ކ. މާލެ
|
2 ޑިސެންބަރ 2023 | ހޮނިހިރު 12:36
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖޭގެ ހައިކޯޓު
ރާއްޖެއެމްވީ
ފެނަކަ ކޯޕަރޭޝަން
ފިންގަރ ޖެހުމަށްފަހު ނުކުމެގެންދާގޮތަށް އެނބުރި އަންނަނީ ޑިއުޓީ ނިމޭގަޑިއަށް، ނަމަވެސް ވަޒީފާއިން ވަކިކުރުމުން 46،000 ރުފިޔާގެ ބަދަލެއް
ރަސްމީ ގަޑީގައި އެއްވެސް ވަރަކަށް މަޤާމުގެ ޒިންމާ އަދާނުކުރާކަމަށްވެސް ކުންފުނިން ބުނެފައިވޭ
ދިފާޢުގައި ވާހަކަދައްކައި ޖަވާބުދާރީވާން ފުރުޞަތު ދެވިފައިވާކަމަށް ބުރަނުވެވޭތީ، އިޖުރާއީ އަދުލުވެރިކަން ޤާއިމުކޮށްފައިނުވާކަމަށް ނިންމި
އޭނާ ވަޒީފާއިން ވަކިކޮށްފައިވަނީ ވަޒީފާއިން ވަކިކުރުމަށް އެކަށީގެންވާ ސަބަބުތަކެއް އޮވެގެންކަން ސާބިތުކޮށްދީފައިވޭ

ފެނަކަ ކޯޕަރޭޝަންގައި ވަޒީފާ އަދާކުރަމުން ދިޔަ މުވައްޒަފެއް ވަޒީފާއިން ވަކި ކުރި މައްސަލައިގައި އޭނާއަށް ބަދަލު ދިނުމަށް ވަޒީފާއާބެހޭ ޓްރައިބިއުނަލުން ކޮށްފައިވާ ޙުކުމް ދިވެހިރާއްޖޭގެ ހައިކޯޓުން ދަމަހައްޓައިފިއެވެ.

މި މައްސަލައިގައި ކަން ހިނގާފައިވާ ގޮތަށް ބަލާއިރު، އެ މުވައްޒަފަކީ 20 ސެޕްޓެންބަރު 2009 އިން ފެށިގެން ފެނަކަ ކޯޕަރޭޝަންގައި ވަޒީފާ އަދާކުރަމުން ދިޔަ މީހެކެވެ.

އޭނާ ފެނަކަ ކޯޕަރޭޝަންގައި ވަޒީފާ އަދާކުރަމުން ދަނިކޮށް 08 އޮކްޓޫބަރު 2020 ގައި އޭނާ ވަނީ ވަޒީފާއިން ވަކިކޮށްފައެވެ.

ވަޒީފާއިން ވަކިކުރި ސަބަބެއްގެ ގޮތުގައި ބަޔާންކޮށްފައިވަނީ "މުވައްޒަފުންގެ ޤަވާއިދުގައިވާ ގޮތުގެ މަތިން ވަޒީފާގައި އިތުރަށް ބަހައްޓައިފިނަމަ ވަޒީފާދޭ ފަރާތަށް ނުވަތަ ވަޒީފާ އަދާކުރާ ތަނަށް ގެއްލުންތަކެއް ލިބިދާނެކަމަށް ފެންނާތީ" ކަމަށެވެ.

އޭނާ ވަޒީފާއިން ވަކިކުރިއިރު އަދާކުރަމުންދިޔަ މަޤާމަކީ ޑެޕިއުޓީ މެނޭޖަރެއްގެ މަޤާމެވެ.

އެހެންކަމުން އޭނާގެ ފަރާތުން ވަނީ އޭނާ އަދާކުރަމުންދިޔަ ވަޒީފާއަށް އަނބުރާ ރުޖޫއަކުރުމަށާއި، އޭނާއަކީ އެއްވެސް ޙާލެއްގައި ވަޒީފާއިން ވަކިވެފައިވާ ފަރާތެއްކަމުގައި ނުބެލުމަށާއި، އަދި ވަޒީފާއިން ވަކިކުރި މުއްދަތުން ފެށިގެން ވަޒީފާ އިޢާދަކޮށްދިނުމާއި ހަމައަށް ލިބެންވާ މުސާރައާއި އިނާޔަތްތައް އެކީ އެއްފަހަރާ ނަގައިދިނުމަށް އެދި ވަޒީފާއާ ބެހޭ ޓްރައިބިއުނަލަށް މައްސަލަ ހުށައަޅާފައެވެ.

