ކ. މާލެ
|
16 ޑިސެންބަރ 2023 | ހޮނިހިރު 17:28
ބެއިޖިންގ ސަމިޓުގެ ތެރެއިން
ބެއިޖިންގ ސަމިޓުގެ ތެރެއިން
ރޮއިޓާސް
އީރާނާއި ސަޢޫދީގެ ގުޅުން
ސަޢޫދީއާއި އީރާނުން، ބެއިޖިންގ އެގްރީމަންޓް ތަންފީޒުކުރުމަށް ވައުދުވެއްޖެ
 
ސަޢޫދީ ޢަރަބިއްޔާ، ޗައިނާ، އަދި އީރާން ބައިވެރިވާ ޓްރައިޕާޓައިނަލް ޖޮއިންޓް ކޮމިޓީގެ އިފްތިތާޙީ ބައްދަލުވުން ހުކުރު ދުވަހު ބެއިޖިންގުގައި ވަނީ ނިންމާލާފައި

ސަޢޫދީ ޢަރަބިއްޔާއާ އީރާނާ ދެމެދު އޮތް ގުޅުން އިތުރަށް ބަދަހިކުރުމާ ބެހޭގޮތުން އެ ދެ ޤައުމުން ޗައިނާގެ ވެރިރަށް ބެއިޖިންގުގައި ވެފައިވީ އެއްބަސްވުންތައް ތަންފީޒުކުރުމަށް ދެ ޤައުމުންވެސް ވަޢުދު ވެއްޖެއެވެ.

ސަޢޫދީ ޢަރަބިއްޔާ، ޗައިނާ، އަދި އީރާން ބައިވެރިވާ ޓްރައިޕާޓައިނަލް ޖޮއިންޓް ކޮމިޓީގެ އިފްތިތާޙީ ބައްދަލުވުން ހުކުރު ދުވަހު ބެއިޖިންގުގައި ވަނީ ނިންމާލާފައެވެ.

ޗައިނާގެ ކޮމިއުނިސްޓް ޕާޓީގެ ސެންޓްރަލް ކޮމިޓީ ފޮރިން އެފެއާޒް ކޮމިޝަން އޮފީހުގެ ޑިރެކްޓަރު އަދި ފޮރިން މިނިސްޓަރު ވަންގް ޔީ ރިޔާސަތު ބެލެހެއްޓެވި މިބައްދަލުވުމުގައި، ސަޢޫދީއާއި އީރާނުގެ ވަފުދުތަކުގެ އިސްވެރިންނާއި ފޮރިން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުން ކަމަށްވާ ވަލީދު ބިން ޢަބްދުލްކަރީމް އަލް ޚުރައިޖީއާއި ޢަލީ ބަގޭރީ ކާނީ ވަނީ ބައިވެރިވެވަޑައިގެންފައެވެ. 

މި މަޝްވަރާތައް މައިގަނޑުގޮތެއްގައި ކުރިއަށްގެންދިޔައީ މިދިޔަ މާޗް މަހު ޗައިނާއިން އެއްބަސްވި ބެއިޖިންގ އެއްބަސްވުމާ ގުޅިގެން ސަޢޫދީ ޢަރަބިއްޔާއާ އީރާނާ ދެމެދު އޮތް ގުޅުން އިތުރަށް ބަދަހިކުރުމާ ބެހޭގޮތުންނެވެ.

އޭގެތެރޭގައި ރިޔާޟާއި ޠިހްރާނުގައި ހުންނަ ދެ ގައުމުގެ އެމްބަސީތައް އަލުން ހުޅުވުމާއި، ދެ ގައުމުގެ ޚާރިޖީ ވަޒީރުންގެ ބައްދަލުވުންތަކާއި ދެ ގައުމުގެ ދެމެދުގައި ކުރާ ދަތުރުތައް ހިމެނެއެވެ.

ސަޢޫދީއާއި އީރާނުގެ ވަފުދުން ވަނީ މި ބައްދަލުވުން ބޭއްވުމުން ޗައިނާއަށް ތަޢުރީފުކޮށް، ބެއިޖިންގ އެގްރީމެންޓުގެ ޝަރުތުތައް ދަމަހައްޓާނެ ކަމަށް ބުނެފައެވެ.

މި މަޝްވަރާތަކުގައި، ޣައްޒާގެ ޙާލަތު އިތުރަށް ގޯސްވަމުންދާ ދިއުމާމެދު ކަންބޮޑުވުން ފާޅުކޮށް، އެކި ދާއިރާތަކުން ގުޅިގެން ކުރަމުންދާ މަސައްކަތްތަކަށް އަލިއަޅުވާލާފައިވެއެވެ. އަދި މިއީ ސަރަޙައްދީ، އަދި ދުނިޔޭގެ ސުލްހަމަސަލަސްކަމަށް އޮތް ނުރައްކަލެއް ކަމަށް ދެކި، އެ ޕާޓީތަކުން ވަނީ އެ ސަރަޙައްދުގައި ހިންގާ އަސްކަރީ އޮޕަރޭޝަންތައް ވަގުތުން ހުއްޓާލުމަށް ގޮވާލާފައެވެ.

އަދި ދެމެހެއްޓެނިވި ގޮތެއްގައި މަދަނީ އެހީގެ ނިޒާމެއް ޤާއިމުކުރަންޖެހޭ ކަން ހާމަކޮށް، ފަލަސްތީނު މީހުން މަޖުބޫރުން އެ ގައުމުން ބޭރުކުރަން އުޅޭ ކަމަށް ބުނެ، އެ މީހުންނަށް ވަރަށް ބޮޑަށް ފާޑުކިޔާފައިވެއެވެ.

ފަލަސްތީނުގެ މުސްތަގުބަލާމެދު ކޮންމެ ނިންމުމެއް ނިންމަން ޖެހޭނީ ފަލަސްތީނުގެ ރައްޔިތުންގެ އެދުމާ އެއްގޮތަށް ކަމަށާއި، އަމިއްލަ ދައުލަތެއް އުފައްދައިދިނުމުގެ ޙައްޤު ކަށަވަރުކޮށްދޭ ކަމަށް އެ ތިން ބޭފުޅުން ވިދާޅުވިއެވެ.

މީގެ އިތުރުން ޓްރައިޕާޓައިނަލްގެ ދެން އޮންނަ ބައްދަލުވުން އަންނަ ޖޫން މަހު ސަޢޫދީ ޢަރަބިއްޔާގައި ބޭއްވުމަށްވެސް ވަނީ އެއްބަސްވެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
0%
0%
0%
100%
0%
0%
ކޮމެންޓް