ކ. މާލެ
|
30 ނޮވެންބަރ 2023 | ބުރާސްފަތި 15:02
ގިނަ ތުހުމަތުތަކެއް އަމާޒުވެފައިވާ ހަސަން މަމްދޫހު (މަންޑޭ)
ގިނަ ތުހުމަތުތަކެއް އަމާޒުވެފައިވާ ހަސަން މަމްދޫހު (މަންޑޭ)
ސޯޝަލްމީޑިއާ
ކޭ ޕާކް މައްސަލަ
މަންޑޭގެ މައްޗަށް ގާތްގަނޑަކަށް 225 ދައުވާ، އަންނަ ހަފްތާގައި ކޯޓަށް މައްސަލަ ވައްދަނީ
 
މަމްދޫހުގެ އިތުރުން ރ.އަލިފުށި، ކިނާރާ، ޖައިޝާން ސައީދުގެ މައްޗަށް ވެސް ދައުވާ ކޮށްދިނުމަށް ހުށަހަޅާފައިވޭ
 
ސައްހަ ނޫން ލިޔުމެއް ދިނުމުގެ ކުށުގެ ދައުވާ، އޮޅުވާލުމުގެ ކުށުގެ ދައުވާ ކުރުމަށް ދަނީ ވިސްނަމުން
 
41 އެޕާޓްމަންޓް ޖުމްލަ 107 މީހުންނަށް ވިއްކާފައިވޭ

ހުޅުމާލޭގައި ތަރައްގީކުރަމުން އަންނަ ކޭ ޕާކް ފްލެޓްތަކުގެ މައްސަލާގައި ގިނަ ތުހުމަތުތަކެއް އަމާޒުވެފައިވާ ހަސަން މަމްދޫހު (މަންޑޭ)ގެ މައްޗަށް ގާތްގަނޑަކަށް 225 ދައުވާ އުފުލާނެ ކަމަށް ޕްރޮސެކިއުޓަރ ޖެނެރަލް ހުސައިން ޝަމީމް ވިދާޅުވެއްޖެއެވެ.

ބުރާސްފަތި ދުވަހު ޕީޖީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕީޖީ ހުސައިން ޝަމީމް ވިދާޅުވީ ހަސަން މަމްދޫހާއި އިތުރު ބަޔަކު ބައިވެރިވެގެން ހަންބޯ ކޮންޕެނީ ޕްރައިވެޓް ލިމިޓެޑް މެޖޯރިޓީ ހިއްސާދާރުގެ ސޮއި ފޯޖު ކޮށްގެން ލިޔުންތަކެއް އުފައްދާފައިވާ ކަމަށެވެ. އަދި ބީއެމްއެލްގައި އޮތް ހަންބޯ ކޮންޕެނީގެ ނަމުގައި އޮތް ބޭންކް އެކައުންޓެއް ހުޅުވައި އިންޓަނެޓް ބޭންކް މެދުވެރިކޮށް ފުރިހަމަ ކޮންޓްރޯލް ހޯދައިގެން ބައެއްކަހަލަ މަކަރާއި ހީލަތު އަމަލުތަކެއް ކުރިކަމަށް ތުހުމަތު ކުރެވޭ ކަމަށެވެ.

Advertisement

ޝަމީމް ވިދާޅުވީ މިއަންނަ ހަފްތާގެ ކުރީކޮޅު މިމައްސަލަ ކޯޓަށް ހުށަހެޅޭނެ ކަމަށެވެ. މިމައްސަލާގައި މިހާތަނަށް ލިބިފައި ހުރި މައުލޫމާތުން އެކަނި ވެސް ގާތްގަނޑަކަށް 225 ދައުވާ މަމްދޫހުގެ މައްޗަށް އުފުލޭނެ ކަމަށް ޝަމީމް ވިދާޅުވިއެވެ. އަދި ވިދާޅުވީ އެއީ ކުށުގެ ޝިކާރައަކަށް ވި ބައެއް މީހުންގެ މައުލޫމާތުން ކަމަށެވެ.

މީގެ އިތުރުން ޝަމީމް ވިދާޅުވީ 41 އެޕާޓްމަންޓް ޖުމްލަ 107 މީހުންނަށް ވިއްކާފައިވާ ތަހުގީގަށް އެނގިފައިވާ ކަމަށެވެ.

