ކ. މާލެ
|
1 ޑިސެންބަރ 2023 | ހުކުރު 16:02
ބޮން އަޅާ ހަލާކުކޮށްލާފައިވާ މިސްކިތެއްގައި ހުރެ މިނިވަންވި ގައިދީއަކު ބަންގި ގޮވަނީ
ބޮން އަޅާ ހަލާކުކޮށްލާފައިވާ މިސްކިތެއްގައި ހުރެ މިނިވަންވި ގައިދީއަކު ބަންގި ގޮވަނީ
ރޮއިޓާރސް
ޣައްޒާގެ ރައްޔިތުން
މިންވަރަށް ޝުކުރު ކުރުމާއި އަޤީދާގެ ސާބިތުކަމުގެ ލާމަސީލު އެތައް މަންޒަރެއް ޣައްޒާއިން!
 
ޣައްޒާގެ ވަޒަންވެރިން މިއަދު ތަޙައްމަލު ކުރަމުންދާ ހިތްދަތި ކަމާއި ނަމާންކަމުގެ އިންސާނީ ކާރިޘާއަށް ބީރު ކަންފަތެއް ދެވޭކަށް ނެތް
 
އެޔެއް މިޔެއް ބެލުމެއް ނެތި އިޒްރޭލުން ދިން ޢުދުވާންތަކުގައި ބިމާ ހަމަކޮށްފައިވާ ޣައްޒާގެ މިސްކިތްތަކުގައި އަދިވެސް ބަންގި ގޮވާ

ލިބޭ މިންވަރަށް ޝުކުރު ކުރުމާއި އީމާންތެރިކަމުގެ ސާބިތު މިސާލުތައް އަދުގެ ދުނިޔެއިން އެންމެ ސާފުކޮށް ފެންނަމުން ދަނީ ނިރުބަވެރި ޔަހޫދީންގެ މުށްދަށު ލާފައި އޮތް ޣައްޒާއިންނޭ ދެންނެވުމަކުން ގޯހެއް ނެތެވެ. އިންސާނަކަށް ވީތީ ލިބިދޭ ދިރިހުރުމުގެ ޙައްޤާއި، ދިރިއުޅުމުގެ އެންމެ އަސާސީ ޙައްޤުތަކުން މަޚްރޫމު ކުރެވިފައި ވާ ޙާލުގައިވެސް ޣައްޒާގެ ރަށްވެހިންގެ ކިބައިން ފެންނަ ދީންވެރިކަމާއި އަޅުވެރިކަމުގެ ރީތި މިސާލުތަކަކީ މުޅި ދުނިޔެވެސް އެ ކަންކަމުން ޢިބްރަތް ޙާޞިލު ކުރަން ޖެހޭ ކަންކަމެވެ.

ބޯނެ ފެންފޮދެއްގެ މިންވަރު ލިބެން ނެތް އިރުވެސް، ﷲ އަށް ޝުކުރު ކުރެއެވެ. މިސްކިތުގައި ހޫނު ވަނީއޭ، ހަމަޖެހިލައިގެން އިށީނދެލެވޭކަށް ނޯވެއޭ ކިޔައިގެން އެއް ބަޔަކު ޝަކުވާ ކުރުމުގައި އަވަދިނެތި އުޅޭ އިރު، ޣައްޒާއިން ފެންނަނީ މުޅިން ތަފާތު މަންޒަރެކެވެ. އެޔެއް މިޔެއް ބެލުމެއް ނެތި އިޒްރޭލުން ދިން ޢުދުވާންތަކުގައި ބިމާ ހަމަކޮށްފައިވާ ޣައްޒާގެ މިސްކިތްތަކުގައި އަދިވެސް ބަންގި ގޮވައެވެ. ބިމުގައި ހަމައަށް ފައި ޖައްސާލާނެ ތަންފުކެއްވެސް ނެތް ޙާލު، ސުންނާފަތިކޮށްފައި ވާ މިސްކިތުގެ ގައުކުނޑިތަކުގެ މަތީގައި ހުރެގެން ޣައްޒާގެ ރަށްވެއްސަކު އެ ދަނީ ބަންގި ގޮވަމުންނެވެ.

