އަލް އަގްސާ މިސްކިތައް ނަމާދަށް ދިޔަ ފަލަސްތީނު ރައްޔިތުންނާއި އިޒްރޭލު ފުުލުހުންނާއި ދެމެދު ހިނގި ހަމަނުޖެހުންތަކުގައި 100 އަށް ވުރެ ގިނަ ފަލަސްތީނު ރައްޔިތުން ޒަޚަމްވެއްްޖެއެވެ.
ރިޕޯޓުތައް ބުނާގޮތުން 100 އަށް ވުރެ ގިނަ ފަލަސްތީނު ރައްޔިތުން ޒަޚަމްވީ އިޒްރޭލު ފުލުހުން ކަރުނަ ގޭހާއި ސްޓަން ގްރެނޭޑް ބޭނުން ކުރުމުގެ ސަބަބުންނެވެ. މިހަމަނުޖެހުންތައް ހިނގީ ބުރާސްފަތި ދުވަހުއެވެ. މި ހަމަނުޖެހުން ހިނގީ ފަލަސްތީނު ރައްޔިތުން އަގްސާ މިސްކިތައް ނަމާދަށް ނުދާތާ ދެހަފްތާ ދުވަހަށް ފަހު ދިޔަ ދުވަހުއެވެ.
ބުރާސްފަތި ދުވަހު ގިނަ އަދަދެއްގެ ފަލަސްތީނު ރައްޔިތުން އަގްސާ މިސްކިތައް ނަމާދަށް ދިޔައީ އިޒްރޭލުގެ ފުލުހުން އަގްސާ މިސްކިތައް ދާން ހުންނަ ގޭޓްތަކުގައި ހަރުކޮށްފައި ހުރި އާދަޔާ ހިލާފު ގިނަ ސެކިޔުރިޓީ އާލަތްތައް ނެގި ފަހުންނެވެ.
އިޒްރޭލު ފުލުހުން އާދަޔާ ހިލާފަށް ގިނަ ސެކިއުރިޓީ އާލާތްތައް އަގްސާ މިސްކިތުގައި ބޭނުން ކުރަން ފެށީ، ތިން ފަލަސްތީނު ރައްޔިތުން އިޒްރޭލު ފުލުހުން މަރާލުމާއި ގުޅިގެންނެވެ. މިހާދިސާ ހިނގީ ޖުލައި 14 ވަނަ ދުވަހު އެވެ. މިހާދިސާ އަށް ފަހު އަލުން މިސްކިތައް ނަމާދަށް ދެވޭ ގޮތަށް އިޒްރޭލުން ހުޅުވާލީ ދެތިން ދުވަސް ފަހުންެނެވެ. އެހެންނަމަވެސް އާދަޔާ ހިލާފަށް ތަފާތު ސެކިޔުރިޓީ އާލާތްތައް އަގްސާ މިސްކިތުގައި ގިނަ ކަމަށް ބުނެ ފަލަސްތީނު ރައްޔިތުން ވަނީ ފާއިތުވި ދެހަފްތާގައި އަގްސާ މިސްކިތުގައި ނަމާދު ކުރުމަށް ދެކޮޅު ހަދާފައެވެ.