ދިވެހީންގެ ލޭނާރު ކަމަށްވާ މަސްވެރިކަމުގެ ސިނާއަތުގެ ތަރައްގީގެ ވާހަކަ މި ފަހަކުން މާ ބާރުކޮށް އަޑުއިވެން ފެށީ، އައު މިނިސްޓަރެއް އެ ވުޒާރާއަށް ހަވާލުވެވަޑައިގެންނެވި ހިސާބުންނެވެ. އުންމީދީ މަންޒަރުތަކެއް ދައްކަވަމުން ގެންދެވި އެ ވަޒީރުގެ ވާހަކަތަކާއި ވައުދުތަކުގެ ލިސްޓު ވަރަށް ދިގެވެ. އެމަނިކުފާނުގެ އެ ވާހަކަތަކުގެ ޔައުމިއްޔާގެ ފޮތް ހުޅުވާލިއިރު ކަމަކު ދާކަށް ނެތެވެ. މި އޮއްގެން "ކްރެޑިޓް" ބާނަނީ އެވެ. ކުރީ ސަރުކާރުން ކުރި ހުރިހާ މަސައްކަތްތަކެއް އަމިއްލަ ކުރަނީ އެވެ.
މިހާރުގެ މަސްވެރިކަމާ ބެހޭ ވުޒާރާގެ ވަޒީރު އަޙްމަދު ޝިޔާމް ދައްކަވަމުން ގެންދެވި މަންޒަރުން ސާފުވީ އެންމެ ކަމެކެވެ. އެއީ ކޮޕީ ކުރުމެވެ. ނުވަތަ އެހެން ބައެއްގެ މަސައްކަތްތައް އަމިއްލަ ކުރުމެވެ. އޭގެ ކިތަންމެ މިސާލެކެވެ.
މީގެ ދުވަސްކޮޅެއް ކުރިން، ރާއްޖޭގެ ޚަބަރުތަކުގެ ސުރުޚީތަކަށް އެރީ ރާއްޖޭގެ ދެކުނުގައި 50 ޓަނުގެ މަސް ބަންދުކުރާ ފެސިލިޓީއެއް ގާއިމް ކުރައްވާނެ ކަމަށް މިނިސްޓަރު ޝިޔާމް ވިދާޅުވި ވާހަކަ އެވެ.
އެފަދަ މަސް ބަންދުކުރާ ކާރުހާނާއެއް ދެކުނުގައި ތަރައްގީ ކުރުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގެ ވަރަށް ބޮޑު އަމާޒެއް ކަމަށާއި ދެކުނުގައި އެފަދަ ފެސިލިޓީއެއް ގާއިމު ކުރުމަކީ މަސްވެރިކަމުގެ ދާއިރާ ކުރިއަށް ގެންދަން ކުރަންޖެހޭ ކަމެއް ކަމަށް އެދުވަހު އެމަނިކުފާނު ވިދާޅުވި އެވެ.
އެގޮތުން ރާއްޖޭގެ ދެކުނުން މަސްބާނައިގެން ކޫއްޑޫ، ފަރެސްމާތޮޑާ އަދި ވާދޫ އާ ހިސާބުގައި އެ ތަނެއް ބިނާކުރައްވާނެ ކަމަށް ވަޒީރު އެ ދުވަހު ވިދާޅުވި އެވެ.
ބައްލަވާ ވަޒީރެވެ. ގއ. ކޫއްޑޫގައި މިހާރު ހިންގާ ކާރުހާނާގައި މަސް ގަނޑުކޮށް ބެހެއްޓޭ މިންވަރު އިތުރުކުރަން މިފްކޯ އިން އެމްޓީސީސީއާ އެކު 12 ޖުލައި 2023 ގައި ވަނީ ސޮއިކޮށް، އެ މަސައްކަތް ފަށާފަ އެވެ. އެ މަސައްކަތުގެ ދަށުން ކޫއްޑޫގެ ބްރައިން ފްރީޒިން ސްޓޯރޭޖްގެ މަސައްކަތްތައް ކުރެވޭއިރު، ކޫއްޑޫގައި ކޮންޓެއިނަރު ޔާޑަކާއި މަސް އުފުލައި ބޭލުމަށް ހާއްސަ ޖެޓީއެއް ހެދުމުގެ މަސައްކަތް ދަނީ ކުރިއަށެވެ.
