ކ. މާލެ
|
1 ޑިސެންބަރ 2023 | ހުކުރު 17:20
ފެލިވަރު މަސް ފެކްޓަރީ
ފެލިވަރު މަސް ފެކްޓަރީ
ރާއްޖެއެމްވީ
މަސްވެރިކަން
މަސްވެރިން ބޭނުންވަނީ ފައިސާ ދެވޭނެ އަގެއްގައި މަސްކިރަން: މިނިސްޓަރު ޝިޔާމް
 
މަސްވެރިންގެ ހުރިހާ ގޮންޖެހުންތަކަށް ޖުމްލަ ހައްލެއް ހޯއްދައިދިނުމުގެ ވިސްނުން އެބައޮތް
 
މިއަދު މަސްވެރިން ބޭނުންވަނީ މަސް ކިރުވުމަށްފަހު، އަވަހަށް ފައިސާ ލިބޭނެ ގޮތްވުން
 
25 ރުފިޔާއަށް ކިލޯއެއް ކިރުމަކީ ދައުލަތަށް މާލީ ބުރައެއް

މަސްވެރިން ބޭނުންވަނީ ފައިސާ ދެވޭނެ އަގެއްގައި މަސްކިރަން ކަމަށް މިނިސްޓަރ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

ދައުލަތުގެ މީޑިއާގައި ވާހަކަދައްކަވަމުން މިނިސްޓަރު ޝިޔާމް ވިދާޅުވީ މީގެ ކުރީ ޒަމާނުގައި މަސްކިރުމުން ވަގުތުން ފައިސާ ދިން ނަމަވެސް މިހާރު އެގޮތަށް އެކަން ނުކުރެވޭނެކަން މަސްވެރިން ވެސް ގަބޫލުކުރާ ކަމަށެވެ. މަސްކޮޅު ކިރުމަށްފަހު ހަފްތާއެއް ނުވަތަ ދެ ހަފްތާ ވެދާނެ ކަމަށް މަސްވެރިން ގަބޫލުކުރާ ކަމަށާއި، މަސައްކަތް ކުރަނީ ދެހަފްތާގެ ތެރޭގައި މަސްވެރިންނަށް ފައިސާ ދޫކުރުމަށް ކަމަށް މިނިސްޓަރު ޝިޔާމް ވިދާޅުވިއެވެ.

މަހުގެ އަގަށް ގެނެސްފައިވާ ބަދަލަށް އިޝާރާތް ކުރައްވައި މިނިސްޓަރު ޝިޔާމް ވިދާޅުވީ މީގެ ކުރިން މަސް ކިލޯއެއް ގަންނަމުންދިޔައީ 17 ރުފިޔާއަށް ކަމަށާއި، 25 ރުފިޔާއަށް ކުރީ ސަރުކާރުން ބަދަލުކޮށްފައިވަނީ ރިޔާސީ އިންތިޚާބުގެ ކެންޕޭންގެ ތެރޭގައި ކަމަށެވެ. ކުރީގެ ސަރުކާރުގެ ވަކި ޕްލޭންއެއްގެ ތެރެއިން އަގު މަތިކުރި ނަމަވެސް އެ ޕްލޭންއާ އެއްގޮތަށް ކަންކަން ނުހިނގާ ކަމަށެވެ. ރާއްޖެއިން ބޭރުގެ ގައުމުތަކަށް ބޭރުކުރާ މަހުގެ 40 އިންސައްތަ ބޭރުކުރަނީ ޔޫރަޕަށް ކަމަށާއި، އެމަހުން 24 އިންސައްތަ ޓެރިފްއަށް ނަގާ ކަމަށް މިނިސްޓަރު ޝިޔާމް ވިދާޅުވިއެވެ. އަދި ވިދާޅުވީ ޓެރިފް އެހައި ބޮޑުއިރު މަހުގެ އަގު ބޮޑު ކުރުމަކީ ވަރަށް ބޮޑު ގޮންޖެހުމެއް ކަމަށެވެ. މިނިސްޓަރު ޝިޔާމް ވިދާޅުވީ ކުރީ ސަރުކާރަށް ޓެރިފް ކުޑަކުރާނެ ކަމުގެ ފެހި ސިގްނަލް ލިބުނު ނަމަވެސް މިހާރު އެމަސައްކަތުގައި އުޅޭ މާހިރުން ވިދާޅުވާ ގޮތުގައި އެކަން ކުރެވޭނީ އެންމެ އަވަހަށް ވެސް އަހަރެއް ނުވަތަ ދޮޅުއަހަރެއްގެ ތެރޭގައި ކަމަށެވެ.

