މިސްރު ފޯވާޑް މުޙައްމަދު ޞަލާހު ލިވަޕޫލަށް ޖަހައިދިން 200 ވަނަ ގޯލާއެކު ކްރިސްޓަލް ޕެލަސް އަތުން މޮޅެއް ހޯދައިފިއެވެ.
ކްރިސްޓަލް ޕެލަސްގެ ދަނޑުގައި ލިވަޕޫލް ކުރި ހޯދީ 2-1 ނެވެ. މެޗު ލިވަޕޫލުން ކާމިޔާބުކުރީ ފަހަތުން އަރައެވެ. ދެވަނަ ހާފް ފަށައިގެން 12 ވަނަ މިނިޓްގައި ލިބުނު ޕެނަލްޓީ އަކުން ކްރިސްޓަލް ޕެލަސް އަށް ފުރަތަމަ ކުރި ހޯދައިދިނީ މަޓޭޓާއެވެ. ލިވަޕޫލުން ނަތީޖާ ހަމަހަމަކުރީ ކްރިސްޓަލް ޕެލަސްގެ އެއް ކުޅުންތެރިއަކު މަދުވި ފަހުންނެވެ. 75 ވަނަ މިނިޓްގައި ދެވަނަ ރީނދޫ ކާޑާއެކު އަޔޫ އަށް ދެއްކި ރަތްކާޑަށް ފަހު ޖެހިގެން އައި މިނިޓްގައި ލިވަޕޫލަށް ނަތީޖާ ހަމަހަމަކޮށްދިނީ ސަލާހުއެވެ. މިއީ އޭނާ ލިވަޕޫލަށް ޖަހައިދިން 200 ވަނަ ގޯލެވެ. މެޗުން ލިވަޕޫލް މޮޅުކޮށްދިން ގޯލް އިތުރު ވަގުތުގައި ޖެހީ އެލިއޮޓްއެވެ. މިއާއެކު ސަލާހް ހިމެނެނީ ލިވަޕޫލަށް 200 ލަނޑު ޖަހައިދިން ފަސް ކުޅުންތެރިންގެ ތެރޭގައެވެ.
މި މޮޅާއެކު ލިވަޕޫލް ވަނީ އާސެނަލް އަށްވުރެ އިތުރަށް މެޗެއް ކުޅެގެން, ތާވަލްގެ އެއްވަނަ އަށް ޖެހިލާފައެވެ. އެއީ 16 މެޗުން 37 ޕޮއިންޓާ އެކުއެވެ. އާސެނަލް ދެވަނާގައި އޮތީ 15 މެޗުން 36 ޕޮއިންޓާ އެކުއެވެ.