އައްޑޫ ސިޓީގައި ދެ ގުރޫޕެއްގެ ދެމެދުގައި ހިންގި 2 މާރާމާރީއާ ގުޅިގެން އިތުރު 2 މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނީ ހުކުރު ދުވަހުގެ ރޭ އައްޑޫ ސިޓީގައި ހިންގި މާރާމާރީއާ ގުޅިގެން، ކޯޓު އަމުރެއްގެ ދަށުން ހޯމަ ދުވަހު އެކަކު ހައްޔަރުކޮށްފައި ވާކަމަށެވެ. މި މައްސަލައާއި ގުޅިގެން ހައްޔަރުކޮށްފައިވަނީ 23 އަހަރުގެ މީހެކެވެ. އަދި އައްޑޫ ސިޓީގައި ދެ ގްރޫޕެއްގެ ދެމެދު އާދިއްތަ ދުވަހު ހިނގި އެހެން މާރާމާރީއަކާއި ގުޅިގެން 22 އަހަރުގެ ދިވެހި ފިރިހެނަކު ވަނީ ހައްޔަރުކޮށްފައެވެ.
އާދީއްތަ ދުވަހު ހިންގި މާރާމާރީގައި 20 އަހަރުގެ ދިވެހި ފިރިހެނަކު ވަނީ ޒަހަމްކޮށްލާފައެވެ. އޭނާއަށް ފަރުވާ ދެމުންދަނީ އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުގައެވެ.
ދުވަހުގެ ރޭ އައްޑޫ ސިޓީގައި ހިންގި މާރާމާރީއާ ގުޅިގެން 4 މީހަކު ހޮނިހިރު ދުވަހުގެ ރޭގެ ވަގުތެއްގައި ވަނީ ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފައެވެ. ހޮނިހިރު ދުވަހުގެ ރޭގެ ވަގުތެއްގައި ހައްޔަރުކުރި މީހުންގެތެރޭގައި ހިމެނެނީ 18 އަހަރާއި 19 އަހަރާއި 20 އަހަރާއި އަދި 23 އަހަރުގެ މީހުންނެވެ. މި އެންމެންނަކީވެސް ދިވެހި ފިރިހެނުން ކަމަށް ފުލުހުން ބުނެއެވެ.
ހުކުރު ދުވަހުގެ ރޭ އައްޑޫ ސިޓީގައި ހިންގި މި މާރާމާރީގައި 30 އަހަރުގެ ދިވެހި ފިރިހެނަކަށް ތޫނު އެއްޗަކުން ވަނީ ހަމަލާދީފައެވެ. ދެ ގުރޫޕުގެ ދެމެދު ހިނގި މާރާމާރީގައި ޒަޚަމްވި މީހާއަށް އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުގައި ފަރުވާ ދީފައިވެއެވެ. އޭރުވެސް އޭނާގެ ހާލު ސީރިއަސްކަމަށް ހޮސްޕިޓަލުން ބުނެފައިވާކަމަށް ފުލުހުން ބުނެއެވެ. އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުގައި ފަރުވާދިނުމަށްފަހު އިތުރުފަރުވާ ދިނުމަށް އައިޖީއެމްއެޗަށް ގެނެސްފައިވަނީ ހޮނިހިރު ދުވަހުގެރޭ 9:30ހާއިރުއެވެ. އައިޖީއެމްއެޗުން ބުނީ އޭނާގެ ހާލު ސީރިއަސްކަމަށާއި، ފަރުވާދެނީ އައިސީޔޫގައި ކަމަށެވެ.
އައްޑޫ ސިޓީގެ ސަލާމަތާއި ރައްކާތެރިކަން ދެމެހެއްޓުމަށްޓަކައި ފުލުހުންގެ ޓީމުތައް އައްޑޫ ސިޓީއަށް ވަނީ ފޮނުވާފައެވެ.