ކ. މާލެ
|
1 ޑިސެންބަރ 2023 | ހުކުރު 17:45
ބާޒާރުމަތިން މީހަކު މަސް ގަންނަނީ
ބާޒާރުމަތިން މީހަކު މަސް ގަންނަނީ
ރާއްޖެއެމްވީ
މަސްވެރިންނަށް ދޭ ފައިސާ
މަސްކިލޯއެއް 25 ރުފިޔާއަށް ވުރެ ބޮޑަށް ގަނެވޭނެ، އަގު ކުޑަކުރަނީ މަސްވެރިންނަށް ޖެއްސުން ކުރުމަށް: މެންބަރު ޔައުގޫބް
އިނގިރޭސިވިލާތުގެ ސަރުކާރާއެކު މަޝްވަރާތައްކޮށްފައިވޭ
ކުރީގެ ސަރުކާރުން 25 ރުފިޔާއަށް މަހުގެ އަގު ބޮޑުކުރީ ކުރަންޖެހޭ ހުރިހާ ކަމެއް ކުރުމަށްފަހު

25 ރުފިޔާއަށް ވުރެ ވެސް ބޮޑުކޮން މަސްވެރިންނަށް ފައިސާ ދެވޭނެ މަގު ކުރީ ސަރުކާރުން ވަނީ ހަމަޖައްސާފައި ކަމަށާއި، ރައީސް ޑރ.މުހައްމަދު މުއިއްޒުގެ ސަރުކާރުން މަސްވެރިންނަށް ދޭ ފައިސާ ކުޑަ ކުރަން ނިންމީ މަސްވެރިންނަށް ޖެއްސުން ކުރަން ކަމަށް ދާންދޫ ދާއިރާގެ މެންބަރު ޔައުގޫބް އަބްދުﷲ ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ ފަލަސުރުޚީ ޕްރޮގްރާމުގައި މެންބަރު ޔައުގޫބް ވިދާޅުވީ، އައު ސަރުކާރުގެ ކެބިނެޓް އެކުލަވާލެއްވިއިރު މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާއި ބެހޭ ވަޒީރު އަހްމަދު ޝިޔާމް އައްޔަންކުރެއްވުމުން ވަރަށް ހިތްހަމަޖެހިވަޑައިގެންނެވި ކަމަށާއި، އެބޭފުޅާއަކީ 19 ވަނަ ރައްޔިތުން މަޖިލީހުގައި ހުންނަވައިގެން މަސްވެރިންގެ ހައްގުގައި ވަރަށް ބޮޑަށް ވާހަކަފުޅު ދެއްކެވި ބޭފުޅެއް ކަމަށެވެ. އެހެންކަމުން މަސްވެރިކަމުގެ ވުޒާރާގެ އިސްބޭފުޅެއްގެ ގޮތުގައި ޝިޔާމް އައްޔަންކުރެއްވުމުން އުންމީދު އާވި ކަމަށް މެންބަރު ޔައުގޫބް ވިދާޅުވިއެވެ. ނަމަވެސް މެންބަރު ޔައުގޫބް ވިދާޅުވީ ކަންކަންވަމުން ދަނީ އުންމީދު ކުރި ގޮތަށް ނޫން ކަމަށާއި، 25 ރުފިޔާއަށް މަސް ކިލޯއެއް ނުގަނެވޭނެ ކަމަށް ނިންމުމުން އެކަމާއި ކަންބޮޑުވާ ކަމަށެވެ.

Advertisement

މެންބަރު ޔައުގޫން ވިދާޅުވީ ކުރީގެ ސަރުކާރުން 25 ރުފިޔާއަށް މަހުގެ އަގު ބޮޑުކުރީ ކުރަންޖެހޭ ހުރިހާ ކަމެއް ކުރުމަށްފަހު އެއަގުގައި މަސް ގަނެވޭނެ ކަމުގެ ޔަގީންކަން އޮތުމުން ކަމަށެވެ. އެގޮތުން އިނގިރޭސިވިލާތުގެ ސަރުކާރާއެކު މަޝްވަރާތައްކޮށްފައިވާ ކަމަށާއި، ޓެރިފް ކަނޑާލާނެކަމުގެ ޔަގީންކަން އެބައޮތް ކަމަށް މެންބަރު ޔައުގޫބް ވިދާޅުވިއެވެ.

އަޅުގަނޑުމެން މިދޭ ޔަގީންކަމަކީ 25 ރުފިޔާއަށް ނުވަތަ އެއަށްވުރެ ބޮޑު ބޮޑު އަގެއްގައި މަހުގެ އަގު ޖައްސައިގެން ކުރިއަށް ގެންދެވޭނެ. އެހުރިހާ މަގެއް އެ އޮތީ ފުރިހަމަކޮށްފައި. މިސަރުކާރުން އެކަން ކުރަން އިތުރު މަސައްކަތެއް ނޯންނާނެ. އިންފްރާސްޓަކްޗަރ މިހާރު އިތުރަށް ތަރައްގީވަމުން އެދަނީ. އިތުރު ބޯޓުތަކެއް ގަނެފައި އަދިވެސް އިތުރު ބޯޓުތަކެއް އައުމުގެ މަގުމަތީގައި އަދި މީގެ ކުރިން އިނގިރޭސިވިލާތުން ނަގަމުން އައިޓެކްސް އެވެސް ހަމަ ކަނޑާލުމުގެ މަގުމަތީގައި އެއޮތީ. އެއީ ހަމަ މަސްވެރިންނަށް ޖެއްސުން ކުރަންވެގެން ގެއްލުންދޭން ވެގެން ނޫން ގޮތަށް އަޅުގަނޑު ގަބޫލެއް ނުކުރާނަން އެ 25 ރުފިޔާއަށްވުރެ ކުޑަކޮށްފިއްޔާ އެކުރާ މަސައްކަތަކީ.
ދާންދޫ ދާއިރާގެ މެންބަރު ޔައުގޫބް އަބްދުﷲ

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހު މަސްވެރިންނާއެކު ބޭއްވެވި ބައްދަލުވުމަށް އިޝާރާތް ކުރައްވައި މެންބަރު ޔައުގޫބް ވިދާޅުވީ 20 ރުފިޔާއިން 17 ރުފިޔާއަށް މަހުގެ އަގު ކުޑަކުރީ ކޮވިޑް-19އާއި ގުޅިގެން ކަމަށާއި، ކޮވިޑްގެ ރިކަވަރީއަށްފަހު މަހުގެ އަގުބޮޑު ކުރަން ނިންމި ކަމަށެވެ. ކުރީގެ ރައީސް ސާލިހު ނިންމެވީ 23 ރުފިޔާއަށް މަހުގެ އަގު ބޮޑު ކުރުމަށް ކަމަށާއި، ނަމަވެސް ބައްލުވުމުގައި ބައިވެރިވި މަސްވެރިން ބޭނުންވީ 25 ރުފިޔާއަށް މަސް ކިލޯއެއް ބޮޑު ކުރުމަށް ކަމަށް މެންބަރު ޔައުގޫބް ވިދާޅުވިއެވެ. އެ އަގަކީ ވެސް ދައުލަތަށް ދެވޭނެ އަގެއްކަމަށްވާތީ މަހުގެ އަގު 25 ރުފިޔާއަށް ބޮޑު ކުރީ ކަމަށް މެންބަރު ޔައުގޫބް ވިދާޅުވިއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
- ކޮމެންޓް