މިއަންނަ ހަފްތާގެ ކުރީކޮޅު އަޅުގަނޑުމެންނަށް މިމައްސަލާގައި ކޯޓަށް މައްސަލަ ހުށަހެޅޭވަރުވާނެ. އަޅުގަނޑު މިބަލަނީ މިމައްސަލާގައި މިހާތަނަށް ލިބިފައި ހުރި މައުލޫމާތުން އަދި މިއީ އެއްބައި މީހުންގެ މައުލޫމާތު. ކުށުގެ ޝިކާރައަކަށް ވި ބައެއް މީހުން މައުލޫމާތު. އެ މައުލޫމާތުތަކުން ވެސް މިހާރު ފެންނަން އޮތް ގޮތުން ގާތްގަނޑަކަށް 225 ދައުވާ އަޅުގަނޑުމެން ހަސަން މަމްދޫހުގެ މައްޗަށް ވެސް އުފުލަން. އެމައްސަލާގައި ތުހުމަތުކުރެވޭ ދެމީހަކު އެބައުޅޭ. އަޅުގަނޑުމެންނަށް ލިޔުންތަކުން ފެންނަ ގޮތުގައި ކޭ-ޕާކު ރެސިޑެންސްގެ އެޕާޓްމަންޓްތައް އެކަކަށް ވުރެ ގިނަ މީހުންނަށް ވިއްކާފައި އެބަހުރި. މިދެންނެވި 41 އެޕާޓްމަންޓް ޖުމްލަ 107 މީހުންނަށް ވިއްކާފައި އެބަހުރި. އެހެންވީމަ ހަމަގައިމުގެ ވެސް އެކަކަށް ވުރެ ގިނަ މީހުންނަށް ވިއްކާގެން ނޫނީ 41 އެޕާޓްމަންޓް 107 މީހުންނަށް ނުވިއްކޭނެ. އެހެންވީމަ އެމަންޒަރު ތަހުގީގަށް މިހާތަނަށް ސާފުވެފައި އެބައޮވޭ.
ޕްރޮސެކިއުޓަރ ޖެނެރަލް ހުސައިން ޝަމީމް

ޝަމީމް ވިދާޅުވީ މިމައްސަލާގައި ގާނޫނު އުގޫބާތުގެ 310 ވަނަ މާއްދާގެ ދަށުން ސައްހަ ނޫން ލިޔުމެއް ދިނުމުގެ ކުށުގެ ދައުވާ އާއި، 313 ވަނަ މާއްދާގެ ދަށުން އޮޅުވާލުމުގެ ކުށުގެ ދައުވާ ކުރަން ވިސްނަމުންދާ ކަމަށެވެ. އެއީ ވިޔަފާރި އާއްމު މިންގަނޑުތަކާއި ކަނޑައެޅިގެން ހިލާފަށް އަމަލުކޮށްފައިވާތީ ކުރާ ދައުވާއެއް ކަމަށް ޝަމީމް ވިދާޅުވިއެވެ. އަދި ވިދާޅުވީ ޓެކުހުގެ ކުށުގެ ދައުވާއާއި މަނީ ލޯންޑަރިންނާއި ޓެރަރިޒަމް ފައިނޭންސް ހުއްޓުވުމުގެ ގާނޫނުގެ 53 މާއްދާގެ ދަށުން މަނީލޯންޑަރިން ކުށުގެ ދައުވާއެއް ވެސް ކުރުމަށް ވިސްނަމުންދާ ކަމަށެވެ.

މަމްދޫހުގެ އިތުރުން ރ.އަލިފުށި، ކިނާރާ، ޖައިޝާން ސައީދުގެ މައްޗަށް ވެސް ދައުވާ ކޮށްދިނުމަށް ހުށަހަޅާފައިވެއެވެ.

ހުޅުމާލޭގައި މިކްސްޑް ޔޫސް ރެޒިޑެންޝަލް ކޮމްޕްލެކްސްއެއް ތަރައްގީކުރުމަށް ހަންބޯ ޓެކް ކޮރެއާއާއި އާބަންކޯއާ ދެމެދު އެއްބަސްވުމުގައި ސޮއިކުރީ 09 އޮކްޓޫބަރު 2016ގައެވެ. އެ އެއްބަސްވުމަށްފަހު، ފްލެޓް ގަންނަން މީހުންނަށް އެހީތެރިވުމަށާއި މާކެޓްކުރުމަށް ރާއްޖޭގެ އޭޖެންޓެއްގެ ގޮތުގައި ހަންބޯ މޯލްޑިވްސް ހަމަޖެއްސިއެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
0%
ކޮމެންޓް