ބައިނަލްއަޤުވާމީ ޚަބަރު ފެތުރުމުގައި ގިނަ ބައެއްގެ އިތުބާރު ހޯދާފައި ވާ ރޮއިޓަރޒްއިން ޢާންމު ކޮށްފައި ވާ މަންޒަރުތަކަށް ބަލައިލުމުން އެކަނިވެސް، ނިރުބަވެރި ޔަހޫދީންގެ ގޮތެއް ފޮތެއް ނެތްކަން ސާބިތުކޮށްދެއެވެ. ޚާން ޔޫނިސްގައި ނަގާފައި ވާ ޑްރޯން ފުޓޭޖުތަކުން ފެނިގެންދަނީ 7 ހަފުތާގެ ތެރޭގައި މިސްކިތްތައް ހަފުސްކޮށްލާފައި ވާ މަންޒަރެވެ. މަންޒަރުތައް ނަގާފައި ވަނީ، 50 ދުވަހަށް ފަހު، ޙަމަލާ ދިނުން މަޑުޖައްސާލި އެއްބަސްވުން ތަންފީޒު ކުރަން ފެށިތާ 6 ވަނަ އަށް ވީ ދުވަހުއެވެ.

ޣައްޒާ ކޮންޓްރޯލް ކުރަމުން ދާ ޙަމާސް ޖަމާޢަތާއި، އިޒްރޭލުންވެސް ދަނީ ޙަމަލާ މަޑުޖައްސާލާފައި އޮތް މުހުލަތުގެ ތެރޭގައި އަސީރުންނާއި ޤައިދީން މިނިވަންކޮށް، ދޫ ކުރުމުގެ މަސައްކަތް ކުރަމުންނެވެ. ކުރެވުނު ކޮން ކުށެއްކަންވެސް ނޭގޭ ޙާލު، އިންތިހާ ޅަ ޢުމުރުގައި ޔަހޫދީންގެ ކަސްތޮޅުތަކުގައި ޤައިދުވެގެން އެތައް ދުވަހެއް ހޭދަ ކޮށްފައި ވާ ޤައިދީން މިނިވަން ވެގެން އުފަން ވަޒަނަށް އަންނަ އިރު ޙަޤީޤީ އުފާ އިޙްސާސް ކުރާނެ ފުރުޞަތުވެސް ނޯވެއެވެ. ޢާއިލާގެ 30 އަކަށް މެންބަރުން އޮންނަނީ ޝަހީދު ކޮށްލާފައެވެ. ވަންނާނެ ގެދޮރެއް ނޯވެއެވެ. އަނެއްކާވެސް މިޞްރާބު ޖަހަން ޖެހެނީ އެތައް ސަތޭކަ ބަޔަކު ތޮއްޖެހިގެން ދިރިއުޅެމުން ދާ ވަގުތީ ހިޔާވައްސަކަށެވެ.

ޖަލުގެ ކަންކަން ވަރަށް ދަތިކޮށް ހުރީ. އެމީހުން އަހަރެމެންނާ މެދު ހިތީ ޤަބޫލުވެސް ނުކުރެވޭހާ ނުބައިކޮށް. އިޒްރޭލާ ދެކޮޅަށް ތެދުވާ މީހުންގެ ސާބިތުކަމަށް އިންތިހާ ޝުކުރު. ﷲ އިރާދަކުރެއްވިއްޔާ، ޔަހޫދީންގެ ކިބައިން މިންޖުވުން އޮތީ ވަރަށް ގާތުގަ.
އިބްރާހީމް ޒަމާރީ؛ އިޒްރޭލުން މިނިވަން ކުރި ފަލަސްޠީނު ޤައިދީއެއް

ގަޔަށް ލެވުނު ހިތްވަރެއް ލައިގެން ޣައްޒާގެ ރަށްވެހިން ދިރިއުޅުމައިގެން ކުރިއަށް ދާ އިރު، އެ ސިޓީގެ ވަޒަންވެރިން މިއަދު ތަޙައްމަލު ކުރަމުންދާ ހިތްދަތި ކަމާއި ނަމާންކަމުގެ އިންސާނީ ކާރިޘާއަށް ބީރު ކަންފަތެއް ދެވޭކަށް ނެތެވެ. އެފަދަ ކަމެއް ކުރާ ބަޔަކީވެސް، ޣައްޒާގެ ރަށްވެހިންނަށް އެ ޙާލު ޖެއްސި ބަޔަކާ އެއްވަރު ބަޔަކަށް ނުވެ ހިނގާނެ ހެއްޔެވެ؟

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
0%
0%
0%
0%
0%
0%
ކޮމެންޓް