ކ. މާލެ
|
2 ޖުލައި 2024 | އަންގާރަ 14:30
ޔަމަނުގެ އަސްކަރީ ބާރުތަކުން ކަނޑު ބޯޓަކަށް ދިން ހަމާލާ އެއްގެ މަންޒަރެއް
ޔަމަނުގެ އަސްކަރީ ބާރުތަކުން ކަނޑު ބޯޓަކަށް ދިން ހަމާލާ އެއްގެ މަންޒަރެއް
ޕްރެސް ޓީވީ
ޔަމަނުގެ ހޫތީން
ޔަމަނުގެ ހޫތީން އިޒްރޭލް، އިނގިރޭސިވިލާތް، އެމެރިކާގެ ކަނޑުބޯޓު ތަކަކަށް ހަމަލާ ދީފި
ގާޒާގައި އިޒްރޭލުން ހިންގާ އުދުވާނުތައް ކުރިއަށްދާހާ ދުވަހަކު ބޯޓު ފަހަރަށް ހަމާލާ ދިނުން ހުއްޓާ ނުލާނެ ކަމަށް ހޫތީން ތަކުރާރުކޮށް އަންނަނީ ބުނަމުންނެވެ.

ޔަމަނުގެ ހޫތީ ހަނގުރާމަ ވެރިން އެމެރިކާ، އިނގިރޭސި ވިލާތް އަދި އިޒްރޭލާ ގުޅުން ހުރި ތިން ކަނޑު ބޯޓަށް ހަމަލާ ދީފި ކަމަށް ހޫތީންގެ އަސްކަރީ ތަރުޖަމާނު ޔަހުޔާ ސާރީ ބުނެފިއެވެ.

ހޯމަ ދުވަހު ޔަހްޔާ ސާރީ ބުނެފައިވަނީ، މި ބޯޓު ފަހަރަށް ހަމަލާ ދިނުމަށް ތިން އޮޕަރޭޝަނެއް ކާމިޔާބު ކަމާ އެކު ކުރިއަށް ގެންދެވިފައިވާ ކަމަށެވެ.

"ފުރަތަމަ އޮޕަރޭޝަނަކީ އެރޭބިއަން ކަނޑުގައި އޮތް އިޒްރޭލުގެ އެމްއެސީ ޔުފިކް އަށް ދިން މިސައިލް ހަމަލާ، އެ ހަމަލާ ވަނީ ސީދާ ޓާގެޓަށް އަމާޒު ވެފައި،" ހޫތީންގެ ތަރުޖަމާނު ބުނެފައިވެއެވެ.

ޔަހްޔާ ސާރީ ބުނި ގޮތުގައި ދެ ވަނަ އޮޕަރޭޝަންގައި، ރަތް ކަނޑުގައި އޮތް އެމެރިކާގެ ތެޔޮ ޓޭންކަރު ޑެލޮނިކްސް އަށް އެތައް ބެލަސްޓިކް މިސައިލް ހަމަލާ ވަނީ ދީފައެވެ. އެއީ މި ޓޭންކަރަށް ހަފްތާ އެއްގެ ތެރޭގައި ފޮނުވާލި ދެ ވަނަ ހަމަލާއެވެ.

ތިންވަނަ ހަމަލާ ދިނީ އިންޑިއާ ކަނޑުގައި އޮތް އިނގިރޭސި ވިލާތުގެ މަނަވަރު އެންވިލް ޕޮއިންޓް އަށް ކަމަށް ތަރުޖަމާނު ބުނެފައިވެއެވެ. ކްރޫސް މިސައިލްގެ މި ހަމަލާ ވެސް ޓާގެޓަށް ދިޔަ ކަމަށް އޭނާ ވަނީ ބުނެފައެވެ.

ކުރިން ވެސް ހޫތީން ބުނަމުން އަންނަ ގޮތައް، ހޫތީންގެ އަސްކަރީ ތަރުޖަމާނު ބުނީ މި ހަމަލާތަކަކީ ގާޒާގެ ރައްޔިތުންނަށް ހިތްވަރު ދިނުމުގެ ގޮތުން ދިން ހަމަލާތަކެއް ކަމަށެވެ. އޭގެ އިތުރުން އެމެރިކާ އާއި އިނގިރޭސިވިލާތާ އިޒްރޭލުން ގުޅިގެން އެރޭބިއަން ޕެނިންސުލާ ގައި ދެމުންދާ ހަމަލާތަކާ ދެކޮޅަށް ރައްދު ދިނުމުގެ ގޮތުން ދޭ ހަމަލާ ތަކެއް ކަމަށްވެސް ޔަހްޔާ ސާރީ ވަނީ ބުނެފައެވެ.

ޔަހޫދީ ސިފައިން ގާޒާގައި އުދުވާން ހިންގާ އަންހެނުންނާ ކުޑަކުދިން މަރަމުން ދާހާ ދުވަހަކު އެމެރިކާ އާއި އިނގިރޭސިވިލާތް އަދި އިޒްރޭލާ ގުޅުން ހުރި ކަނޑުބޯޓު ފަހަރަށް ހަމަލާ ދިނުން ހުއްޓާ ނުލާނެ ކަމަށްވެސް ހޫތީން ވަނީ ބުނެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
ކޮމެންޓް