ކ. މާލެ
|
10 ޑިސެންބަރ 2023 | އާދީއްތަ 11:11
ކްރިމިނަލް ކޯޓު
ކްރިމިނަލް ކޯޓު
އަވަސް
މަރުގެ މައްސަލަތައް
18 އަހަރުނުވާ ކުއްޖަކު ވިހެއުމުން، ވިހެއި ތުއްތު ކުއްޖާ މަރާލި މައްސަލަ: އެކަކު ދައުވާއަށް އިންކާރުކޮށްފި
 
މޫސާ އަޙްސަމް ބަންދުގައި ބަހައްޓައިގެން ޝަރީއަތަށް ހާޒިރު ކުރުމުގެ އަމުރު ނެރުއްވާނެ
 
ދައުލަތުން ވަނީ ޝާއިރާއާ ދެކޮޅަށް 14 ޝަފަހީ ހެއްކަކާއި އަދި ކިތާބީ ހެކިތައް ހުށައަޅާފައި
 
މިއީ 2021 ވަނަ އަހަރުގެ އޯގަސްޓު މަހު ހުށައެޅުނު މައްސަލައެއް

ރާއްޖޭގެ ރަށެއްގައި 18 އަހަރުނުވާ ކުއްޖަކު ވިހެއުމުން، ވިހެއި ތުއްތު ކުއްޖާ މަރާލި މައްސަލައިގެ އަޑުއެހުމެއް ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންގޮސްފިއެވެ.

މި މައްސަލައިގައި ދައުވާ އުފުލާފައިވަނީ 2 ފިރިހެނަކާއި އަންހެނެއްގެ މައްޗަށެވެ. އަންހެން މީހާއަކީ މި މައްސަލައިގައި ހިމެނޭ 18 އަހަރުނުވާ ކުއްޖާގެ މަންމައެވެ.

މި އަޑުއެހުމުގައި ދައުވާލިބޭ ފިރިހެން މީހާ ވަނީ ވަކީލަކު ހަމަޖެހިފައިނުވާކަމަށް ބުނެފައެވެ.

ގާޒީ ވަނީ މިއީ 2021 ވަނަ އަހަރުގެ އޯގަސްޓު މަހު ހުށައެޅުނު މައްސަލައެއްކަން ފާހަގަ ކުރައްވައި، ވަކީލަކު އައްޔަނު ކުރުމުގެ ކަންކަމުގައި ދައުވާލިބޭ ފަރާތުންވެސް މިހާރަށްވުރެ ބޮޑަށް ސަމާލުވެ، ފަރުވާތެރިވުމަށް ދަންނަވާފައެވެ.

އެމީހުންނަށް ފުރަތަމަ ޙަވާލުވި ވަކީލު ވަނީ ތަނާޒުލްވެފައެވެ. އޭގެ ފަހުން މިހާތަނަށް މައްސަލައިގައި ގިނަ ދުވަސްތަކެއް ވެފައިވާއިރު، އާދިއްތަ ދުވަހުގެ އަޑުއެހުމަކީ މި މައްސަލައިގައި ބޭއްވޭ 21 ވަނަ އަޑުއެހުންކަމަށް ގާޒީ ވިދާޅުވިއެވެ.

އެހެންނަމަވެސް، މިހާތަނަށް މި މައްސަލައިގެ ދައުވާއަށް ޖަވާބުދާރީވުމުގެ ބައި ކުރިއަށް ގެންދެވިފައިނުވުމަކީ ދެފަރާތުގެ އަދި ކޯޓުގެވެސް ވަގުތުތަކެއް ގެއްލިގެންދާ ކަމެއްކަން ގާޒީ ފާހަގަ ކުރެއްވިއެވެ.

މި މައްސަލައިގައި ދައުވާ އުފުލާފައިވާ އަންހެން މީހާގެ މައްޗަށް ކުރާ ދައުވާއަށް އޭނާގެ ފަރާތުން ވަނީ ޖަވާބުދާރީވެފައެވެ. އެގޮތުން އޭނާގެ މައްޗަށް ކުރާ 2 ދައުވާއަށްވެސް އިންކާރު ކުރާކަމަށް އޭނާގެ ވަކީލު ވިދާޅުވިއެވެ.

އޭނާގެ މައްޗަށް އުފުލާފައިވަނީ އެނގިހުރެ މީހަކު މެރުމުގައި ބައިވެރިވުމާއި، ކުޑަކުއްޖަކާމެދު ޖިންސީ އަމަލު ހިންގާކަން އެނގިހުރެ އެކަން ރިޕޯޓު ނުކުރުމުގެ ކުށުގެ ދައުވާއެވެ.

އޭނާ ދައުވާއަށް އިންކާރު ކުރުމުން ދައުލަތުން ވަނީ ހެކި ހާމަކޮށްފައެވެ. ދައުލަތުން ވަނީ އޭނާއާ ދެކޮޅަށް 14 ޝަފަހީ ހެއްކަކާއި އަދި ކިތާބީ ހެކިތައް ހުށައަޅާފައެވެ.

އޭނާގެ ފަރާތުން ވަނީ ލިއުމުން ހެކި ހުށައެޅުމަށް ފުރުސަތަކަށް އެދިފައެވެ. އެހެންކަމުން ގާޒީ ވަނީ 21 ޑިސެމްބަރުގެ ކުރިން ލިއުމުން ކޯޓަށް ހެކި ހުށައެޅުމަށް ދަންނަވާފައެވެ.

އެ ދައުވާގައި ދެން އޮންނާނީ މަދަނީ މިންގަނޑުން ދައުވާ ކުރިއަށް ގެންދިއުމާމެދު ގޮތެއް ނިންމުމާއި، ޝަރީއަތުގެ ކުރީގެ ހުށައެޅުންތައް ހުށައެޅުމެވެ.

މި މައްސަލައިގައި ހިމެނޭ 3 ވަނަ މީހާގެ ބައިގައި ދެން އޮންނާނީ ޝަރީއަތް ފެށުމެވެ. ނަމަވެސް ފާއިތުވި 3 އަޑުއެހުމަށްވެސް އޭނާ ހާޒިރުވެފައިނުވާއިރު، އޭނާ ބަންދުގައި ބަހައްޓައިގެން ޝަރީއަތަށް ހާޒިރު ކުރުމުގެ އަމުރު ނެރުއްވާނެކަމަށް ގާޒީ ވިދާޅުވިއެވެ.

ކްރިމިނަލް ކޯޓުގައި މި މައްސަލަ ބައްލަވަނީ ގާޒީ މުޙައްމަދު މިސްބާޙުއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
0%
ކޮމެންޓް