ނިރުބަވެރިކަމުގެ ނުރައްކާ ކުޑަ ކުރުމާއި ގުޅޭގޮތުން ހުށަހަޅާފައިވާ ގަރާރު އިތުރަށް ދިރާސާކުރުމަށް ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީއަށް ފޮނުވުމަށް ފާސްކޮށްފި އެވެ.
މި ގަރާރު ހުށަހެޅުއްވީ ދަނގެތި ދާއިރާގެ މެންބަރު މުހައްމަދު ނާޒިމްއެވެ.
ހޯމަ ދުވަހު ކުރިއަށް ގެންދިޔަ މަޖިލީހުގެ ޖަލްސާގައި މި ގަރާރު ފާސްކުރުމަށް 22 މެންބަރަކު ވޯޓު ދެއްވި އެވެ. މި ގަރާރު ފާސްކުރުމަށް ބޭނުންވަނީ 12 މެންބަރުން ވޯޓެވެ. ނުފެންނަ ކަމަށް އެއްވެސް މެންބަރަކު ވޯޓު ދެއްވާފައެއް ނުވެ އެވެ.
މި ގަރާރުގައި ނިރުބަވެރިވުމުގެ ނުރައްކާ ކުޑަކުރުމަށް ދިވެހި ދައުލަތުން އަޅާފައިވާ ފިޔަވަޅުތަކާއި، ބައިނަލްއަގުވާމީ ޓެރަރިޒަމްގައި އަމަލީގޮތުން 20 ދިވެއްސަކު ބައިވެރިވާ ކަމަށް އެމެރިކާ ސަރުކާރުން ނެރުނު އިއުލާނާ ގުޅިގެން ރާއްޖެއަށާއި ދިވެހިންނަށް ކުރާނެ ނޭދެވޭ އަސަރު ދެނެގަތުމަށް ގޮވާލާފައިވެއެވެ.
31 ޖުލައި 2023 ގައި އެމެރިކާ ސަރުކާރު (ޔޫ.އެސް ޑިޕަރޓްމަންޓް ދަ ޓްރެޝަރީ) އިން 20 ދިވެއްސެއްގެ ނަމާއި އެފަރާތްތަކާއި ގުޅުން އޮތް 29 ވިޔަފާރިއެއް ފާހަގަކޮށް، އެފަރާތްތަކަށް ނިސްބަތްވާ މުދަލާއި ތަކެތި ބްލޮކްކޮށް، އެފަރާތްތަކާއެކު މުއާމަލާތް ކުރުމަކީ އެ މުއާމަލާތްކުރާ ފަރާތްތަކާމެދު ވެސް އެމެރިކާ ސަރުކާރުން ފިޔަވަޅު އަޅާނެކަމެއްކަން ކަނޑައަޅާފައިވެއެވެ.
މިއީ ބޭރުގެ ސަރުކާރަކުން މިފަދަ ނިންމުމެއް ރަސްމީކޮށް ދިވެހިންގެ ތެރެއިން ބަޔާމެދު ނިންމި ފުރަތަމަ ފަހަރުކަން މި ގަރާރުގައި ފާހަގަކޮށްފައިވެއެވެ. މީގެ އިތުރުން 6 މެއި 2021ގެ ހަމަލާއާ ގުޅޭ ގޮތުން މަޖިލީހުން ހިންގި ޕާލިމެންޓަރީ އިންކުއަރީ އިން ވެސް ޓެރަރިޒަމްގެ ބިރުވެރިކަން ރާއްޖޭގައި އޮތް މިންވަރު ވަޒަން ކުރެވުމުގެ އިތުރުން، އެ އިންކުއަރީގެ ތެރެއިން ފާހަގަވި ކަންކަމުގެ މައްޗަށް ސަރުކާރަށް ރިކޮމެންޑޭޝަންތަކެއް ދީފައިވާއިރު، އެ ރިކޮމެންޑޭޝަންތަކަށް އަމަލު ކުރެވިފައިވާ މިންވަރާ ބެހޭ މައުލޫމާތު ސަރުކާރުން ހާމަކޮށްފައިނުވާ ކަމަށް މި ގަރާރުގައި ބުނެފައިވެއެވެ. އަދި އެ ހަމަލާއާއި ގުޅިގެން ސަރުކާރުން ޓެރަރިޒަމާ ގުޅުންހުރި އިންޓެލިޖެންސް އިދާރާތަކުގެ އޮޑިޓެއް ހަދާނެކަން 18 މެއި 2021 ގައި އިއުލާން ކުރި ނަމަވެސް، އެ އޮޑިޓުގެ އެއްވެސް މައުލޫމާތެއް ސަރުކާރުން ހާމަކޮށްފައިނުވުމާއި، އެމެރިކާ ސަރުކާރުގެ ނިންމުމުގެ ސަބަބުން ރާއްޖޭގެ އިގްތިސާދަށް ޚާއްސަކޮށް ފަތުރުވެރިކަމުގެ ސިނާއަތަށް ނޭދެވޭ އަސަރު ކުރުމުގެ ފުރުސަތު އޮތް ކަމަށް ގަބޫލުކުރެވޭ ކަމަށް ދަނގެތި ދާއިރާގެ މެންބަރު މުހައްމަދު ނާޒިމް ހުށަހެޅުއްވި މި ގަރާރުގައި ބުނެފައިވެއެވެ.