ކ. މާލެ
|
16 ޑިސެންބަރ 2023 | ހޮނިހިރު 08:55
އަލް އަހްލީ ސައުދީން ކުޅުނު މެޗުގެ ތެރެއިން
އަލް އަހްލީ ސައުދީން ކުޅުނު މެޗުގެ ތެރެއިން
ޓްވީޓަރ
ސައުދީ ޕްރޯ ލީގު
މޮޅާއެކު އަލް އަހްލީ ސައުދީ ތިން ވަނަ އަށް
އަހްލީ ސައުދީ ތިން ވަނައިގައި އޮތީ މިހާތަނަށް ކުޅުނު 17 މެޗުން 34 ޕޮއިންޓު ހޯދައިގެން

ސައުދީ ޕްރޯ ލީގުގައި އަލް ފެއިހާއާއި ދެކޮޅަށް ކުޅުނު މެޗުން މޮޅުވެ، އަލް އަހްލީ ސައުދީން ލީގު ތާވަލްގެ ތިން ވަަނަ އަށް ޖެހިލައިފިއެވެ.

ލީގުގައި އަލް ފެއިހާއާއި ދެކޮޅަށް ނިކުތްއިރު، އަލް އަހްލީ ސައުދީ އޮތީ ހަތަރު ވަނައިގައެވެ. އެއީ ތިން ވަނައިގައި އޮތް އަލް ތާވޫނާއި އެއް ވަރަށް ޕޮއިންޓު ހޯދައިގެންނެވެ. މެޗުން މޮޅުވެ، ތިން ވަނަ އަށް ޖެހިލަން ލިބުނު ފުރުސަތުގައި އަލް އަހްލީ ސައުދީން ވަނީ 4-0 އިން މެޗު ކާމިޔާބު ކޮށްފަ އެވެ.

މެޗު ފަށައިގެން 11 ވަނަ މިނެޓުގައި އަލް އަހްލީ ސައުދީން ވަނީ ލަނޑު ޖަހައި ލީޑު ނަގައިފަ އެވެ. އެ ޓީމަށް ލީޑު ނަގައިދިނީ ފެރާސް އަލްބްރިކާން އެވެ. އޭގެ ހަ މިނެޓު ފަހުން އެ ޓީމުގެ ދެ ވަނަ ލަނޑު ޖަހައި، ލީޑު ފުޅާކޮށްދިނީ އަލީ މަޖްރާޝީ އެވެ. އޭގެ ފަހުން 30 ވަނަ މިނެޓުގައި އަލްބްރިކާން ވަނީ އަލް އަހްލީ ސައުދީގެ ތިން ވަނަ ލަނޑު ޖަހައިފަ އެވެ. އެ ޓީމުގެ ހަތަރު ވަނަ ލަނޑު 43 ވަނަ މިނެޓުގައި ޖެހީ ރިޔާދް މާރޭޒް އެވެ. މާރޭޒް އެ ލަނޑު ޖެހީ އަލް އަހްލީ ސައުދީ އަށް ލިބުނު ޕެނަލްޓީއެއް ކާމިޔާބު ކޮށްގެންނެވެ.

މޮޅާއެކު އަލް އަހްލީ ސައުދީ ތިން ވަނައިގައި އޮތީ މިހާތަނަށް ކުޅުނު 17 މެޗުން 34 ޕޮއިންޓު ހޯދައިގެންނެވެ. އެ ޓީމަށް ވުރެ އެއް މެޗު މަދުން ކުޅެގެން ހަތަރު ވަނައިގައި އަލް ތާވޫނަށް ލިބެނީ 31 ޕޮއިންޓެވެ. މެޗުގެ އަދަދު ހަމަކޮށްގެން އެ ޓީމަށް، އަލް އަހްލީ ސައުދީއާ އެއްވަރު ކުރުމުގެ ފުރުސަތު އޮންނާނެ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
- ކޮމެންޓް