ކ. މާލެ
|
29 ނޮވެންބަރ 2023 | ބުދަ 05:55
ތުރުކީވިލާތުގެ މިނިސްޓަރ އޮފް ނޭޝަނަލް އެޑިއުކޭޝަން ރައީސުލްޖުމްހޫރިއްޔާގެ އަރިހަށް އިޙުތިރާމްގެ ޒިޔާރަތެއް ކުރެއްވުން
ތުރުކީވިލާތުގެ މިނިސްޓަރ އޮފް ނޭޝަނަލް އެޑިއުކޭޝަން ރައީސުލްޖުމްހޫރިއްޔާގެ އަރިހަށް އިޙުތިރާމްގެ ޒިޔާރަތެއް ކުރެއްވުން
ރައީސް އޮފީސް
ރައީސްގެ ތުރުކީ ދަތުރުފުޅު
ސްކޮލަރޝިޕް ފުރުޞަތުތައް އިތުރުކުރުމާއި ގުޅޭގޮތުން ތުރުކީވިލާތުގެ އެޑިއުކޭޝަން މިނިސްޓަރާއި ރައީސް މަޝްވަރާ ކުރައްވައިފި
 
ތުރުކީވިލާތަކީ އަތްފޯރާ އަގެއްގެ ރަނގަޅު ފެންވަރުގެ މަތީ ތަޢުލީމު ދިވެހިންނަށް ފޯރުކޮށްދޭ ޤައުމެއް

ސްކޮލަރޝިޕް ފުރުޞަތުތައް އިތުރުކުރުމާއި ގުޅޭގޮތުން ތުރުކީވިލާތުގެ މިނިސްޓަރ އޮފް ނޭޝަނަލް އެޑިއުކޭޝަން، ޔޫސުފް ތެކިން އާއި، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު މަޝްވަރާ ކުރައްވައިފި އެވެ. މި މަޝްވަރާތައް އޮތީ ތެކިން، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ އަރިހަށް ކުރެއްވި އިޙުތިރާމުގެ ޒިޔާރަތުގައެވެ.

މި ބައްދަލުކުރެއްވުން އޮތީ ތުރުކީވިލާތުގެ އަންކާރާގައި ހުންނަ ޕްރެޒިޑެންޝަލް ގެސްޓްހައުސްގައެވެ. މި ބައްދަލުކުރެއްވުމުގައި ތުރުކީވިލާތުގެ މިނިސްޓަރ އޮފް ނޭޝަނަލް އެޑިއުކޭޝަނާއި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޢިއްޒު ވަނީ، ރާއްޖޭއާއި ތުރުކީވިލާތާ ދެމެދުގައި އޮންނަ ގާތް ގުޅުން ފާހަގަކުރައްވައި، ކުރިއަށް އޮތް ތަނުގައި ދެ ޤައުމުގެ ދެމެދުގައި މަތީ ތަޢުލީމާއި ތަމްރީނު ދިނުމުގެ ރޮނގުން އެއްބާރުލުން ދިނުމާ ގުޅޭ ގޮތުން މަޝްވަރާ ކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި، ތުރުކީވިލާތަކީ އަތްފޯރާ އަގެއްގައި ރަނގަޅު ފެންވަރުގެ މަތީ ތަޢުލީމު ދިވެހިންނަށް ފޯރުކޮށްދޭ ޤައުމެއްކަން ފާހަގަކުރައްވައި، ކުރު މުއްދަތުގެ ތަމްރީނު ޕްރޮގްރާމްތަކާއި، ސްކޮލަރޝިޕް ފުރުޞަތުތައް އިތުރުކުރުމާ ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާ އާއި ތުރުކީވިލާތުގެ މިނިސްޓަރ މަޝްވަރާ ކުރެއްވިއެވެ. މިގޮތުން، އުނގެނުމުގައި އިތުރު އެހީތެރިކަން ބޭނުންވާ ދަރިވަރުންނާ މުޢާމަލާތްކުރާ މުދައްރިސުންނަށާއި ތަޢުލީމީ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކަށް ޚާއްޞަކޮށްގެން އެކި ދާއިރާތަކުން ތަމްރީނުދިނުން މުހިންމު ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. މީގެ އިތުރުން، އާރތް ސައިންސްއާއި، މެޑިސިންއާއި، ޗައިލްޑް ކެއާރ އާއި، ތެރަޕީ، އަދި ރިހެބިލިޓޭޝަން ފަދަ މުހިންމު ދާއިރާތަކުން ތަމްރީނުގެ ފުރުޞަތުތައް އިތުރުކުރެވޭނެ ގޮތްތައް ފަހިކުރުމަށް ރާއްޖެއިން މަސައްކަތް ކުރަމުންދާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.

މި ބައްދަލުކުރެއްވުން ނިންމަވާލައްވަމުން ރައީސުލްޖުމްހޫރިއްޔާއާއި ތުރުކީވިލާތުގެ މިނިސްޓަރ އޮފް ނޭޝަނަލް އެޑިއުކޭޝަން ވަނީ ދެ ޤައުމުގެ ދެމެދުގައި ގިނަ އަހަރުތަކެއްވަންދެން ގާއިމްވެފައިވާ އެކުވެރި ގާތް ގުޅުން އިތުރަށް ބަދަހި ކުރެއްވުމަށް މަސައްކަތް ކުރައްވާނެކަމުގައި ވިދާޅުވެފައެވެ. ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ސިޔާސީ ގުޅުން ޤާއިމުކޮށްފައި ވަނީ 28 މޭ 1979 ގައެވެ.

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޢިއްޒު މިހާރު ތުރުކީވިލާތަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅަކީ ތުރުކީވިލާތުގެ ރައީސްގެ ދަޢުވަތަކަށް އެ ޤައުމަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅެކެވެ. މިދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދާއި، ދިވެހި ސަރުކާރުގެ އިސް ބޭފުޅުން ހިމެނޭ ވަފުދެއް ބައިވެރިވެވަޑައިގަންނަވައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: އަހްމަދު ދާއޫދު
0%
0%
0%
0%
0%
0%
ކޮމެންޓް