ޖަރުމަނުގެ ބަޔާން މިއުނިކަށް ކުޅެމުން އަންނަ އެ ޓީމުގެ އެއް ނަންބަރު ގޯލް ކީޕަރު މެނުއަލް ނޯޔާ، އެ ކުލަބާއެކު ހަދާފައިވާ އެއްބަސްވުން އައު ކޮށްފި އެވެ.
ބަޔާނާއެކު އެންމެ ފަހުން ނޯޔާ ސޮއި ކުރި އެއްބަސްވުމުގެ މުއްދަތު ހަމަވާން އޮތީ އަންނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށެވެ. އެހެންކަމުން، ބަޔާނުން ވަނީ އިތުރު އެއް އަހަރަށް އޭނާގެ އެއްބަސްވުން އައު ކޮށްފަ އެވެ. އުމުރުން 37 އަހަރުގެ ކުޅުންތެރިޔާ، އަންގާރަ ދުވަހު ބަޔާނާއެކު ސޮއި ކުރި އެއްބަސްވުމުގެ މުއްދަތު ހަމަވާނީ 2025 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށެވެ. ނޯޔާގެ އިތުރުން ބަޔާންގެ ދެ ވަނަ ގޯލް ކީޕަރު ސްވެން އުލްރެއިޗު ވެސް ވަނީ 2025 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށް އެ ކުލަބުގެ އެއްބަސްވުން އައު ކޮށްފަ އެވެ.
މިދިޔަ ޑިސެމްބަރު މަހުގެ ތެރޭގައި ފައި ބިންދައިގެން ދިޔުމުގެ ސަބަބުން ނޯޔާ ވަނީ 10 މަސް ދުވަސް ވަންދެން ކުޅުމާ ދުރުގައި ހުރެފަ އެވެ. އެ އަނިޔާއިން މުޅިން އެއްކޮށް ރަނގަޅު ނުވަނީވެސް، ނޯޔާ އަށް ވަނީ އިތުރު އަނިޔާއެއް ލިބިފަ އެވެ. އެކަމުން އަރައިގަނެ، ބަޔާންގެ ފަރިތަކުރުންތަކަށް ނޯޔާ ނުކުންނަން ފެށީ، މިދިޔަ އޯގަސްޓު މަހުގެ ތެރޭގަ އެވެ. އެއަށްފަހު އޭނާ ވަނީ އޮކްޓޫބަރު މަހު ރަސްމީކޮށް ކުޅެން ފަށައިފަ އެވެ.
ނޯޔާ ބަޔާނަށް ސޮއި ކުރީ 2011 ވަނަ އަހަރު އެވެ. އޭގެ ފަހުން މި ފާއިތުވި 13 ސީޒަންގައި އޭނާ ވަނީ 495 މެޗުގައި ބަޔާންގެ ގޯލު ބަލައްޓައިފަ އެވެ. ބަޔާނާއެކު ނޯޔާ ވަނީ 28 ތައްޓެއް ކާމިޔާބުކޮށްފަ އެވެ. އުމުރުން 37 އަހަރުގެ ކުޅުންތެރިޔާ އަކީ ޖަރުމަނު ޤައުމީ ޓީމުގެ ވެސް ކީޕަރެވެ. ޤައުމީ ޓީމަށް އޭނާ ވަނީ 117 މެޗުގައި ގޯލު ބަލަހައްޓައިދީފަ އެވެ. ޖަރުމަނުން 2014 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕް ކާމިޔާާބު ކުރިއިރު، އެ މުބާރާތުގެ އެންމެ މޮޅު ގޯލް ކީޕަރަކީ ވެސް ނޯޔާ އެވެ.