އިޓާލިއަން ލީގުގައި އެޓަލަންޓާއާ ދެކޮޅަށް ކުޅުނު މެޗުން ފަހު ވަގުތު އޭސީ މިލާން ބަލިވެއްޖެއެވެ.
ހޮނިހިރު ދުވަހުގެ ރޭ އެޓަލަންޓާގެ އަމިއްލަ ދަނޑުގައި އެ ޓީމުން އޭސީ މިލާންގެ މައްޗަށް ކުރި ހޯދީ 2-1 އިންނެވެ. މިއީ މި ސީޒަންގެ އިޓާލިއަން ލީގުގައި މިލާން ބަލިވި ހަތަރު ވަނަ މެޗެވެ. ނުވަ މެޗުން މޮޅުވެފައިވާއިރު، ދެ މެޗެއް ވަނީ އެއްވަރުވެފައެވެ.
މެޗުގައި ފުރަތަމަ ލަނޑު ޖަހައި ކުރި ހޯދީ އެޓަލަންޓާ އިންނެވެ. މެޗުގެ 38 ވަނަ މިނެޓުގައި އެ ޓީމަށް ލީޑު ނަގައިދިނީ އަޑެމޮލާ ލޫކްމަންއެވެ. އޭނާ އެ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދިނީ ޓެއުން ކޫޕްމެއިނާސްއެވެ. އޭގެ ފަހުން ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި ފްރާންސްގެ ފޯވާޑް އޮލީވިއޭ ޖިރޫޑް ވަނީ ލަނޑު ޖަހައި މިލާނަށް ނަތީޖާ ހަމަހަމަ ކޮށްދީފައެވެ. ޖިރޫޑް ލަނޑު ޖެހީ އަލެސާންޑްރޯ ފްލޮރެންޒީ ތަނަވަސްކޮށްދިން ފުރުސަތެއްގައެވެ. ދެ ވަނަ ހާފު ފަށައިގެން ދިހަ ވަނަ މިނެޓުގައި، ދެ ވަނަ ފަހަރަށް އެޓަލަންޓާ އަށް ކުރި ހޯދައިދިނީ ވެސް ލޫކްމަން އެވެ. އޭނާ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދިނީ ޗާލްސް ޑީ ކެޓެލައެރޭއެވެ. މެޗުން އެޓަލަންޓާ މޮޅުވާން ދަނިކޮށް، 80 ވަނަ މިނެޓުގައި މިލާނުން ވަނީ ދެ ވަނަ ފަހަރަށް ނަތީޖާ ހަމަހަމަ ކޮށްފައެވެ. ކްރިސްޓިއަން ޕުލިސިޗް ތަނަވަސްކޮށްދިން ފުރުސަތެއްގައި އެ ލަނޑު ޖެހީ ލޫކާ ޖޮވިޗްއެވެ. މެޗުގައި އޭނާ ކުޅެން ނިކުމެފައި ވަނީ ވެސް ބަދަލު ކުޅުންތެރިޔެއްގެ ގޮތުގަައެވެ. ނަމަވެސް، މެޗުގެ އެންމެ ފަހު ވަގުތު އެޓަލަންޓާ މޮޅުކޮށްދިނީ ލުއިސް މުރިއެލްއެވެ.
އެ ނަތީޖާ އާއެކު މިލާން އޮތީ ލީގު ތާވަލްގެ ތިން ވަނައިގައެވެ. އެއީ މިހާތަނަށް ކުޅުނު 15 މެޗުން 29 ޕޮއިންޓާއެކުއެވެ. އެޓަލަންޓާ އޮތީ 15 މެޗުން 23 ޕޮއިންޓާއެކު ހަތް ވަނައިގައެވެ.