ކ. މާލެ
|
18 ޑިސެންބަރ 2023 | ހޯމަ 06:45
ބާސެލޯނާގެ ކޯޗު ޒަވީ
ބާސެލޯނާގެ ކޯޗު ޒަވީ
ރޮއިޓާސް
ބާސެލޯނާ
ޒަވީ ދެކޭ ގޮތުގައި ބާސެލޯނާ ކުރިއަށް ދަނީ ރަނގަޅު މިސްރާބުގައި!
 
ބާސެލޯނާ އަށް އެކުގައި ކުރިއަށް ގޮސް، ތަށިތަކެއް ކާމިޔާބު ކުރެވޭނެ ކަމަށް ވެސް އޭނާ ވަނީ ބުނެފައި

ސްޕެއިންގެ ބާސެލޯނާ ކުރިއަށް ދަނީ ރަނގަޅު މިސްރާބުގައި ކަމަށް އެ ޓީމުގެ ކޯޗު ޒަވީ ހެނާންޑޭޒް ބުނެފި އެވެ.

ޒަވީ މިހެން ބުނީ، ސްޕެނިޝް ލީގުގައި ބާސެލޯނާ އިން ވެލެންސިއާއާ ދެކޮޅަށް ކުޅުނު މެޗުން އެއްވަރުވުމާއެކު އެވެ. ޒަވީގެ އިރުޝާދުގެ ދަށުން މި ސީޒަންގައި ބާސެލޯނާގެ ނަތީޖާތައް ދަށްވެފައިވާތީ ދޭތެރެއަކުން އޭނާ އަށް ފާޑުކިޔުންތައް އަމާޒުވެ އެވެ. ޚާއްސަކޮށް ސްޕެނިޝް ލީގުގައި މިފަހުން ބާސެލޯނާގެ ނަތީޖާތައް ދަށްވުމުން، ޒަވީ އަށް ޕްރެޝަރު ބޮޑުވެފައިވާ ކަމަށް ސްޕެއިންގެ މީޑިއާ ތަކުން ބުނެފައިވެ އެވެ.

އެ ފާޑުކިޔުންތަކާ ގުޅިގެން ޒަވީ ބުނީ، އޭނާ ޤަބޫލު ކުރާ ގޮތުގައި ބާސެލޯނާ ކުރިއަށް ދަނީ ރަނގަޅު މިސްރާބުގަ އެވެ. އޭނާ ބުނީ، ކުލަބެއް ކުރިއަށް ދާން ކުރާ މަސައްކަތުގައި އެކި ކަހަލަ ކަންކަމާ ދިމާވާނެ ކަމަށެވެ. ނަމަވެސް، އެކަންކަމުން އަރައި ގަންނަން ޖެހޭނެ ކަމަށާއި، އެއީ އެންމެ ދުވަހަކުން ނުވަތަ ދެ ދުވަހަކުން ކުރެވޭނެ ކަމެއް ނޫން ކަމަށް ވެސް އޭނާ ވަނީ ބުނެފަ އެވެ. އިތުރަށް ޒަވީ ބުނީ އޭނާ ބާސެލޯއާ ހަވާލުވީ ވެސް ބޮޑު އުންމީދަކާއެކު ކަމަށާއި، ކުލަބާމެދު އަދިވެސް އޭނާގެ އިތުބާރު އޮތް ކަމަށެވެ. އެހެންކަމުން، ބާސެލޯނާ އަށް އެކުގައި ކުރިއަށް ގޮސް، ތަށިތަކެއް ކާމިޔާބު ކުރެވޭނެ ކަމަށް ވެސް އޭނާ ވަނީ ބުނެފަ އެވެ.

މީގެ އިތުރުން ޒަވީ ބުނީ، ނަތީޖާ ދަށްވުމަކީ އެންމެން ވެސް ކަންބޮޑުވާނެ ކަމެއް ކަމަށެވެ. އެގޮތުން ބާސެލޯނާގެ ކުޅުންތެރިން ޗޭންޖިން ރޫމުގައި ތިބެނީ ވަރަށް ދެރަވެ، ހިތްހަމަ ނުޖެހިފައި ކަމަށް އޭނާ ވަނީ ފާހަގަކޮށްފަ އެވެ. އޭނާ ބުނީ ކުޅުންތެރިންނެކޭ އެއް ފަދައިން އޭނާ ވެސް ހުރީ ދެރަވެ، ހިތްހަމަ ނުޖެހިފަ އެވެ. ވެލެންސިއާ މެޗުގައި ބާސެލޯނާ އިން ރަނގަޅަށް ކުޅުނުކަން ފާހަގަކޮށް ޒަވީ ބުނީ، އެއީ ބާސެލޯނާ އަށް މޮޅުވުން ޙައްގު މެޗެއް ކަމަށެވެ. އެ މެޗުގެ ނަތީޖާ އަށް ބަލައިގެން ކުރިއަށް ނުދެވޭނެ ކަމަށާއި، ދެން ޖެހޭނީ ކުރިއަށް އޮތް މެޗަށް ތައްޔާރުވާން ކަމަށް ވެސް ޒަވީ ބުންޏެވެ.

ސްޕެނިޝް ލީގުގެ އެންމެ ފަހުގެ ޗެމްޕިއަން ބާސެލޯނާ އޮތީ ވެސް ލީގު ތާވަލްގެ ތިން ވަނައިގަ އެވެ. މި ސީޒަންގެ ލީގުގައި މިހާތަނަށް އެ ޓީމު ވަނީ 17 މެޗު ކުޅެފަ އެވެ. އޭގެ ތެރެއިން 10 މެޗުން މޮޅުވެފައިވާއިރު، ފަސް މެޗުން ވަނީ އެއްވަރުވެފަ އެވެ. ދެ މެޗަކުން ބާސެލޯނާ ވަނީ ބަލިވެފަ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އަހްމަދު ދާއޫދު
0%
0%
0%
0%
0%
0%
ކޮމެންޓް