އެ މަސައްކަތުގެ އިތުރުން، ކޫއްޑޫގައި 120 މެޓްރިކް ޓަނުގެ ފްރީޒިން ކެޕޭސިޓީ އަށް އިތުރު ކުރުމުގެ މަސައްކަތް، 1250 މެޓްރިކް ޓަނުގެ ރީފަ ކޮންޓެއިނަރު ކޯލްޑް ސްޓޯރޭޖް މަސައްކަތް، ލޯކަލް ޕްރޮޑަކްޝަން ކެޕޭސިޓީ އިތުރު ކުރުމުގެ މަސައްކަތް އަދި ކޫއްޑޫގެ ބްރައިން ފްރީޒަށް ކޮންޑެންސާ އަދި ޕަމްޕު އިތުރުކޮށް، އިތުރު 80 މެޓްރިކް ޓަނުގެ ކެޕޭސިޓީ އިތުރު ކުރުމުގެ މަސައްކަތްތައް ދަނީ ކުރިއަށެވެ. ބައެއް މަސައްކަތްތައް މިހާރު ވެސް ވަނީ ނިމފަ އެވެ.
މިއީ އަދި އެންމެ ރަށެއްގެ ވާހަކަ އެވެ. އެމަނިކުފާނު ވިދާޅުވީ އެންމެ ރަށެއްގެ ވާހަކަ އެވެ.
ދެން އޮތީ ރާއްޖޭގެ މަހުގެ ސްޓޯރޭޖް ކެޕޭސިޓީއާއި އައިސްގެ މައްސަލަ 18 މަސް ދުވަހުގެ ތެރޭގައި ޙައްލުކުރައްވާނެ ކަމަށް ވަޒީރު ވިދާޅުވި ވާހަކަ އެވެ. އަނެއްކާ ވެސް މިނިސްޓަރެވެ. އަޑު އައްސަވައްޗެވެ.
ތިޔަ ވިދާޅުވާ މަސައްކަތްތައް ކުރުމަށް، އެސްޓީއޯ އާ ހަވާލުކޮށްގެން މިދިޔަ ސަރުކާރުން މިހާރު ވެސް ގެންދަނީ މަސައްކަތްތަކެއް ކުރަމުންނެވެ. އޭގެ ތެރޭގައި، ރާއްޖޭގެ އެންމެ އުތުރުން ހއ. އިހަވަންދޫ 1،000 މެޓްރިކް ޓަނުގެ ސްޓޯރޭޖް ފެސިލިޓީއަކާއި، 100 މެޓްރިކް ޓަނުގެ ބްރައިން ފްރީޒިން ކެޕޭސިޓީ އެއް ގާއިމް ކުރުމާ އެކު، މަސް ގަންނަ ސެންޓަރެއް ގާއިމް ކުރުމުގެ މަސައްކަތް ހިމެނެ އެވެ.
މީގެ އިތުރުން މ. މުލަކުގައި ކޯލްޑް ސްޓޯރޭޖް މަޝްރޫއެއް ހިންގުމުގެ އިތުރުން، ގދ. ތިނަދޫގައި "މިފްކޯގެ ހުވަދޫގެ އާ ފެސިލިޓީގެ" ނަމުގައި 1000 މެޓްރިކް ޓަަނުގެ ކޯލްޑް ސްޓޯރޭޖް އަދި ވެސް އިތުރު ގިނަ މަސައްކަތްތަކެއް ހިމެނޭ ކޮމްޕެކްސްއެއްގެ މަސައްކަތެވެ.
މިވަރުން އަދި ހުރިހާކަމެއް އަމިއްލަ ކުރުމަކުން ރީތި ނަން ލިބިވަޑައިގަންނަވާނެ ކަމަށް ހީކުރެއްވުމަކީ ކުށް ހީއެކެވެ. ތަރައްގީގެ މަސައްކަތްތަކަކީ ކުރީގެ ސަރުކާރުތަކުން ވެސް ކުރި މަސައްކަތްތައް ކަމުގައި ގަބޫލުކުރައްވައި، އެ މަސައްކަތްތައް ނުހުއްޓި ކުރިއަށް ގެންދެވޭނެ ގޮތްތަކެއް ހޯއްދެވުމަކީ އެންމެ ރަނގަޅު ގޮތެވެ. އެބޭފުޅުންނަށް ވެސް ދޭންޖެހޭ އިޙްތިރާމު ދެއްވަމުންނެވެ.