Advertisement
ކ. މާލެ
|
7 ޑިސެންބަރ 2023 | ބުރާސްފަތި 12:37
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އެންޓިކޮރަޕްޝަން ދުވަހުގެ ހަފްލާފައި ވާހަކަފުޅުދައްކަވަނީ
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އެންޓިކޮރަޕްޝަން ދުވަހުގެ ހަފްލާފައި ވާހަކަފުޅުދައްކަވަނީ
ރާއްޖެއެމްވީ
އެންޓި ކޮރަޕްޝަން ދުވަސް
ސަރުކާރު ކޮރަޕްޓް ނުވާނެ، ކޮރަޕްޓްވާ މީހަކާ މެދު ފިޔަވަޅު އެޅުމުގައި ހިޔާލުތަފާތުވުމެއް ނޯންނާނެ - ރައީސް
މި ސަރުކާރުގައި އެއްވެސް ފަރާތަކުން އެފަދަ ކަމެއް ހިންގާކަން ސާބިތުވެއްޖެ ހާލަތެއްގައި، އެ ފަރާތަކާމެދު އަޅަންޖެހޭ ޤާނޫނީ ފިޔަވަޅު ފަސްޖެހުމެއްނެތި އަޅުއްވާނެކަމަށް ރައީސް ވިދާޅުވި
މަޒީގައި ކޮރަޕްޝަންގެ ދެރަ ކަންކަން ހިނގާފައި އެބަހުރި

ސަރުކާރު ކޮރަޕްޓް ނުވެ ހިންގަވާނެ ކަމަށާއި، އެފަދަކަމެއްވެއްޖެ ނަމަ ހިޔާލުތަފާތުވުމެއް ނެތި ފިޔަވަޅު އަޅުއްވާނެކަމަށް ރައީސުލްޖުމްހުރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ބައިނަލްއަޤްވާމީ ގޮތުން ދުނިޔޭގައި ފާހަގަކުރެވޭ ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތްކުރާ ދުވަހުގެ ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ އެމަނިކުފާނު ދެއްވާނެ ޔަގީންކަމަކީ ސަރުކާރު ކޮރަޕްޓް ނުވެ ހިންގަވާނެކަމެވެ. އަދި މި ސަރުކާރުގައި އެއްވެސް ފަރާތަކުން އެފަދަ ކަމެއް ހިންގާކަން ސާބިތުވެއްޖެ ހާލަތެއްގައި، އެފަރާތަކާމެދު އަޅަންޖެހޭ ޤާނޫނީ ފިޔަވަޅު ފަސްޖެހުމެއްނެތި އަޅުއްވާނެ ކަމަށާއި، އެކަމުގައި އެއްވެސްވަރަކަށް ޚިޔާލުތަފާތުވުމެއް ނޯންނާނެކަމަށެވެ.

Advertisement

ހަމަ އެހެންމެ، ކޮރަޕްޝަނާ ބެހޭ ހޭލުންތެރިކަން އިތުރުކޮށް، ނަޒާހަތްތެރި މުޖުތަމަޢައެއް ބިނާކުރުމަށް ކުރަންހުރި ހުރިހާ މަސައްކަތެއްގައި ޢިލްމީ ފެންވަރެއްގައި މަސައްކަތްތައް ކުރިއަށް ގެންދަވާނެކަމަށް ރައީސް ވިދާޅުވިއެވެ.

