ކ. މާލެ
|
16 ޑިސެންބަރ 2023 | ހޮނިހިރު 18:24
ބޮޑު ކާގޯ ބޯޓެއް
ބޮޑު ކާގޯ ބޯޓެއް
ގެޓީ އިމޭޖަސް
ރެޑްސީގައި ބޯޓުތަކަށް ހަމަލާދިނުން
ރެޑް ސީން ދަތުރުކުރާ ބޮޑެތި އުޅަނދުތަކަށް ހަމަލާދޭތީ ޝިޕިންގ ފަރމްތަކުން ދަތުރުތައް މެދުކަނޑާލައިފި
ކޮންމެ އަހަރަކުވެސް 17 ހާހެއްހާ ކާގޯ އުޅަނދު މިމަގުން ދަތުރުކުރާކަމަށްވޭ

ރެޑްސީ ހުރަސްކޮށް ދަތުރުކުރާ ބޮޑެތި ކާގޯ އުޅަނދުތަކަށް ހަތިޔާރު އެޅި ފަރާތްތަކުން ހަމަލާދޭތީ، ދަތުރުތައް މެދުކަނޑާލާކަމަށް ބައެއް ބޮޑެތި ޝިޕންގ ކުންފުނިތަކުން ބުނެފިއެވެ. މިގޮތުން ޑެންމާކުގެ ބޮޑު ޝިޕިންގ ކުންފުނި "މެއާސްކް"އާއި ޖަރުމަނުގެ ޓްރާންސްޕޯޓް ކޮމްޕެނީ "ހަޕަގް ލޮއިޑް"އިން ވަނީ އެމީހުންގެ ދަތުރުތައް މިވަގުތަށް މެދުކަނޑާލާކަމަށް ބުނެފައެވެ.

ބޮޑެތި ޝިޕިންގ ކުންފުނިތަކުން ރެޑްސީގެ ދަތުރުތައް މެދުކަނޑާލާކަމަށް ބުނުމުގެ ކުރިން، އީރާނުގެ މަދަދު ލިބޭ ހަނގުރާމަވެރި ޙޫޘީން ވަނީ ޚާއްސަކޮށް، އިސްރާއީލުގެ ބޯޓުތަކަށް އަމާޒުކޮށް މިފަދަ އެތައް ހަމަލާއެއްދީފައެވެ. އަދި ހެލިކޮޕްޓަރުގައި ގޮސް ހަތިޔާރާއެކު ފައިބައި، ބޯޓުތައް ހިފާފައިވެސް އެބަހުއްޓެވެ. 

ޔަމަނުގެ ސަރަހައްދެއް ކޮންޓްރޯލް ކުރަމުންދާ ޙޫޘީން ބުނަނީ އެމީހުން ހަމަލާދެނީ އިސްރާއީލުގެ ބޯޓުތަކަށާއި އިސްރާއީލަށް ދަތުރުކުރާ ބޯޓުތަކަށް ކަމަށެވެ. އަދި އެމީހުންގެ ހަރަކާތްތަކަކީ ހަމާސްއަށް ތާއީދުކޮށް ހިންގާ ހަރަކާތްތަކެއް ކަމަށް ބުނަމުން ގެންދެއެވެ.

ރެޑް ސީ ވަށައިގެންވާ ގައުމުތައް

ރެޑްސީއަކީ ތެލާއި އެހެންވެސް ފިއުލް ޝިޕްމަންޓްތައް އުފުލޭ އެންމެ ބޮޑު އެއް މަގެވެ. އެ މަގުން ދަތުރުކުރި ޖަރުމަނުގެ ބޮޑު ބޯޓަކަށްވެސް ދާދިފަހުން ހަމަލާ ދީފައިވާކަމަށް އެފަރާތުން ބުނެފައިވެއެވެ. އެހެންކަމުން އެމީހުންގެ ދަތުރުތައް ވަނީ ހޯމަ ދުވަހާ ހަމައަށް މެދުކަނޑާލާފައެވެ.

ރެޑް ސީއަށް ވަނުމަށް ނުވަތަ ނިކުތުމަށް މުހިންމު ކަނޑު އޮޅިއެއް ކަމަށްވާ ބާބުލްމަންދަބް ސްޓްރެއިޓް ހުރަސްކުރަން ޖެހެއެވެ. ވިއްސަކަށް މޭލު ފުޅާ ބާބުލްމަންދަބް ސްޓްރެއިޓުގެ ވަށައިގެންވާ ގައުމުތަކަކީ ޔަމަން، ޖިބޫތީ، އަދި އެފްރިކާ ފަޅިން އެރިޓްރިޔާއެވެ. ސުވައިސް ކެނަލުން ހުރަސްކުރުމަށް ގަސްތުކުރާ އުޅަނދުތައްވެސް ބާބުލްމަންދަބް ސްޓްރެއިޓް ހުރަސްކުރަން ޖެހެއެވެ.

ބާބުލްމަންދަބް ސްޓްރެއިޓް ހުރަސްކުރި ދެ ބޯތަކަށް ހުކުރު ދުވަހުވެސް ހަމަލާދީފައި ވެއެވެ. އެއީ ޑްރޯން އަދި މިސައިލް ހަމަލާއެކެވެ. ދެ ހަމަލާވެސް ދިނީ ޙޫޘީން ކަމަށް ޝައްކުކުރެވޭއިރު އެ ފަރާތުން ބުނެފައިވަނީ ދެ ބޯޓަކަށް މިސައިލް ހަމަލާ ދިންކަމަށާއި، ނަމަވެސް ޑްރޯން ހަމަލާއެއް ނުދޭކަމަށެވެ.

ކޮންމެ އަހަރަކުވެސް 17 ހާހެއްހާ ކާގޯ އުޅަނދު މިމަގުން ދަތުރުކުރާ ކަމަށް ވެއެވެ. އެއީ މުޅިދުނިޔޭގައި އުފުލޭ ވިޔަފާރި މުދަލުގެ 10 އިންސައްތައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް