ޤާނޫނީ ސަރުކާރަކަށް ލޮޅުން އަރުވާލަން ނިންމުމަކީ ދިވެހި ދައުލަތަށާއި ދިވެހި ރައްޔިތުންނަށް ޣައްދާރުވުންކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް އެފަދައިން ވިދާޅުވީ 1445 ވަނަ އަހަރުގެ ހުރަވީ ދުވަސް ފާހަގަކުރުމަށް ބޭއްވި ރަސްމީ ޖަލްސާގައި ވާހަކަދައްކަވަމުންނެވެ.
ހުރަވީ ދުވަހަކީ ދިވެހިންގެ މާޒީން މުހިންމު ފިލާވަޅުތަކެއް ލިބޭ ދުވަހެއް ކަމަށް ރައީސް ޑރ.މުއިއްޒު ވިދާޅުވިއެވެ. އެގޮތުން ތާރީހުގެ އަލި ފަރާތަކާއި އަނދިރި ފަރާތެއް ފެންނަ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އެގޮތުން ތާރީހުގެ އަލި ފަރާތުން ފެންނަނީ ދިވެހި ގައުމުގެ ބަޠަލުން ކަމަށާއި އަނދިރިފަރާތުން ފެންނަނީ ޤައުމަށް ޣައްދާރުވި ބައެއް ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވަނީ ތާރީޚުގެ އަނދިރި ފަރާތުން ފެންނަނީ ދިވެހި ޤައުމަށް ޚިޔާނާތެރިވި އަދި ހޮޅިންގެ އަތުން ކަނޑުފައްތާ މަރާލި ޝަމްސުއްދީނާއި މުޙްޔިއްދީނާއި އެ ދެ މީހުންގެ ދަޢުވަތަށް އައި އަނިޔާވެރި ހޮޅީންގެ ލަޝްކަރު ކަމަށް ވިދާޅުވެފައެވެ. އޭރު ޝަމްސުއްދީނާއި މުޙްޔިއްދީނަކީ ދިވެހި ދައުލަތުގެ މަތިފަޑީގައި ތިއްބެވި ދެ ބޭފުޅުން ކަމަށް ވާއިރު ވެރިކަމުގެ ދަހިވެތިކަމުގައި އެ ބޭފުޅުން ބޭރުގެ ބާރެއްގެ އެހީ ހޯއްދެވިކަން ރައީސް ފާހަގަކުރެއްވިއެވެ. އަދި ތާރީހުގެ ތެރެއިން ހުރަވީ ދުވަހުގެ ހާދިސާއަށް އަލިއަޅުވާލެއްވިއެވެ.
ރައީސް ވަނީ އެ ދުވަހުގެ މެސެޖާއި ގުޅޭގޮތުން ވެސް ވާހަކަދައްކަވާފައެވެ.
ހުރަވީ ދުވަސް އަޅުގަނޑުމެންނަށް ގޮވާލަނީ ތާރީޚުން ފިލާވަޅު ލިބިގަތުމަށް. އަމިއްލަ ސިޔާސީ ފައިދާއަށް ޓަކައި ރާއްޖެއަށް ދެރަގޮތް ނުހެދުމަށް. ހުރަވީ ދުވަސް އަޅުގަނޑުމެންނަށް އިލްތިމާސްކުރަނީ ވަކިވަކިވެ ނުގަތުމަށް. އެންމެން ގުޅިގެން އެއްބައިވަންތަވެގެން މި ޤައުމު ސަލާމަތްކުރުމަށް. ހުރަވީ ދުވަސް އަޅުގަނޑުމެންގެ ކިބައިން އެދި އާދޭސް ކުރަނީ ދޮންބަންޑާރައިން ފަދައިން ޤައުމީ ޚިދުމަތަށް ޓަކައި އިސްވެ ޙަރަކާތްތެރިވާ، މި ލޮބުވެތި ދިވެހި ފަސްގަނޑަށް ވަފާތެރި ދިވެހި ދަރިޔަކަށްވުމަށް.ރައީސް ޑރ.މުއިއްޒު
ހުރަވީ ދުވަހުގެ އަލިފަރާތަށް ނިސްބަތް ކުރައްވާ ރައީސް ވިދާޅުވީ ދޮންބަންޑާރައިންނާއި އެމަނިކުފާނަށް ވަފާތެރިވި އިޚްލާޞްތެރި މަދަދުވެރީންގެ ތެދުވެރިކަން އޭރު ފެނިގެން ދިޔަކަމަށެވެ. އެ ބޭފުޅުންގެ އެއްވެސް އަމިއްލަ އެދުންފުޅެއް ނެތްކަމަށާއި އޮތީ ހަމައެކަނި ޤައުމާއި ދީން ސަލާމަތްކުރެއްވުމުގެ ވިސްނުންފުޅުކަމަށް ވެސް ރައީސް ވިދާޅުވިއެވެ. އެހެންކަމުން ހުރަވީ ދުވަހުގެ ބަޠަލް ދޮންބަންޑާރައިންގެ އިޚްލާޞްތެރިކަމާއި މާތް އަޚްލާޤަކީ މި ހާދިސާގައި ތާރީޚުގެ އަލިފަރާތުން ފެންނަ ވަރަށް އުޖާލާ މިސާލެއްކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.
ރައީސް އިތުރަށް ވިދާޅުވީ ހުރަވީ ދުވަހުގެ ބަޠަލުގެ މާތް އަނެއް ސިފަފުޅަކީ ނިންމަވާ ކޮންމެ ނިންމެވުމެއް ދިވެހި ޤައުމާ އެއްކޮޅަށް ނިންމެވުން ކަމަށެވެ. އަދި އެ ދުވަސްވަރުގެ ޖިއޯޕޮލިޓިކަލް ޙަޤީޤަތުގެ މައްޗަށް ލޯފުޅު ހުޅުއްވިފައިވާލެއް ބޮޑުކަންވެސް ފާހަގަވާކަމަށް ވިދާޅުވިއެވެ.