އަޅުގަނޑުމެންގެ ސަރުކާރުގެ ސިޔާސަތަކަށް ވާނީ، ކޮރަޕްޝަނާ ދެކޮޅަށް ކުރެވޭ ކޮންމެ ކަމެއްގައި، އެއީ ކުޑަޔަސް، ބޮޑަސް މި ސަރުކާރުގެ އެއްބާރުލުން ފުރިހަމައަށް ދޭނެ ކަމުގެ ޔަޤީންކަން ދިނުން. އާދެ، ކޮރަޕްޝަން އުފަންވާ ހާއްޔަކީ ހުދު ގިރުވާނު ކަމަށް ބުނެވޭ. ކޮރަޝަންގެ ކުށަކީ ހުދު ގިރުވާނުލީ ގިންތީގެ ކުށެއް ކަމަށް ބުނެވޭ. އޭގެ މާނައަކީ، ނަހަމަގޮތުގައި ނުފޫޒު ފޯރުވުމުގެ ކުށް ހިނގަނީ ސިޔާސީގޮތުންނާއި މާލީ ގޮތުން މަތީ ދަރަޖައަކަށް ދެވިފައިވާ މީހުންގެ މެދުގައި ކަމަށް ބުނެވޭ. އެހެންކަމުން، މިތަނުގައި ލިބޭ ފިލާވަޅަކީ، ޤައުމުގެ އިޖުތިމާޢީ ސިޔާސީ ހަރުގަނޑުން ތިމާއަށް މައްޗަށް އެރުނުވަރަކަށް، އަމާނާތްތެރިކަމާއި ތެދުވެރިކަމުގެ މަގަށް ބަލަން ފަރުވާތެރިވާން ޖެހޭކަން. އަބަދުވެސް އެ މަގުން ހިނގަން ފައިތިލަ ސީދާކުރަންޖެހޭކަން. އިޚްލާޞްތެރި، ދީންވެރި ހިތެއްގެ ވެރިޔަކަށްވާން ގަދައަޅައި މަސައްކަތް ކުރަންޖެހޭކަން.
ރައީސުލްޖުމްހުރިއްޔާ ޑރ. މުހައްމަދު މުއިއްޒު

ރައީސް ވިދާޅުވީ ކޮރަޕްޝަނަށް ނޫނެކޭ ބުނުމަކީ، ތިމާގެ އަމިއްލަ ނަފްސާ ހަމައިން ފަށަންޖެހޭ ކަމެއް ކަމަށެވެ. އަދި މިކަމުގައި ބައެއްފަހަރަށް ދެފަރާތެއް ހިމެނޭ ކަމަށާއި، އެީ ކަމަކަށް ބޭނުންވާ މީހާއާއި، އެ ބޭނުމެއް ފުއްދައިދޭން ހުންނަ މީހާ ކަމަށެވެ. އަދި ބޭނުންވާ މީހާ، ކަން ކުރަންވީގޮތަކީ އުސޫލުން ބޭރުން އެކަމަކަށް ނޭދުން ކަމަށާއި އޭރުން އެ ޚިދުމަތް ދޭން ހުންނަ މީހާއަށް އެކަމުގައި އެއްވެސް ތަކުލީފެއް ކުރިމަތިކުރުމުގެ ފުރުޞަތެއް ނުލިބޭނެ ކަމަށެވެ. އަދި އޭރުން އެ ބަންދުކޮށްލެވެނީ، ކޮރަޕްޝަނަށް ހުޅުވޭ ވަރަށް ފުޅާ ދޮރެއް ކަމަށް ރައީސް ވިދާޅުވިއެވެ.

ޙަޤީޤަތުގައި ކޮރަޕްޝަނަކީ ދިވެހީންނާއި އަދި ދިވެހީންގެ ރާއްޖެއާ ވަރަށް ބީރައްޓެހި އެއްޗެއް. ދިވެހި ތާރީޚުގެ ފަތްފުށްތަކަށް ބަލައިލުމުން ފެންނަ ވަރަށް ރީތި މިސާލުތައް މިކަމުގައި އެބަހުރި. ފަހަރެއްގައިވެސް ދެރަ ކަންކަން ވެފައި ނެތެކޭ ނޫން. ގޯސް ކަންކަން ހިނގާފައި ނެތެކޭ ނޫން.
ރައީސުލްޖުމްހުރިއްޔާ ޑރ. މުހައްމަދު މުއިއްޒު

ރައީސް ވިދާޅުވީ ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތްކުރުމަކީ ޤައުމީ މަސައްކަތަކަށް ހަދަންޖެހޭ ކަމަށެވެ. އެއީ، ދިވެހި ޤައުމަށްޓަކައި ކުރާ ކަމަކަށްވާންޖެހޭ ކަމަށާއި ދިވެހީންގެ ސަލާމަތަށްޓަކައި ކުރެވޭ ކަމަކަށްވާންޖެހޭ ކަމަށެވެ. އަދި ދިވެހީންގެ ފުދުންތެރިކަމަށްޓަކައި ކުރެވޭ ކަމަކަށްވާންޖެހޭ އިރު، ޤައުމުގެ އަބުރާއި ޢިއްޒަތަށްޓަކައި ކުރެވޭ ކަމަކަށް އެކަން ވާންޖެހޭ ކަމަށް ރައީސް ވިދާޅުވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް