އިޓާލިއަން ލީގުގައި އުދިނޭސީއާ ދެކޮޅަށް ކުޅުނު މެޗުން މޮޅުވެ، އިންޓަ މިލާން އަލުން އެއްް ވަނަ އަށް ޖެހިލައިފިއެވެ.
ލީގުގައި އާދީއްތަ ދުވަހުގެ ރޭ އިންޓަގެ އަމިއްލަ ދަނޑުގައި އުދިނޭސީއާ ދެކޮޅަށް ނުކުތްއިރު އެ ޓީމު އޮތީ ދެ ވަނައިގައެވެ. އެއީ އެއް ވަނައިގައި އޮތް ޔުވެންޓަސް އަށް ވުރެ އެއް މެޗު މަދުން ކުޅެގެންނެވެ. ނަމަވެސް، މެޗުގެ އަދަދު ހަމަކޮށް އަލުން އެއް ވަނަ އަށް ޖެހިލުމުގެ ފުރުސަތު އިންޓަ އަށް އޮތެވެ. ފުރުސަތުގެ ބޭނުން ހިފައި، މި ސީޒަންގައި މޮޅަށް ކުޅެމުން އަންނަ އިންޓަ އިން ވަނީ 4-0 އިން އުދިނޭސީ ބަލިކޮށްފައެވެ.
މެޗުގައި އިންޓަ އިން ފުރަތަމަ ތިން ލަނޑު ޖެހީ ފުރަތަމަ ހާފުގައެވެ. ހަތަރު ވަނަ ލަނޑު ޖެހީ ދެ ވަނަ ހާފުގައެވެ. މެޗުގެ 37 ވަނަ މިނެޓުގައި އިންޓަގެ ފުރަތަމަ ލަނޑު ހަކަން ޗަނޮނޮގްލޫ ޖެހީ އެ ޓީމަށް ލިބުނު ޕެނަލްޓީއެއް ކާމިޔާބު ކޮށްގެންނެވެ. އޭގެ ފަހުން 42 ވަނަ މިނެޓުގައި އިންޓަގެ ތިން ވަނަ ލަނޑު ފެޑެރިކޯ ޑިމާކޯ ޖެހީ، ޗަނޮނޮގްލޫ ތަނަވަސްކޮށްދިން ފުރުސަތެއްގައެވެ. އޭގެ ދެ މިނެޓު ފަހުން މާކަސް ތުރަމް ވަނީ އިންޓަގެ ތިން ވަނަ ލަނޑު ޖަހައި، ލީޑު އިތުރަށް ފުޅާ ކޮށްދީފައެވެ. އިންޓަގެ ހަތަރު ވަނަ ލަނޑު މެޗުގެ 84 ވަނަ މިނެޓުގައި ޖެހީ އާޖެންޓީނާގެ ލައުޓާރޯ މާޓިނޭޒްއެވެ.
މޮޅާއެކު އެއް ވަނައިގައި އިންޓަ މިލާން އޮތީ މިހާތަނަށް ކުޅުނު 15 މެޗުން 38 ޕޮއިންޓު ހޯދައިގެންނެވެ. މި ސީޒަންގެ ލީގުގައި އިންޓަ ބަލިވެފައި ވަނީ އެންމެ މެޗަކުންނެވެ. ދެ މެޗު އެއްވަރުވެފައިވާއިރު، 12 މެޗުން ވަނީ މޮޅުވެފަ އެވެ. އިންޓަގެ ފަހަތުން ދެ ވަނައިގައި ޔުވެންޓަސް އޮތީ 36 ޕޮއިންޓާ އެކުއެވެ.