ސްޕެނިޝް ލީގުގައި ރެއާލް ބެޓިސްއާ ދެކޮޅަށް ކުޅުނު މެޗުން ރެއާލް މެޑްރިޑު އެއްވަރުވެއްޖެ އެވެ.
ލީގުގައި ހޮނިހިރު ދުވަހުގެ ރޭ ބެޓިސްގެ ދަނޑުގައި ކުޅުނު މެޗު ނިމުނީ ދެ ޓީމު 1-1 އިން އެއްވަރުވެގެންނެވެ. މި މެޗަށް ވަނީ އަނިޔާގައި ތިބި ރެއާލްގެ ބައެއް ކުޅުންތެރިން ޓީމުގައި ހިމަނައިފަ އެވެ. އޭގެ ތެރޭގައި އެ ޓީމުގައި މޮޅަށް ކުޅެމުން އަންނަ އިންގްލެންޑުގެ ޒުވާން ކުޅުންތެރިޔާ ޖޫޑް ބެލިންހަމް ހިމެނެއެވެ. އަނިޔާ އަށް ފަހު އެ ޓީމުގެ ގޯލު ކީޕަރު ކެޕާ އަރިޒަބަލަގާ އެނބުރި އައި ނަމަވެސް، ކޯޗު އޭނާ ބޭންދީ ބެންޗުގައެވެ. ފުރަތަމަ 11 ގައި ހިމެނީ އެންޑްރީ ލުނިންއެވެ.
ބެޓިސްއާ ދެކޮޅަށް ކުޅުނު މެޗުގައި ފުރަތަމަ ލަނޑު ޖަހައި ލީޑު ނެގީ ވެސް ރެއާލުންނެވެ. ދެ ވަނަ ހާފު ފަށައިގެން އަށް ވަނަ މިނެޓުގައި ރެއާލަށް ލީޑު ނަގައިދިނީ ބެލިންހަމްއެވެ. އޭނާ ލަނޑު ޖަހަން ފުރުސަތު ތަނަސްވަސް ކޮށްދިނީ ބްރަހިމް ޑިއާޒްއެވެ. މިއީ ބޮރޫޝިއާ ޑޯޓްމަންޑު ދޫކޮށް ރެއާލަށް ބަދަލުވި ފަހުން ބެލިންހަމް އެ ޓީމަށް ޖަހައިދިން 16 ވަނަ ލަނޑެވެ. އޭގެ ތެރެއިން 12 ލަނޑަކީ ސްޕެނިޝް ލީގުގައި އޭނާ ޖެހި ލަނޑެވެ. މެޗުގެ 66 ވަނަ މިނެޓުގައި އައިޓޯ ރުއިބަލް ވަނީ ލަނޑު ޖަހައި ބެޓިސް އަށް ނަތީޖާ ހަމަހަމަ ކޮށްދީފައެވެ. އޭނާ ލަަނޑު ޖެހީ ވިލިއަން ޖޯސް ތަނަވަސްކޮށްދިން ފުރުސަތެއްގައެވެ.
މެޗުން މޮޅުވެ އެއް ވަނައިގައި ލީޑު ނަގަން ލިބުނު ފުރުސަތު ރެއާލުން ވަނީ ނަގާލައިފައެވެ. މިހާތަނަށް ކުޅުނު 16 މެޗުން 39 ޕޮއިންޓާއެކު އެ ޓީމު އެއް ވަނައިގައި އޮތް ނަމަވެސް، ހިތްހަމަ ޖެހުމެއް ނެތެވެ. ރެއާލަށް ވުރެ އެއް މެޗު މަދުން ކުޅެގެން ދެ ވަނައިގައި ޖިރޯނާ އަށް ލިބެނީ 38 ޕޮއިންޓެވެ. މެޗުގެ އަދަދު ހަމަކޮށްގެން އެއް ވަނަ އަށް ޖެހިލުމުގެ ފުރުސަތު ޖިރޯނާ އަށް އޮންނާނެއެވެ. އެއީ ލީގުގައި ބާސެލޯނާއާ ދެކޮޅަށް ކުޅޭ މެޗުން މޮޅުވެގެންނެވެ. ތިން ވަނައިގައި ބާސެލޯނާ އޮތީ 15 މެޗުން 34 ޕޮއިންޓާއެކުއެވެ.