Advertisement

މިނިސްޓަރު ޝިޔާމް ވިދާޅުވީ ބޮޑު ސަބްސިޑީއެއް ދެމުންއަންނައިރު އޭގެ މައްޗަށް 8 ރުފިޔާ ބޮޑުވެގެން ދިއުމަކީ ދައުލަތަށް ލިބޭ މާލީ ބުރައެއް ކަމަށެވެ. މިފްކޯއަށް މަސްވެރިންނަށް ފައިސާ ނުދެވި ލަސްވެގެންދާ މައިގަނޑު އެއްސަބަބަކީ ވެސް މަހުގެ އަގުބޮޑު ކުރުން ކަމަށާއި، މިފްކޯއަށް ނުވަންނަ ފައިސާއެއް ދިނުމަކީ ވަރަށް ބޮޑު ދައްޗެއް ކަމަށް މިނިސްޓަރު ޝިޔާމް ވިދާޅުވިއެވެ. އަދި ވިދާޅުވީ މިކަމުގެ ސަބަބުން ޕްރައިވެޓް ސެކްޓަރއަށް ވަރަށް ބޮޑެތި ގޮންޖެހުންތައް ކުރިމަތިވާ ކަމަށާއި، އެ އަގުގައި ޕްރައިވެޓް ސެކްޓަރއަށް ވެސް މަސައްކަތް ނުކުރެވޭނެ ކަމަށެވެ.

މީގެ އިތުރުން މިނިސްޓަރު ޝިޔާމް ވިދާޅުވީ މިއަދު މަސްވެރިން ބޭނުންވަނީ މަސް ކިރުވުމަށްފަހު، އަވަހަށް ފައިސާ ލިބޭނެ ގޮތްވުން ކަމަށެވެ. މަސްވެރިންނަށް ވެސް 25 ރުފިޔާއަކީ ބޮޑު އަދަދެއްކަން އެނގޭ ކަމަށާއި، މަސްވެރިން ބޭނުންވަނީ ފައިސާ ދެވޭނެ އަގެއް ކަމަށް މިނިސްޓަރު ޝިޔާމް ވިދާޅުވިއެވެ.

މަސްވެރިންނަށް ވެސް އެބަ އިނގޭ ހަގީގަތުގައި 25 ރުފިޔާއަކީ ވަރަށް ބޮޑު އަދަދެއްކަން. އަޅުގަނޑުހަމަ ހުރިހާ ހިސާބެއްގެ މަސްވެރިންނާއި މުއާމަލާތް ކުރަން. އަޅުގަނޑު މި މަގާމަށް އައުމުގެ ކުރިން ވެސް މަސްވެރިންނާއި ވަރަށް ގާތުން މަސައްކަތް ކުރަން. މަސްވެރިންގެ ވާހަކަތައް އަޅުގަނޑަށް އެނގޭ. މަސްވެރިންނަށް މާ މުހިންމުވޭ މަސްވެރިންނަށް ބާނާ މަސްކޮޅަށް ލަސްނުކޮށް ފައިސާ ލިބޭނެ ގޮތަކަށް އިންތިޒާމްތައް ހަމަޖެހިގެން ދިއުން. އެހެންކަމުން މިދަންނަވަނީ މަސްވެރިން ބޭނުންވަނީ ފައިސާ ދެވޭނެ އަގެއް. ދައުލަތަށް ކެރި ކުޅަދާނަވެގެން މަސްވެރިން ބާނާ މަހަށް ފައިސާ ދެވޭނެ އަގެއް މަސްވެރިން ބޭނުންވަނީ އެނގޭތޯ.
މިނިސްޓަރ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް އަހުމަދު ޝިޔާމް

