ބޭސް ސިޓީގައި ޑޮކްޓަރު ލިޔެދޭ ބްރޭންޑު ނޫން އެހެން ބްރޭންޑުތަކުގެ ބޭސް ދޫނުކުރުމަށް އާސަންދައިން އަންގައިފިއެވެ.
އެ ކުންފުނިން މިގޮތަށް އަންގާފައިވަނީ ބުރަސްފަތި ދުވަހު އާސަންދަ ސްކީމުގެ ދަށުން ޚިދުމަތްދޭ ހުރިހާ މަރުކަޒުތަކަށް ފޮނުވި ސާކިއުލާއެއްގައެވެ. އެގޮތުން، ވަކި ބްރޭންޑެއްގެ ބޭސް ބަލި މީހާއަށް ދޫކުރަން ޑޮކްޓަރު ބޭނުންވާނަމަ އެ ބްރޭންޑުގެ ނަން ސާފުކޮށް ލިޔެފައި އޮންނަން ޖެހޭނެ ކަމަށާއި އޭގެ ބަދަލުގައި އިތުރު ބްރޭންޑެއް (ސަބްސްޓިޓިއުޓެއް) ނުދިނުމަށް އެދޭކަމަށް ވެސް ލިޔަން ވަނީ އަންގާފައެވެ.
ވަކި ބޭހެއް މެނުވީ ބަލިމީހާއަށް ދޫނުކުރުމަށް ޑޮކްޓަރު އެދޭ ހާލަތުގައި ބޭސް ފިހާރަތަކުން އެ ނޫން އެހެން ބޭހެއް ދޫކޮށްގެން ނުވާނެ ކަމަށް އާސަންދައިން ބުނެއެވެ. އަދި އާސަންދަ ސްކީމުގެ ދަށުން ބޭސް ދޫކުރާއިރު ޑޮކްޓަރު ލިޔެދީފައިވާ ބްރޭންޑު ނޫން އެހެން ބްރޭންޑެއް ނުދެވޭނެކަން ބަލި މީހާއަށް އޮޅުންފިލުވައިދޭން ޖެހޭނެ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.
މި ގެނައި ބަދަލާއެކު ޑޮކްޓަރު ވަކި ބްރޭންޑެއްގެ ބޭހެއް ބުނެފައިވަނިކޮށް އެ ބްރޭންޑު އެއްވެސް ބޭސް ފިހާރައަކުން އެވަގުތަކު ލިބެން ނެތްނަމަ ބްރޭންޑު ބަދަލު ކުރުމަށް ބަލި މީހާ ދާން ޖެހޭނީ ޑޮކްޓަރު ކައިރިއަށެވެ. އެ ބްރޭންޑު ނޫން އެހެން ބްރޭންޑެއްގެ ބޭސް ބަލިމީހާއަށް ބޭސް ފިހާރަތަކުން ދޫކުރެވޭނީ ޑޮކްޓަރު އެ ބޭހަށް ބަދަލު ގެނައުމުންނެވެ.
ވަކި ބްރޭންޑެއް ޑޮކްޓަރު ނުލިޔާނަމަ ބޭސް ފިހާރަތަކުން އެ ތަނަކުން ދޫކުރާ ބްރޭންޑެއްގެ ބޭހަކަށް ބިލް ކުރެވޭނެ ކަމަށް ވެސް އާސަންދައިން ބުންޏެވެ. ނަމަވެސް ވަކި ބްރޭންޑެއް ދޫކުރަން ޑޮކްޓަރު އެދޭ ހާލަތުގައި ބޭސް ފިހާރައިން އެ ބްރޭންޑެއް ނޫން އެހެން ބްރޭންޑެއްގެ ބޭސް ދޫކޮށްފިނަމަ އެ ޓްރާންސެކްޝަން ބަލައިނުގަތުމަށް އެ ކުންފުނިން ވަނީ ނިންމާފައެެވެ.
އަންނަ އާދީއްތަ ދުވަހުން ފެށިގެން ޑޮކްޓަރު ލިޔެފައިވާ ބްރޭންޑު ނޫން އެހެން ބްރޭންޑެއް ދޫކޮށްގެން ބޭސް ފިހާރަތަކުން ހަދާ ޓްރާންސެކްޝަންތައް ރިޖެކްޓް ކުރާނެ ކަމަށް އާސަންދައިން ބުންޏެވެ.
ޑޮކްޓަރު ލިޔެފައިވާ ބްރޭންޑުގެ ބޭހެއް ބޭސް ފިހާރައިގައި ނެތްހާލަތްތަކުގައި އެ ބޭހުގެ އެހެނިހެން ބްރޭންޑުތައް އާއްމުކޮށް ބޭސް ފިހާރަތަކުން ބަލި މީހުންނަށް ދޫކުރެއެވެ.