އެސްޓޯނިއާގައި ކުރިއަށްދާ ޔޮނެކްސް އެސްޓޯނިއަން ޔޫތު އިންޓަނޭޝަނަލް މުބާރާތުގެ ޑަބަލްސްގެ ފައިނަލުން ރާއްޖޭގެ ލައިބާ އަޙުމަދު މަޚްލޫފް (އެލީ) އަދި ޕޮލެންޑުގެ އޮލީވިއާ ޝެސްކާގެ ޕެއާ ޖާގަ ހޯދައިފިއެވެ.
މި ޕެއާ އިން ވަނީ ގުރޫޕް ސްޓޭޖުގައި ކުޅުނު ދެ މެޗުގެ ތެރެއިން އެއް މެޗުން މޮޅުވެ، ކުއާޓާ ފައިނަލުން ޖާގަ ހޯދައިފައެވެ. އެއަށްފަހު ކުއާޓާ ފައިނަލްގައި ކުޅުނު މެޗު ކާމިޔާބުކޮށް، ސެމީ ފައިނަލުން ވެސް ޖާގަ ހޯދިއެވެ. ސެމީ ފައިނަލްގެ ފުރަތަމަ ސެޓު އިދިކޮޅު ޕެއާ އިން ކާމިޔާބު ކޮށްފައި ވަނިކޮށް، ލައިބާ އަދި އޮލީވިއާގެ ޕެއާ އިން ވަނީ ފަހަތުން އަރައި ޖެހިގެން އައި ދެ ސެޓު ކާމިޔާބުކޮށް، ފައިނަލުން ޖާގަ ހޯދައިފައެވެ. ފައިނަލްގައި ލައިބާ އަދި އޮލީވިއާގެ ޕެއާ ނިކުންނާނީ، އަގޯޓާ އަދި ބީޓްރިސްގެ ޕެއާއާ ދެކޮޅަށެވެ. ފައިނަލް މެޗު އޮންނާނީ އާދީއްތަ ދުވަހުގެ ހަވީރު ރާއްޖެ ގަޑިން 17:00 ގައެވެ.
މި މުބާރާތުގެ ސިންގަލްސް ބައިގައި ވެސް ލައިބާ ވަނީ ވާދަކޮށްފައެވެ. ސިންގަލްސްގައި ލައިބާ ހިމެނުނު ގުރޫޕްގެ ތިން މެޗު ވެސް ވަނީ ކާމިޔާބު ކޮށްފައެވެ. ގަދަ 16 ވަނަ ބުރުގައި ލައިބާ ބަލިވީ ވާދަވެރި ކުޅުމަކަށްފަހު، ދެ ސެޓު އެއް ސެޓުންނެވެ. ފުރަތަމަ ސެޓު ފްރިޑާ ކާމިޔާބު ކުރީ 21-16 އިންނެވެ. ނަމަވެސް ލައިބާ ވަނީ ޖެހިގެން އައި ދެ ވަނަ ސެޓު 13-21 އިން ކާމިޔާބު ކޮށްފައެވެ. ތިން ވަނަ ސެޓު ފްރިޑާ ކާމިޔާބު ކުރީ 21-19 އިންނެވެ.
ބައިނަލްއަޤުވާމީ މުބާރާތްތަކުގައި ވާދަކޮށް ލައިބާ އަންނަނީ ރަނގަޅު ނަތީޖާތަކެއް ހޯދަމުންނެވެ. މިހާތަނަށް ބައިނަލްއަޤުވާމީ މުބާރާތްތަކުން ލައިބާ ވަނީ ހަ މެޑަލް ކާމިޔާބުކޮށްފައެވެ. ކުރީގެ ޔޫތު މިނިސްޓަރ އަހުމަދު މަހްލޫފްގެ ދަރިފުޅު ލައިބާ އަކީ ރާއްޖޭގެ 11 އަހަރުން ދަށުގެ އެއްވަނަ ކުޅުންތެރިޔާއެވެ. އަދި ލައިބާ އަންނަނީ ރާއްޖޭގައި ބާއްވަމުން އަންނަ ބެޑެމިންޓަން މުބާރާތްތަކުގައި ވެސް ވާދަކޮށް، ރަނގަޅު ކާމިޔާބީތަކެއް ހޯދަމުންނެވެ.