ރައީސް އަބްދުﷲ ޔާމީން ގޮވާލައްވަނީ ގައުމު ބިނާކުރުމުގެ މަސައްކަތުގައި ބައިވެރިވުމަށް ކަމަށް ފިޝަރީޒް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީ ވިދާޅުވެއްޖެ އެވެ.
ރާއްޖޭގެ މިނިވަންކަމަށް 52 އަހަރު ފުރުމުގެ މުނާސަބަތާ ގުޅިގެން ގައުމާ މުޚާތަބު ކުރައްވައި ރައީސް ޔާމީން ދެއްކެވި ވާހަކަތަކާ ހަވާލާ ދެއްވައި ޝައިނީ ވިދާޅުވީ އިދިކޮޅު ފަރާތްތަކުން ގޮވާލަނީ މަގުތައް މައްޗަށް ނިކުމެ ހަމަޖެހުން ނަގާލުމަށް ކަމަށެވެ.
ޝައިނީ ވިދާޅުވީ ރައީސް ޔާމީން ގޮވާަލައްވަނީ ގައުމު ބިނާކުރުމުގައި ބައިވެރިވުމަށް ކަމަށާއި އެމަނިކުފާނަކީ ހަގީގީ ލީޑަރެއް ކަމަށެވެ.
ގައުމާ މުހާތަބްކުރައްވާ ދެއްވި ޚިތާބުގައި ރައީސް ޔާމިން ވިދާޅުވީ ރާއްޖޭގެ ދުސްތޫރީ އޮނިގަނޑު ދިރާސާކުރައްވާ ބޭފުޅުން ވިދާޅުވާ ގޮތުގައި ރާއްޖޭގެ ދުސްތޫރީ އޮނިގަނޑު އެކުލަވާލެވިފައި ވަނީ ރައީސަކަށް ހުންނަ މީހަކު ރައްޔިތުންގެ ކުރިމައްޗަށް، އެއް އަތް ފަހަތަށް ބަނދެގެން ނެރެވޭ ގޮތަށް ކަމަށެވެ.
ދުސްތޫރީ ނިޒާމު މިއޮތީ ދައުލަތުގެ މަސައްކަތްތަކަށް ހުރަސްއަޅައި، ދައުލަތް ހުއްޓުމަކަށް ގެނެވޭ ފަދަ ފުރުޞަތުތަކެއް ދައުލަތުގެ ދުޝްމަނުންނަށް ހޯދައިގަނެވޭނެ ފަދަޔަކުން ހަމަޖެއްސިފައި ކަމަށާއި އަދި ރާއްޖެ ފަދަ ކުޑަ، މީސްކޮޅު މަދު، ތަނަވަސްކަން ކުޑަ ޤައުމަކަށް ހިންގޭ ވަރަށް ވުރެ، މާ އޮޅުންބޮޅުން ބޮޑުކޮށް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
މީގެ އިތުރުން ޅަފަތުގައިވާ އަދި، ޑިމޮކްރަސީގެ އާދަތައް އެ ބައެއްގެ ތާރީޚުގައިނުވާ ދައުލަތަކަށް، އެއްދުވަހުން އެންމެ ފުރިހަމައަށް ތަންފީޛުކުރެވޭ ވަރަށް ވުރެ، ބުރަ ބޮޑުކޮށް ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.
ޑިމޮކްރަސީގެ އެންމެ އަސާސީ އެއް ސިފައަކީ، ރައްޔިތުން އިޚްތިޔާރުކުރާ މީހުން، ރައްޔިތުންގެ ކަންކަން ކުރަން ތިބުންކަމުގައިވާއިރު، ރާއްޖޭގެ އިންތިޚާބީ އޮނިގަނޑަށް އެކަނި ބަލައިލި ނަމަވެސް، މިކަން އޮތީ ވަރަށް ހާމަކަން ބޮޑުގޮތެއްގައި ފެންނަން ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.
ރައްޔިތުން އިންތިޚާބް ކުރާ މީހުން ރައްޔިތުންގެ ކަންކަން ކުރަން ތިބިމަކީ ޑިމޮކްރަސީގެ އެންމެ އަސާސީ އެއް ސިފަ ކަމަށް ރައީސް ޔާމީން ވިދާޅުވިއިރު، އެމަނިކުފާނު މުސްތަޝާރަކަށް ހުންނަވާ ޕީޕީއެމް އިން ވަކިކުރުމުން ރައްޔިތުންގެ މަޖިލީހުގެ ހަ މެންބަރެއްގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ދަނީ ބުނަމުންނެވެ.