ކ. މާލެ
|
30 ނޮވެންބަރ 2023 | ބުރާސްފަތި 08:36
1.5 މިލިއަން ވަނަ ފަތުރުވެރިޔާ ރާއްޖެ އައުން ފާހަގަ ކުރުން -- ފޮޓޯ : ޔޫސުފް ސޮފްވާން
1.5 މިލިއަން ވަނަ ފަތުރުވެރިޔާ ރާއްޖެ އައުން ފާހަގަ ކުރުން -- ފޮޓޯ : ޔޫސުފް ސޮފްވާން
ޔޫސުފް ސޮފްވާން ރަޝީދު
ފަތުރުވެރިކަމުގެ ތަފާސްހިސާބު
ރާއްޖެއަށް ފަތުރުވެރިން އަންނަ މިންވަރު %13 އިތުރުވެއްޖެ
މި އަހަރުގެ މިހާތަނަށް ރާއްޖެއަށް ވަނީ 1.6 މިލިއަން ފަތުރުވެރިން ޒިޔާރަތްކޮށްފައި

މިދިޔަ އަހަރުގެ ޖެނުއަރީ އިން ނޮވެމްބަރު މަހާ ހަމައަށް ރާއްޖެ އަށް ޒިޔާރަތް ކުރި ފަތުރުވެރިންގެ އަދަދާ އަޅާބަލާއިރު، މި އަހަރުގެ އެ މުއްދަތުގައި ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު 13 އިންސައްތަ އިތުރުވެއްޖެ ކަމަށް ފަތުރުވެރިކަމާ ބެހޭ ވުޒާރާގެ ތަފާސް ހިސާބުތަކުން ދައްކައިފި އެވެ.

ފަތުރުވެރިކަމާ ބެހޭ ވުޒާރާގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުން، މިދިޔަ އަހަރުގެ ޖެނުއަރީ އިން ނޮވެމްބަރުގެ ނިޔަލަށް، ރާއްޖެއަށް 1.4 މިލިއަން ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފަ އެވެ. އެހެން ނަމަވެސް މި އަހަރު އެ އަދަދު އިތުރުވެ ވަނީ، 1.6 މިލިއަނަށް އަރާފަ އެވެ.

ރާއްޖޭގެ ތާރީޚުގައި ވެސް އެންމެ ގިނައިން ފަތުރުވެރިން އަންނާނެ ކަމަށް ލަފާކުރެވޭ އެއް އަހަރަށް ނޫނީ އަހަރަށް މި އަހަރު ވާއިރު، ނިމިދިޔަ އަހަރާ އަޅާބަލާއިރު މި އަހަރު ރާއްޖެއަށް ފަތުރުވެރިން އައުން ދަށްވީ އެންމެ މަހެއްގަ އެވެ. އެއީ މި އަހަރުގެ މެއި މަހުގެ ތެރޭގައި އެވެ.

މެއި މަހުގެ ތެރޭގައި ރާއްޖެއަށް ޒިޔާރަތް ކުރީ، މިދިޔަ އަހަރުގެ ޖެނުއަރީ އިން މެއި އާ ހަމައަށް ރާއްޖެއަށް ޒިޔާރަތް ކުރި ފަތުރުވެރިންގެ އަދަދަށް ވުރެ ޖުމްލަ 3.6 އިންސައްތަ މަދު އަދަދެއްގެ ފަތުރުވެރިންނެވެ.

މި އަހަރުގެ ހިސާބުތަކަށް ބަލާއިރު، މި އަހަރު އާންމުކޮށް ރާއްޖެއަށް ދުވާލެއްގެ މައްޗަށް 5،000 ފަތުރުވެރިން ޒިޔާރަތް ކުރާއިރު، މި އަހަރު ދުވާލެއްގެ މައްޗަށް އެވްރެޖްކޮށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފަައިވަނީ ފެބްރުއަރީ މަހު އެވެ. އެ މަހުގެ ކޮންމެ ދުވަހެއްގެ އެވްރެޖްއަށް ބަލާއިރު، 6،300 އަށް ވުރެ ފަތުރުވެރިން ވަނީ ރާއްޖެއަށް ޒިޔާރަތްކޮށްފަ އެވެ.

އަދި މީގެ އިތުރުން އާންމުކޮށް ރާއްޖެއަށް ޒިޔާރަތް ކުރާ ފަތުރުވެރިން 7.6 ދުވަހު ރާއްޖޭގައި މަޑު ކުރެ އެވެ.

މި އަހަރުގެ މިހާތަނަށް ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އައިސްފައިވަނީ ރަޝިޔާ އިންނެވެ. އެ ގައުމުން 190،000 އަށް ވުރެ ގިނަ ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވާއިރު، ދެވަނައިގައި އޮތީ އިންޑިޔާ އަދި ތިންވަނައިގައި އޮތީ ޗައިނާ އެވެ.

- ކޮމެންޓް