އެ މައްސަލައިގައި ފެނަކަ ކޯޕަރޭޝަނުން ބުނެފައިވަނީ، މުވައްޒަފު އެފަދައިން ވަޒީފާއިން ވަކިކޮށްފައިވަނީ ގިނަ ދުވަސްދުވަހު އޮފީހަށް ޙާޟިރުވެ ފިންގަރ ޖެހުމަށްފަހު، ގެއަށް ގޮސް އެނބުރި އަންނަނީ ހަމައެކަނި "ފިންގަރ އައުޓް" ކުރުމަށް ކަމަށްވާތީއާއި، އެ ފަރާތާއި ހަވާލުކުރެވޭ މަޤާމުގެ މަސްއޫލިއްޔަތު އަދާކުރަމުންނުދާތީ ކަމަށެވެ.

އަދި ރަސްމީ ގަޑީގައި އެއްވެސް ވަރަކަށް މަޤާމުގެ ޒިންމާ އަދާނުކުރާކަމަށްވެސް ކުންފުނިން ބުނެފައިވެއެވެ.

ޓްރައިބިއުނަލްގެ ނިންމުމުގައި ބުނެފައިވަނީ އޭނާ ވަޒީފާއިން ވަކިކޮށްފައިވަނީ ވަޒީފާއިން ވަކިކުރުމަށް އެކަށީގެންވާ ސަބަބުތަކެއް އޮވެގެންކަން ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގެ ފަރާތުން ސާބިތުކޮށްދީފައިވާކަމަށެވެ.

ވީއިރު ވަޒީފާއިން ވަކި ކުރުމުގައި މައުޟޫއީ އަދުލުވެރިކަން ޤާއިމުކޮށްފައިވާކަން ފެންނަން އޮތްކަމަށް ޓްރައިބިއުނަލުން ވަނީ ނިންމާފައެވެ.

އެހެންނަމަވެސް، އެ މުވައްޒަފު ވަޒީފާއިން ވަކިކުރުމުގެ ކުރިން އިދާރީ ތަހުޤީޤެއް ކޮށްފައިވީނަމަވެސް، އެ ފަރާތުގެ މައްޗަށް ތުހުމަތުކުރެވޭ ކަންކަން އަންގާފައިނުވާ ކަމަށް ޓްރައިބިއުނަލްގެ ނިންމުމުގައިވެއެވެ.

އަދި އެ ފަރާތަށް ދިފާޢުގައި ވާހަކަދައްކައި ޖަވާބުދާރީވާން ފުރުޞަތު ދެވިފައިވާކަމަށް ބުރަނުވެވޭތީ، އޭނާ ވަޒީފާއިން ވަކިކުރުމުގައި އިޖުރާއީ އަދުލުވެރިކަން ޤާއިމުކޮށްފައިނުވާކަމަށް ޓްރައިބިއުނަލުން ވަނީ ނިންމާފައެވެ.

އަދި އޭނާއަށް މުސާރައާއި އިނާޔަތްތަކުގެ ގޮތުގައި މަހެއްގެ މައްޗަށް ލިބެމުންދިޔަ ފައިސާގެ ނިސްބަތުން 03 މަސްދުވަހުގެ މުސާރައިގެ ގޮތުގައި ޖެހޭ 46,200/-ރ. (ސާޅީސް ހަހާސް ދުއިސައްތަ ރުފިޔާ) ބަދަލެއްގެ ގޮތުގައި ދިނުމަށް ޓްރައިބިއުނަލުން ނިންމިއެވެ.

ވުމާއެކު، ފެނަކަ ކޯޕަރޭޝަނުން މި މައްސަލަ ހައިކޯޓަށް ހުށައެޅީއެވެ.

ހައިކޯޓުގައި މި މައްސަލަ ބެއްލެވި ފަނޑިޔާރުންގެ އިއްތިފާޤުން ޙުކުމް ކުރައްވާފައިވަނީ، ޓްރައިބިއުނަލްގެ ނިންމުމަށް ބަދަލެއް ގެންނަންޖެހޭ ތަނެއް ނެތްކަމަށެވެ.

- ކޮމެންޓް