ކުށްކުރާ ކުދިން ކުށުގެވެށިން ދުރުހެލިކޮށް ރައްކާތެރިކުރުމަށް މ. ވޭވަށު ސްކޫލު ބެލެނިވެރިންނަށް މައުލޫމާތުދިނުމުގެ ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފިއެވެ.
މުލަކު ޕޮލިސް ސްޓޭޝަނާއި ވޭވަށު ކައުންސިލު ގުޅިގެން ކުރިއަށް ގެންދިޔަ މި ޕްރޮގްރާމްގައި، މުޖުތަމައުގައި ހިންގާ ކުށްތަކާއި ސްކޫލު ދަރިވަރުން އެ ކުށްތަކަށް އަރައިގަންނަން ދިމާވާ ސަބަބުތަކާ އަދި އެ އުމުރުގެ ކުދިން އާންމުކޮށް ކުރާ ކުށްތަކާ ގުޅޭގޮތުން މައުލޫމާތު ހިއްސާކޮށްފައިވެއެވެ.
މީގެ އިތުރުން ކުށްކުރާ ކުދިން އެކަމުން ދުރުހެލިކޮށް މުޖުތަމައު ގަބޫލުކުރާ ކުދިންގެ ގޮތުގައި ހެދުމަށް ކުރެވެނޭ މަސައްކަތްތަކާއި އެކަމުގެ މުހިންމުކަމާއި ކުށްމަދު ވެއްޓެއް ގާއިމުކުރުމަށް ކުރެވިދާނެ ކަންތައްތަކުގެ އިތުރުން ދަރިން ތަރުބިއްޔަތު ކުރުމުގައި މައިންބަފައިންގެ ދައުރު ފުރިހަމަށް އަދާކުރުމަށް އިލްތިމާސްކޮށް މައުލޫމާތު ހިއްސާކޮށްފައިވެއެވެ.
ކުށްމަދު އަމާން މާހައުލެއް ގާއިމުކުރުމާއި ސްކޫލުތަކުގެ ބެލެނިވެރިން އިތުރަށް ހޭލުންތެރިކޮށް މައުލޫމާތުދިނުމުގެ ޕްރޮގްރާމްތައް ސިލްސިލާކޮށް ފުލުހުން ދަނީ ހިންގަމުންނެވެ.