ކ. މާލެ
|
9 ޑިސެންބަރ 2023 | ހޮނިހިރު 08:49
މެޗުގައި ލަނޑު ޖެހުމަށްފަހު އަލްހިލާލްގެ ކުޅުންތެރިން އުފާ ފާޅުކުރަނީ
މެޗުގައި ލަނޑު ޖެހުމަށްފަހު އަލްހިލާލްގެ ކުޅުންތެރިން އުފާ ފާޅުކުރަނީ
ރޮއިޓާސް
ސައޫދީ ޕްރޯ ލީގު
އައްޠާއީ ބަލިކޮށް، އަލްހިލާލް ކުރިއަށް
ސައޫދީ ލީގު ތާވަލްގެ އެއްވަަނާގައި އަލްހިލާލް އޮތީ މިހާތަނަށް ކުޅުނު 16 މެޗުން، 44 ޕޮއިންޓާއެކު

ސައޫދީ ޕްރޯ ލީގުގައި އައްޠާއީއާ ދެކޮޅަށް ކުޅުނު މެޗުން މޮޅުވެ، އަލްހިލާލުން އެއްވަނާގައި ދެމިއޮވެއްޖެއެވެ.

ލީގުގައި ހުކުރު ދުވަހުގެ ރޭ އައްޠާއީއާ ދެކޮޅަށް ކުޅުނު މެޗު އަލްހިލާލުން ކާމިޔާބުކުރީ 2-1ންނެވެ. މި ސީޒަނުގެ ސައޫދީ ލީގުގައި ރަނގަޅު ނަތީޖާތަކެއް ނެރެމުން އަންނަ އަލްހިލާލުން މެޗުގައި ލަނޑު ޖަހައި، ލީޑު ނެގީ 20 ވަނަ މިނެޓުގައެވެ. އެ ޓީމަށް ލީޑު ނަގައިދިނީ ސަޢޫދީ ޢަރަބިއްޔާގެ ސަލީމް އައްދައުސަރީއެވެ. އޭގެ ފަހުން މެޗުގެ 30 ވަނަ މިނެޓުގައި އަލްހިލާލަށް ވަނީ ޕެނަލްޓީއެއް ލިބިފައެވެ. ޕެނަލްޓީ ކާމިޔާބުކޮށް އެ ޓީމަށް ލީޑު ފުޅާކޮށްދިނީ މި ސީޒަނުގައި އެ ކުލަބާ ގުޅި، މޮޅަށް ކުޅެމުން އަންނަ ސާބިއާގެ އެލެކްސެންޑާ މިޓްރޮވިޗްއެވެ. މެޗުގައި އައްޠާއީގެ ހަމައެކަނި ލަނޑު، ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި ޖެހީ ޠާރިޤު މުޙައްމަދެވެ.

ދެވަނަ ހާފުގައި ދެ ޓީމަށްވެސް ވަނީ ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ލިބިފައެވެ. އައްޠާއީއަށް މެޗުގެ ނަތީޖާ ހަމަހަމަ ކުރުމަށް އެންމެ ރަނގަޅު ފުރުސަތެއް ލިބުނީ ސަމޭޑޯއަށެވެ. އޭގެ ފަހުން އަލްހިލާލްގެ މިޓްރޮވިޗަށް ވަނީ ލީޑު އިތުރަށް ފުޅާކުރުމަށް ވެސް ފުރުސަތު ލިބިފައެވެ.

ސައޫދީ ލީގު ތާވަލްގެ އެއްވަަނާގައި އަލްހިލާލް އޮތީ މިހާތަނަށް ކުޅުނު 16 މެޗުން 44 ޕޮއިންޓާއެކުގައެވެ. އަލްހިލާލާއި، ދެވަނާގައި އޮތް އައްނަޞްރާ ދެމެދު ހަތް ޕޮއިންޓުގެ ލީޑެއް އެބައޮތެވެ. މި ސީޒަނުގެ ސައޫދީ ލީގުގައި މިހާތަނަށް ކުޅުނު އެއްވެސް މެޗަކުން އެ ޓީމު ބަލިވެފައެއް ނުވެއެވެ.

- ކޮމެންޓް