ބިންވެރިޔާ ސްކީމާއި ގެދޮރުވެރިޔާ ސްކީމުގެ ދަށުން ދޫކުރާ ގޯއްޗާއި ފްލެޓް ދިނުން އަވަސްކުރުމަށް ގޮވާލާ ރައްޔިތުންގެ މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅައިފިއެވެ.
ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް ނަސީމް ހުށަހެޅުއްވި އެ ކުއްލި މައްސަލަ ބަލައިގަތީ 29 މެންބަރުންގެ ވޯޓާއި އެކުގައެވެ. މި ކުއްލި މައްސަލައިގައި މި ސަރުކާރުގެ ހައުސިންގ ސިޔާސަތު ހާމަކުރުމަށާއި ފްލެޓާއި ގޯތި ދިނުން އަވަސްކުރުމަށް ގޮވާލާފައިވެއެވެ. އެ މައްސަލަ ހުށަހަޅުއްވަމުން މީކާއީލް ވަނީ މި ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތު ސާފު ނުވާ ކަމަށާއި އެކި ފަހަރު ދައްކަމުން ދަނީ އެކި ވާހަކަތައް ކަމަށް ވިދާޅުވެފައެވެ. އަދި ކުރީ ސަރުކާރުން ދޫކޮށްފައިވާ ގޯއްޗާއި ފްލެޓަށް ވާނެ ގޮތެއް ސާފުކޮށް ބުނެދޭން ޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ބޯހިޔާވަހިކަމުގެ ލިޔުން ލިބިފައިވާ ފަރާތްތަކަށް ވީ އެންމެ އަވަހަކަށް އެ ތަންތަން ހަވާލުކުރުމަށް ވެސް މެންބަރު މީކާއީލް ހުށަހެޅުއްވި މައްސަލައިގައި ވަނީ ގޮވާލާފައެވެ.
ނިމިދިޔަ ރިޔާސީ އިންތިޚާބުގެ ކެމްޕެއިންގައި ކުރީ ސަރުކާރުން ދީފައިވާ ގޯއްޗެއް ނުވަތަ ފުލެޓެއް އަތުނުލާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވައުދުވެވަޑައިގެންނެވި ކަމަށާއި އެކަމަށް ރައްޔިތުން އިތުބާރުކުރި ކަމަށް ވެސް މީކާއީލް ވިދާޅުވިއެވެ. ނަމަވެސް ވެރިކަަމަށް ވަޑައިގަތުމަށް ފަހު ފެންނަނީ ކަންބޮޑުވާ ފަދަ މަންޒަރުތަކެއް ކަމަށް އޭނާ ވިދާޅުވިއެވެ. މި ސަރުކާރުގެ ގެދޮރުވެރިކަމާއި ގުޅޭ ވަޒީރު، ޑރ. އަލީ ހައިދަރު، ނިމިދިޔަ ސަރުކާރުން ދީފައިވާ ގޯތީގެ ރެޖިސްޓްރީގެ ސައްހަ ކަމާމެދު ސުވާލު އުފައްދަވާފައިވާ ކަމަށާއި ގޯތިތައް ހުންނަތަން ބަދަލުކުރާނެ ކަމަށް ވިދާޅުވެފައިވާތީ އެކަމަށް މީކާއީލް ވަނީ ފާޑު ވިދާޅުވެފައެވެ. މިހާރު ފަށާފައި ހުރި ބޯހިޔާވަހިކަމުގެ މަސައްކަތްތައް ފުރިހަމަކުރުމުގެ މަސައްކަތް ނުކޮށް ފުށިދިއްގަރުފަޅު ހިއްކުމަށް 400 މިލިއަން ރުފިޔާ ހިމަނާފެއިވުމަކީ ސަރުކާރުގެ ނިޔަތާއި މެދު ސުވާލު އުފެދޭ ކަމެއް ކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފައެވެ.
އެ މައްސަލަަ އަށް ވާހަކަދެއްކެވި މެންބަރުން ވަނީ ސަރުކާރަށާއި މިނިސްޓަރު ހައިދަރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ. އަދި ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތަށް ވެސް މެންބަރުން ވަނީ ފާޑު ވިދާޅުވެފައެވެ.