އިޓާލިއަން ލީގުގައި މޮންޒާއާ ދެކޮޅަށް ކުޅުނު މެޗުން އޭސީ މިލާން މޮޅުވެއްޖެ އެވެ.
ލީގުގައި އާދީއްތަ ދުވަހުގެ ރޭ މިލާންގެ އަމިއްލަ ދަނޑުގައި ކުޅުނު މެޗު އެ ޓީމުން ކާމިޔާބު ކުރީ 3-0 އިންނެވެ. މެޗުގެ ފުރަތަމަ ހާފުގައި މިލާނުން ވަނީ ދެ ލަނޑު ޖަހައިފަ އެވެ. ތިން ވަނަ ލަނޑު އެ ޓީމުން ޖެހީ ދެ ވަނަ ހާފުގަ އެވެ.
މެޗު ފަށައިގެން ތިން ވަނަ މިނެޓުގައި މިލާނަށް ލީޑު ނަގައިދިނީ ޓިޖާނީ ރެޖިންޑާސް އެވެ. އޭނާ އެ ލަނޑު ޖެހީ ކްރިސްޓިއަން ޕުލިސިޗް ތަނަވަސްކޮށްދިން ފުރުސަތެއްގަ އެވެ. އޭގެ ފަހުން ފުރަތަމަ ހާފު ނިމުމުގެ ކުރިން އެ ޓީމަށް ލީޑު ފުޅާ ކޮށްދިނީ ޖެން ކާލޯ ސިކިމް އެވެ. 41 ވަނަ މިނެޓުގައި އޭނާ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދިނީ ރަފައެލް ލިއާއޯ އެވެ. މެޗުގައި މިލާންގެ ތިން ވަނަ ލަނޑު 76 ވަނަ މިނެޓުގައި ނޯހް އޮކާފޯ ޖެހީ އޮލީވިއޭ ޖިރޫޑް ތަނަވަސްކޮށްދިން ފުރުސަތެއްގަ އެވެ.
މޮޅާއެކު މިލާން ތިން ވަނައިގައި އޮތީ މިހާތަނަށް ކުޅުނު 16 މެޗުން 32 ޕޮއިންޓު ހޯދައިގެންނެވެ. މިލާނާ ދެ ވަނައިގައި އޮތް ޔުވެންޓަސްއާ ދެމެދު މިހާރު އޮތީ ފަސް ޕޮއިންޓުގެ ފަރަގެކެވެ. އެއީ އެންމެ ފަހުން ލީގުގައި ޔުވެންޓަސް ކުޅުނު މެޗުން އެ ޓީމަށް މޮޅު ނުވެވުމުންނެވެ.