ނޮޓިންގހަމް ފޮރެސްޓް ބަލިކޮށް, ޓޮޓްނަމް އިން ޗެމްޕިއަން މެންޗެސްޓަރ ސިޓީއާ އަރާ ހަމަކޮށްފިއެވެ.
މެޗުގެ ވިހި މިނިޓް 10 ކުޅުންތެރިންނާއެކު ކުޅެން ޖެހުނު ޓޮޓްނަމް އިން ނޮޓިންގހަމް ފޮރެސްޓް ބަލިކުރީ 2-0 ނެވެ. ފުރަތަމަ ހާފްގެ އިތުރު ވަގުތުގައި ޓޮޓްނަމް އަށް ލީޑް ނަގައިދިނީ ބްރެޒިލްގެ ރިޗާލިސަން އެވެ. މިއީ ދެ މެޗުން އޭނާ ޖެހި ތިންވަނަ ގޯލެވެ. 65 ވަނަ މިނިޓްގައި ދެވަނަ ލަނޑު ޖެހީ ކުލުސުވެސްކީ އެވެ. ފުރަތަމަ ލަނޑު ޖަހަން ރިޗާލިސަން އަށް ފުރުޞަތު ތަނަވަސްކޮށްދިނީ ވެސް އޭނާ އެވެ. ޓޮޓްނަމް އިން ދެ ލަނޑުގެ ލީޑެއް ނެގިތާ ފަސް މިނިޓް ފަހުން ބިސޯމާ އަށް ސީދާ ރަތްކާޑެއް ދެއްކުމުން ފަހު ވިހި މިނިޓް ޓޮޓްނަމް އިން ކުޅުނީ އެއް ކުޅުންތެރިއަކު މަދުކޮށެވެ. ރަތްކާޑް ދެއްކީ ރަޔަން ޔޭޓްސް އަށް, ބިސޯމާ ކުރި ނުރައްކާތެރި ފައުލަކާ ގުޅިގެންނެވެ. މިއީ މިސީޒަންގައި އޭނާގެ ދެވަނަ ރަތް ކާޑެވެ.
މެޗުން ލިބުނު މޮޅާއެކު ޓޮޓްނަމް ވަނީ ހަތަރު ވަނައިގައި އޮތް މެންޗެސްޓަރ ސިޓީއާ ޕޮއިންޓްގެ ގޮތުން ހަމަކޮށްފައެވެ. އެކަމަކު އެއީ ސިޓީ އަށްވުރެ އިތުރަށް މެޗެއް ކުޅެގެންނެވެ. ޕޮއިންޓް ހަމަހަމަވިޔަސް ފައިދާ ގޯލުން ކުރީގައި އޮތީ ސިޓީއެވެ. ޓޮޓްނަމް އޮތީ ފަސް ވަނައިގައެވެ. ދެޓީމަށް ވެސް ލިބިފައިވަނީ 33 ޕޮއިންޓެވެ. ނޮޓިންގހަމް ފޮރެސްޓް އޮތީ 14 ޕޮއިންޓާއެކު 16 ވަނައިގައެވެ. އެންމެ ފަހުން ކުޅުނު ހަ މެޗުގެ ތެރެއިން ފަސް މެޗުން އެޓީމް ވަނީ ބަލިވެފައެވެ.