ކުޅިވަރު ސާމާނު އުފައްދާ މަޝްހޫރު ނައިކީ ކުންފުންޏާއި ސްޕޭނުގެ ބާސެލޯނާގެ ގުޅުން ގޯސްވެއްޖެ އެވެ.
ނައިކީ އަކީ 1998 ވަނަ އަހަރުން ފެށިގެން ބާސެލޯނާގެ ޖާޒީ ތައްޔާރުކުރަމުން އަންނަ ފަރާތެވެ. އަދި ވިޔަފާރީގެ މި އެއްބަސްވުމުގެ ދަށުން ނައިކީއިން އަހަރަކު ބާސެލޯނާ އަށް 2015 ވަނަ އަހަރުން ފެށިގެން ދަނީ 155 މިލިއަން ޑޮލަރު ދެމުންނެވެ. ނަމަވެސް ބާސެލޯނާއިން ދެކޭ ގޮތުގައި މިއަދަދަކީ މިހާރުގެ ވިޔަފާރީގެ މާކެޓަށް ބަލާއިރު ކުޑަ އަދަދެކެވެ.
ނައިކީ ކުންފުންޏާއި ބާސެލޯނާއާ ދެމެދު އުފެދިފައިވާ މައްސަލައަށް އޮތީ ދެ ހައްލެކެވެ. ފުރަތަމަ ގޮތަކީ ދެ ފަރާތުންވެފައިވާ އެއްބަސްވުން އުވާލުމެވެ. ދެ ވަނަ ގޮތަކީ އެއްބަސްވުން މުރާޖައާ ކުރުމެވެ. މީގެ ތެރެއިން ބާސެލޯނާގެ މާލީ ހާލަތު ހުރި ގޮތުން އެއްބަސްވުން އުވާލުމަކީ ފަސޭހަކަމެއްނޫނެވެ. ސަބަބަކީ ނައިކީ ކުންފުންޏަށް ބަދަލު ދޭންޖެހޭނެތީ އެވެ. ސްޕޭނުގެ މީޑިއާ ރިޕޯޓްތައް ބުނާ ގޮތުން މި އެއްބަސްވުމާމެދު ދެ ފަރާތުން މިހާރު ވަނީ މަޝްވަރާކުރަން ނިންމައިފަ އެވެ.
ބާސެލޯނާއިގެ ޖާޒީ ތައްޔާރުކުރަން ލިބިދާނެކަމުގެ އުއްމީދުގައި ކުޅިވަރު ސާމާނު ތައްޔާރުކުރާ ޕޫމާ އާއި ނިއު ބެލެންސްއިން ވަނީ ބާސެލޯނާއަށް ހުށަހެޅުމެއްދީފަ އެވެ. ނަމަވެސް ކުލަބުން މިކަމާމެދު ވަކި ގޮތެއް ނުނިމަ އެވެ.
ނައިކީއާ މެދު ބާސެލޯނާއިން ހިތްހަމަނުޖެހެނީ ހަމައެކަނި އަގާމެދުގައި އެކަންޏެއްނޫނެވެ. އެ ކުންފުނިން ތައްޔާރުކުރާ ޖާޒީތަކުގެ ފެންވަރާއި ޑިޒައިނާމެދު ވެސް ބާސެލޯނާގެ ކަންބޮޑުވުން އެބަހުއްޓެވެ. އަދި ވަކިވަކި ކުޅުންތެރިންނަށް ނައިކީއިން ދޭ ހިދުމަތާމެދު ވެސް ކުލަބުން ހިތްހަމަނުޖެހެ އެވެ.