ރައީސް ޑރ.މުހައްމަދު މުއިއްޒުގެ މެނިފެސްޓޯގައި ވެސް 20 އަށް ވުރެ ކުޑަނުކޮށް މަސްވެރިންގެ އަތުން މަސްގަތުމަށް ހިމަނާފައިވާކަން ފާހަގަކުރައްވައި މިނިސްޓަރު ޝިޔާމް ވިދާޅުވީ މިސަރުކާރުގައި ވަރަށް ބޮޑު ފޯކަސްއެއް މަސްވެރިކަމުގެ ސިނާއަތަށް ދޭނެ ކަމަށެވެ. މަސްވެރިންގެ ހުރިހާ ގޮންޖެހުންތަކަށް ޖުމްލަ ހައްލެއް ހޯއްދައިދިނުމުގެ ވިސްނުން އެބައޮތް ކަމަށާއި، ހަފްތާ 14 ގައި މަސްވެރިންނާއި ގުޅުންހުރި މުހިންމު ކަންތައްތައް ކުރުމަށް ޕްލޭން ކުރެވިފައިވާ ކަމަށް މިނިސްޓަރު ޝިޔާމް ވިދާޅުވިއެވެ. އެގޮތުން މަސްވެރިންގެ ދަފްތަރެއް އެކުލަވާލެވި ރަޖިސްޓްރީ ކުރެވިގެންދާނެ ކަމަށް މިނިސްޓަރު ޝިޔާމް ވިދާޅުވިއެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
0%
0%
0%
0%
0%
0%
ކޮމެންޓް
ގުޅުންހުރި
ރާއްޖޭގެ މަސް ދޯނިތަކަށް އިންޑިއާ ސިފައިން އެރި ސަބަބު އަދި ސާފެއްނުވޭ - ޝިޔާމް
ފުނައްޑޫ އޮޕަރޭޝަނަށް ގެނެވޭނެ ސީދާ ތާރީޚެއް ސަރުކާރަށް ނުދެވުނު، ސަބަބެއްގެ ގޮތުގައި ދެއްކީ "ބަޖެޓު" އޮތް ގޮތް
މަސްވެރިންގެ މުޒާހަރާ: މަސްވެރިން ތިބީ ފައިސާ އެއްކޮށް ނުދޭހާ ހިނދަކު ދޫދޭގޮތަކަށްނޫން
މަސްވެރިންނަށް ނުދެވި ހުރި 280 މިލިޔަން ރުފިޔާ، މާރޗު 5ގެ ނިޔަލަށް ދައްކާ ޚަލާސްކުރާނެ: ޝިޔާމް
ފަރުމަސްވެރިކަން ކުރާ ފަރާތްތަކަށް ރަހުނަކާ ނުލާ ހަތްލައްކަ ރުފިޔާ އާ ހަމައަށް ލޯނު ދޫކުރަނީ
މަސްވެރިންނަށް އުފާވެރި ޚަބަރު ދެއްވާނެ ކަމަށް ވިދާޅުވެ، ވަޑައިގެން ދެއްވި ޚަބަރަކީ މަހުގެ އަގު ކުޑަކުރާކަމުގެ ޚަބަރު!
މިފްކޯއިން ސަރުކާރު ކެންޑިޑޭޓުން ޕްރޮމޯޓްކުރުމަށް ޝިޔާމްގެ ދިފާއު- "މިފްކޯގެ ޕްރޮޑަކްޓް ޕްރޮމޯޓްކުރުމަށް މެންބަރު ވަޑައިގަތަސް އެ މެހެމާންދާރީ ލިބިވަޑައިގަންނަވާނެ"
ނިމިދިޔަ ސަރުކާރުގެ ނިންމުމަށް ގޮންޖަހައި، މަސް ގަންނަ އަގު 20ރ. އަށް ކުޑަކުރަނީ