ކ. މާލެ
|
4 ޑިސެންބަރ 2023 | ހޯމަ 10:37
މެޗުގައި ލަނޑު ޖެހުމަށްފަހު އިންޓަގެ ކުޅުންތެރިން އުފާ ފާޅުކުރަނީ
މެޗުގައި ލަނޑު ޖެހުމަށްފަހު އިންޓަގެ ކުޅުންތެރިން އުފާ ފާޅުކުރަނީ
ރޮއިޓާސް
އިޓާލިއަން ލީގު
ނަޕޯލީ ބަލިކޮށް އިންޓަ އަލުން އެއް ވަނަ އަށް
 
މޮޅާއެކު އިންޓަ އެއް ވަނައިގައި އޮތީ ދެ ޕޮއިންޓުގެ ލީޑަކުން

އިޓާލިއަން ލީގުގައި ނަޕޯލީއާ ދެކޮޅަށް ކުޅުނު މެޗުން މޮޅުވެ، އިންޓަ މިލާން އަލުން އެއް ވަނަ އަށް ޖެހިލައިފި އެވެ.

އާދީއްތަ ދުވަހުގެ ރޭ ނަޕޯލީގެ ދަނޑުގައި މި ދެ ޓީމު ކުޅެން ނުކުތްއިރު، އެއް ވަނައިގައި އޮތީ ޔުވެންޓަސް އެވެ. އެއީ މި ދެ ޓީމަށް ވުރެ އެއް މެޗު އިތުރަށް ކުޅެގެންނެވެ. މެޗުގެ އަދަދު ހަމަކޮށް އަލުން އެއް ވަނަ އަށް އަރަން އޮތް ފުރުސަތުގައި އިންޓަ އިން ވަނީ 3-0 އިން ނަޕޯލީ ބަލިކޮށްފަ އެވެ.

މެޗުގެ ފުރަތަމަ ހާފުގެ ފުރިހަމަ ވަަގުތު ހަމަވާން މިނެޓަކަށް ވެފައި ވަނިކޮށް، އިންޓަ އަށް ލީޑު ނަގައިދިނީ ހަކަން ޗަނޮގްލޫ އެވެ. އޭނާ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދިނީ ނިކޮލޯ ބަރެއްލާ އެވެ. ދެ ވަނަ ހާފުގައި އިންޓަގެ ދެ ވަނަ ލަނޑު ޖެހީ ބަރެއްލާ އެވެ. 61 ވަނަ މިނެޓުގައި އޭނާ އެ ލަނޑު ޖެހީ ލައުޓާރޯ މާޓިނޭޒް ތަނަވަސްކޮށްދިން ފުރުސަތެއްގަ އެވެ. ނަޕޯލީގެ ތިން ވަނަ ލަނޑު މެޗުގެ 88 ވަނަ މިނެޓުގައި ހުއާން ކުއަޑްރާޑޯ ތަނަވަސްކޮށްދިން ފުރުސަތެއްގައި ޖެހީ މާކަސް ތުރަމް އެވެ.

މޮޅާއެކު އިންޓަ އެއް ވަނައިގައި އޮތީ ދެ ޕޮއިންޓުގެ ލީޑަކުންނެވެ. މިހާތަނަށް ކުޅުނު 14 މެޗުން އެ ޓީމަށް ލިބެނީ 35 ޕޮއިންޓެވެ. ހަމަ އެ އަދަދަށް މެޗު ކުޅެގެން ދެ ވަނައިގައި ޔުވެންޓަސް އަށް ލިބެނީ 33 ޕޮއިންޓެވެ. އިންޓަ އަތުން ބަލިވި އެންމެ ފަހުގެ ޗެމްޕިއަން ނަޕޯލީ އޮތީ 24 ޕޮއިންޓާއެކު ފަސް ވަނައިގަ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
0%
ކޮމެންޓް