ކ. މާލެ
|
12 ޑިސެންބަރ 2023 | އަންގާރަ 08:04
ވިކްޓާ އޮސީމެން
ވިކްޓާ އޮސީމެން
ރޮއިޓާސް
އެފްރިކަން ފުޓްބޯޅަ އެވޯޑް
އެފްރިކާގެ މޮޅު ކުޅުންތެރިއަކަށް ވިކްޓާ އޮސީމެން
މިއީ އޮސީމެން އެވޯޑް ހޯދި ފުރަތަމަ ފަހަރު

އެފްރިކާގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިއަކަށް ނައިޖީރިޔާގެ ވިކްޓާ އޮސީމެން ހޮވައިފިއެވެ.

މިއަހަރުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ކޮންފެޑެރޭޝަން އޮފް އެފްރިކަން ފުޓްބޯލް އިން ހޮވި އޮސީމެން އަކީ ނަޕޯލީގެ ފޯވާޑެވެ. އޭނާ އެވޯޑް ހޯދީ އިނގިރޭސި ޕްިރމިއަރ ލީގު ތާވަލްގެ އެއްވަނާގައި މިވަގުތު އޮތް ލިވަޕޫލްގެ މިސްރު ފޯވާޑް މުޙައްމަދު ސަލާހު ފަހަތަށް ޖައްސާލުމަށްފަހުއެވެ. އެވޯޑަށް ދެން ވާދަކުރީ މޮރޮކޯގެ އަޝްރަފް ހަކީމީ އެވެ. މިއީ 1999 ވަނަ އަހަރުގެ ފަހުން ނައިޖީރިޔާ ކުޅުންތެރިއަކަށް މިއެވޯޑް ލިބުނު ފުރަތަމަ ފަހަރެވެ. މިއީ 24 އަހަރުގެ އޮސީމެން މިއެވޯޑް އުފުލާލި ފުރަތަމަ ފަހަރެވެ. އޭނާ އަންނަނީ ނަޕޯލީގައި މޮޅަށް ކުޅެމުންނެވެ. ނަތީޖާއަކީ ޔޫރަޕްގެ ބޮޑަތި ބާރުތަކުން އޭނާއަށް ޝައުޤުވެރިވުމެވެ.

2022/2023 ވަނަ އަހަރުގެ ސީޒަންގައި ކުޅުނު 32 މެޗުން އޮސީމެން ވަނީ 26 ގޯލް ޖަހާފައެވެ. ނަޕޯލީން 33 އަހަރުގެ ތެރޭގައި ފުރަތަމަ ފަހަރަށް ލީގު ހޯދުމުގައި އޭނާގެ ދައުރު ބޮޑެވެ. ނަތީޖާއަކީ އިޓަލީގެ ފުޓްބޯޅަ ފެޑެރޭޝަނުން ހޮވި އަހަރުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ވެސް އޮސީމެން ވުމެވެ. ބެލޮންޑިއޯ އެވޯޑްގެ ގަދަ ދިހައެއްގައި ހިމެނުނު ފުރަތަމަ ނައިޖީރިޔާ ކުޅުންތެރިއަކީ ވެސް އޮސީމެން އެވެ. އޭނާ ހިމެނުނީ އެލިސްޓްގެ އަށް ވަނައިގައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް