ކ. މާލެ
|
30 ނޮވެންބަރ 2023 | ބުރާސްފަތި 17:04
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ފުށިދިއްގަރުފަޅުގެ ވާހަކަ
"ފުށިދިއްގަރުފަޅުގެ ވާހަކަ" މި ސަރުކާރުގެ ދެބޯގެރި ދުއްވުން ނޫންބާ؟
ފުށިދިއްގަރުފަޅު ހިއްކަން 400 މިލިއަން ރުފިޔާ ހޭދަވޭ
އުތުރުތިލަފަޅާއި އިންޑިއާ ސިފައިންގެ ވާހަކަ އޮއްބާލަން ފުށިދިއްގަރުފަޅުގެ ވާހަކަ ނެންގެވި
ވެރިކަން ހޯދަން ރައްޔިތުންގެ ހިތުގައި ނުތަނަވަސްކަމާއި ނާމާންކަން ފެތުރޭނެ ހުރިހާ ވާހަކައެއް ދެއްކެވި

ދެބޯގެރި ދުއްވުމޭ ދިވެހިން އާއްމުކޮށް ދިވެހިން ކިޔައިއުޅެނީ ކަމެއްގެ ވާހަކަ އޮއްބާލަން އެ ނޫން ވާހަކައެއް ދެއްކުމުންނެވެ. ރަށުތެރޭގައި ދެކެވޭ ވާހަކަތައް ބަދަލުކޮށްލަން އެއަށްވުރެ އާދަޔާޚިލާފު، އެއަށްވުރެ މޮޅު ވާހަކައެއް ދެއްކުމަށް ދިވެހިން ކިޔާ އުޅެނީ ދެބޯގެރި ދުއްވުމެވެ.

ކަން މިހެން އޮތްއިރު، މިދެންނެވި ބީދައިން ދެބޯގެރި ދުއްވުމަކީ ދިވެހިންގެ ސިޔާސީ މަސްރަހުގައިވެސް އާ ކަމެއް ނޫނެވެ. ތިމާމެންގެ ސަރުކާރަށް ފާޑުކިޔުން އަމާޒުވުމުން ނޫނީ ސަރުކާރުގެ ނުރަނގަޅު ވާހަކަ ދައްކަން ފެށުމުން، އެ ކަމަކާ ދުރަަށް އާއްމުންގެ މިސްރާބު ބަދަލުކޮށްލުމަކީ ސިޔާސީ މީހުން ދަންނަ ފަރިތަ އުކުޅެކެވެ.

މިއީ ދިވެހި ތާރީޚުގެ ތެރެއަށް ބެލިޔަސް އާ އުކުޅެއް ނޫނެވެ. ކޮންމެއަކަސް މި ވެރިކަން ހޯއްދަވަން އެންމެ ބާރު ގަދަ އެންމެ ތޫނު ހަތިޔާރަކަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ދެއްކެވީ ގައުމިއްޔަތުގެ ވާހަކައެވެ. އެންމެ ފުޅާކޮށް ދެއްކެވި ވާހަކައަކީ އިސްތިގުލާލުގެ ވާހަކައެވެ. އެންމެ ބޮޑު ވައުދަކީ ސިޔާދަތީ ހަމަހަމަކަމާއި ހާމަކަމުގެ ވާހަކައެވެ.

ތަންކޮޅެއް ވާހަކަ ތިލަކޮށްލާނަމެވެ. އެއް ވާހަކައަކީ ޗާގޯސް މައްސަލައިގެ ވާހަކަައެވެ. ކުރީގެ ސަރުކާރުން ރާއްޖޭގެ ކަނޑު ވިއްކައިލި ވާހަކައެެވެ. އެ ކަނޑު އަނބުރާ ދިވެހިންނަށް ހޯއްދަވައިދެއްވާނެ ކަމުގެ ވާހަކައެވެ. އޭރު ވިދާޅުވީ ރޭވުމެއްގެ ތެރެއިން ދިވެހި މަސްކަނޑު ދިވެހިންގެ ލޭނާރުގެ މައި ތަނބު ފޭރިގަނެފައިވާކަމަށް ދެއްކެވި ވާހަކަފުޅެވެ.

ދެވަނަ ވާހަކައަކީ ރާއްޖޭގައި ތިބި އިންޑިއާ ސިފައިންގެ އަދަދު ހާހުން ގުނާލެވޭކަމުގެ ވާހަކައެވެ. ވަގުތުން ވަގުތަށް އެ އިންޑިއާ ސިފައިން ފޮނުވައިނުލެވޭ ސަބަބާމެދު ސުވާލު އުފެއްދެވިއެވެ. ދިވެހިންގެ ސިޔާސަތު ނުރައްކަލެއްގެ ތެރޭގައި ވާކަމަށް ވިދާޅުވެ، ދިވެހިންގެ ހިތުގައި ބިރުވެރިކަން އުފެއްދެވިއެވެ.

ތިންވަނަ ވާހަކައަކީ އުތުރުތިލަފަޅުގެ ވާހަކައެވެ. އެތަނުގައި އިންޑިއާ ސިފައިން ގާއިމްވެ ތިބިކަމަަަށް ވިދާޅުވެ، ރެއާއި ދުވާލު އެ ވާހަކަ ޕޯޑިއަމްތަކުގައި ދެއްކެވިއެވެ. އަދި އެ އެއްބަސްވުންތައް ނުދައްކާކަމަށް ވިދާޅުވެ، ރައްޔިތުންގެ ހިތުގައި ނުތަނަވަސްކަމާއި ނާމާންކަން ފެތުރޭނެ ހުރިހާ ވާހަކައެއް ދެއްކެވިއެވެ.

އެ ވާހަކަތައް ދިވެހިން ގަބޫލުވެސް ކުރިއެވެ. ވެރިކަން މިބޭފުޅުންނަށް ދީފިއެވެ. މިހާރުން މިހާރަށް ހާމަކުރަން ގޮވައިލެއްވި އެއްބަސްވުންތައް ހާމައެއް ނުކުރައްވައެވެ. ހާހުން ތިބި އިންޑިއާ ސިފައިންނެއް ނުދެއްކުނެވެ. ކުރިން ތިބި އިންޑިއާ ސިފައިން ފިޔަވައި އިތުރު ބަޔަކު ނުދެއްކުނެވެ. އުތުރުތިލަފަޅުން އިންޑިއާ ސިފައިންނެއް ވެސް ނުދެއްކުނެވެ. އެއްބަސްވުންތައް ހާމަކުރައްވާނީ ކޮންއިރަކުތޯ އާއްމުން އަހަން ފަށައިފިއެވެ. އިންޑިއާ ސިފައިން ފޮނުވާލައްވާނީ ކޮން އިރަކުތޯ އަހަން ފަށައިފިއެވެ.

ޖަވާބަކީ، މަސައްކަތް ކުރިއަށްދާ ވާހަކައެވެ. މަޝްވަރާކުރާ ވާހަކައެވެ. އަދި ޑިޕްލޮމަސީގެ ވާހަކައެވެ. ގައުމިއްޔަތުގެ ނަމުގައި ތިމާމެން ފޭހުނު އިލޮށިގަނޑުގެ ދިލަ އިހުސާސްވާން ފެށުމުން، އެ ވާހަކަ އޮއްބާލާނެ ވާހަކައެއް ބޭނުންވިއެވެ.

އެ ވާހަކައަކީ އާއްމުން އެކަމަކާ ކަންބޮޑުވާނެ ވާހަކައަކަށް ވެސް ވާންޖެހެއެވެ. ކަން މިހެން ހުރުމާއެކު، އުތުރުތިލަފަޅާއި އިންޑިއާ ސިފައިންގެ ވާހަކަ އޮއްބާލަން ފުށިދިއްގަރުފަޅުގެ ވާހަކަ ނެންގެވިއެވެ.

އެ މަޅީގައި ބަޔަކު ޖައްސައިފިވެސްމެއެވެ. ގޯތިގެދޮރުގެ ވާހަކައާމެދު ސުވާލު އުފެދުމުން އެކަމަށް ސަމާލުކަން ހުއްޓޭނެތާއެވެ.

ފުށިދިއްގަރުފަޅަށް 400 މިލިއަން ރުފިޔާ، އެތަން ހިއްކަން އެކަނި ހޭދަވެއެވެ. މިފަދަ އެތައް ސަބަބަކާއި، އެހެން މަޝްރޫއުތައް ހުއްޓޭނެކަމަަަަށް ލަފާކުރާތީ މި ވާހަކަ އާއްމުން ދައްކަން ފެށިއެވެ. އިންޑިއާ ސިފައިންނާއި އެއްބަސްވުންތަކުގެ ވާހަކަ އާއްމުން ހަނދާން ނެތޭނެކަމުގެ އުންމީދުގައި ކަމަަަަށް ވެދާނެއެވެ. ދެބޯގެރި ދުއްވައިގެން ނަމަވެސް އެ ވާހަކަ އޮއްބާލަން ބޭނުންވާކަން ގައިމެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް