ކ. މާލެ
|
28 ނޮވެންބަރ 2023 | އަންގާރަ 11:19
119 ކިލޯގެ މަސްތުވާތަކެތީގެ މައްސަލައިގައި ދައުވާ އުފުލާފައިވާ މީހުން
119 ކިލޯގެ މަސްތުވާތަކެތީގެ މައްސަލައިގައި ދައުވާ އުފުލާފައިވާ މީހުން
ރާއްޖެއެމްވީ
119 ކިލޯ ޑްރަގް ކޭސް
119 ކިލޯ ޑްރަގް ކޭސް: މުޖާހިދު 4 ވަރަކަށް ދުވަހު ކާރު ގެންގުޅެފައިވާކަން ފުޓޭޖުތަކުން ފެނޭ، ނަމަވެސް ދިފާއީ ހެކިވެރިޔާގެ ވާހަކަ ތަފާތު
 
ކާރު ގަތުމުގެ މުއާމަލާތް ކުރެވުނީ ކާކާއެކުގައިކަން ވެސް ހަނދާނުގައި ނެތްކަމަށް ޒުބައިރު ބުނޭ
 
ދިފާއީ ހެކިވެރިޔާއަކީ މި މައްސަލައިގައި ދައުވާލިބޭ އަލީ ޒުބައިރު

މާލެއާއި ހުޅުމާލޭގައި ފުލުހުން ހިންގި ޑްރަގް އޮޕަރޭޝަނެއްގައި އަތުލައިގަތް 119 ކިލޯގެ މަސްތުވާތަކެތީގެ މައްސަލައިގެ އަޑުއެހުމެއް އަންގާރަ ދުވަހު ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންގޮސްފިއެވެ.

މި އަޑުއެހުމުގައި 3 ހެއްކެއްގެ ހެކިބަސް ނަގާފައިވާއިރު، އެންމެ ފަހުން ހާޒިރުކުރި ދިފާއީ ހެކިވެރިޔާއަކީ މި މައްސަލައިގައި ދައުވާލިބޭ އަލީ ޒުބައިރުއެވެ.

ހެކިބަސް ދެމުން އަލީ ޒުބައިރު ބުނީ، އޭނާ ކާރެއް ގެންގުޅޭ ކަމަށާއި، ނަމަވެސް އެއީ އޭނާގެ ނަން މަތީގައި ރަޖިސްޓަރ ކޮށްފައިވާ ކާރެއް ނޫންކަމަށެވެ. މި މައްސަލަ ދިމާވީ އެ ކާރު އޭނާގެ ނަންމައްޗަށް ރަޖިސްޓްރީ ކުރުމުގެ ކަންކަން ކުރިއަށް ދަނިކޮށްކަން އޭނާ ފާހަގަކުރިއެވެ.

އަލީ ޒުބައިރު ބުނީ، ހޮސްޕިޓަލަށް ދިއުމަށް ކާރު ބޭނުންވާކަމަށް މުޖާހިދު ބުނުމުން، މުޖާހިދުއަށް ވެސް ކާރުގެ ތަޅުދަނޑި ޙަވާލުކޮށްފައިވާނެކަމަށެވެ.

އެއަށްފަހު ކުރިއަށް ދިޔައީ ދައުލަތުން އޭނާއާ ސުވާލު ކުރުމެވެ.

ދައުލަތުގެ ސުވާލުތަކަށް ޖަވާބުދެމުން އޭނާ ބުނީ، ކާރު ދުއްވުމުގެ ލައިސަންސެއް އޭނާ އަތުގައި ނޯންނާނެ ކަމަށާއި، ކާރުގެ ލައިސަންސް ނަންބަރު ވެސް ހަނދާނުގައި ނެތްކަމަށެވެ.

އަދި އެއީ ކޮން ބްރޭންޑެއްގެ ކާރެއްކަން ވެސް ހަނދާނުގައި ނެތްކަމަށް އޭނާ ބުންޏެވެ.

ކާރު ރަޖިސްޓްރީ ބަދަލުކުރުމުގެ މުއާމަލާތް ކުރިއަށްދާކަން ޒުބައިރު މީގެ ކުރިން ފާހަގަކުރިއިރު، ކާރު ގަތުމުގެ މުއާމަލާތް ކުރެވުނީ ކާކާއެކުގައިކަން ވެސް ހަނދާނުގައި ނެތްކަމަށް އޭނާ ބުންޏެވެ.

ކާރު ގަތުމުގެ މުއާމަލާތް ކުރިއަށްދިޔައީ އޭނާއާއި ރައްޓެއްސަކާ ދެމެދުގައި ނަމަވެސް، އެއީ ކޮން ރައްޓެއްސެއްކަން ހަނދާނުގައި ނެތްކަމަށް ވެސް އަލީ ޒުބައިރު ހެކިބަސް ދެމުން ބުންޏެވެ.

އަލީ ޒުބައިރު ބުނީ، މުޖާހިދުއާ ކާރު ޙަވާލުކޮށްފައިވާނީ އެންމެ ފަހަރަކު ކަމަށާއި، ކާރު ޙަވާލު ކޮށްފައި ޖެހިގެން އައި ދުވަހު އެ ކާރު މުޖާހިދު ޙަވާލުކުރިކަމަށެވެ. ވީއިރު، ކާރު މުޖާހިދު ގެންގުޅެފައިވާނީ އެންމެ ދުވަަހަކުކަމަށް ދައުލަތުގެ ސުވާލަށް ޖަވާބުދެމުން އޭނާ ބުންޏެވެ.

ނަމަވެސް ދައުލަތުގެ ފުޓޭޖުތަކަށް ބަލާއިރު، މުޖާހިދު 4 ވަރަކަށް ދުވަހު ކާރު ގެންގުޅެފައިވާކަން ފެންނަން އޮތްކަމަށް ދައުލަތުގެ ވަކީލު ވިދާޅުވިއެވެ.

އެއާއެކު ހުރިހާ ހެކިންގެ ހެކިބަސް މިވަނީ ނަގާ ނިމިފައެވެ. ދެން އޮންނާނީ ހެއްކާ ގުޅޭގޮތުން ވާހަކަ ދެއްކުމާއި، ޚުލާސާ ބަޔާން އިއްވުމެވެ.

ކްރިމިނަލް ކޯޓުގައި މި މައްސަލަ ބައްލަވަނީ ގާޒީ އިބްރާހީމް އިޙްސާންއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
0%
ކޮމެންޓް