސް ސްޓޭޝަނަކަށް އެންގުމަށް ދެކުނު ކޮރެއާގެ އޮފިޝަލުން އާންމުންނަށް ވަނީ އަންގާފައެވެ.
ފުއްޕާ ހަމުގެ ހަނގުރާމަ އަކީ ދެކުނު ކޮރެއާ އާއި އުތުރު ކޮރެއާ އާ ދެމެދު 1950 ގެ ތެރޭގައި ހިނގި ކޮރެއާ ހަނގުރާމައިގެ ފަހުން އެއް ގައުމުން އަނެއް ގައުމަށް ޕްރޮޕަގެންޑާ ފެތުރުމަށް ކުރަމުން އަންނަ ކަމެކެވެ.
މިކަން ތަންކޮޅެއް މައްޗަށް ގޮސްގެން މިއުޅެނީ މި އަހަރުކަން މީޑީއާ ރިޕޯޓްތަކުގައި ފާހަގަ ކޮށްފައިވެއެވެ.
ބުދަ ދުވަހުގެ ހާދިސާ އަކީ މި އަހަރުގެ ތެރޭގައި 10 ވަނަ ފަހަރަށް އުތުރު ކޮރެއާ އިން ދެކުނަށް ފޮނުވި ފުއްޕާ ހަމެވެ. އުތުރު ކޮރެއާ އިން ބުނެފައިވަނީ މިއީ ދެކުނު ކޮރެއާގެ އެކްޓިވިސްޓުން އެ ގައުމަށް ފޮނުވި ފުއްޕާ ހަމުގެ ބަދަލު ހިފުން ކަމުގައެވެ. އުތުރު ކޮރެއާ އަށް ފޮނުވި ފުއްޕާހަމުގައި ހުރިކަމަށް ބުނަނީ، ސަރުކާރާ ދެކޮޅު ލީފްލެޓާއި، ކާއެއްޗެއްސާއި، ބޭހާއި، ލާރި އާއި ކޭ-ޕޮޕް ވީޑިއޯ އަޅާފައި ހުރި ޔޫއެސްބީ ސްޓިކް އެވެ.