ކ. މާލެ
|
27 ނޮވެންބަރ 2023 | ހޯމަ 10:46
119 ކިލޯގެ މަސްތުވާތަކެތީގެ މައްސަލައިގެ ތުހުމަތުގައި ހައްޔަރުކުރެވުނު މީހުން
119 ކިލޯގެ މަސްތުވާތަކެތީގެ މައްސަލައިގެ ތުހުމަތުގައި ހައްޔަރުކުރެވުނު މީހުން
ރާއްޖެއެމްވީ
119 ކިލޯ ޑްރަގް ކޭސް
119 ކިލޯ ޑްރަގް ކޭސް: ދައުލަތުގެ ހެކިންގެ ހެކިބަސް ނަގައި ނިމިއްޖެ
 
މި މައްސަލައިގައި ހިމެނޭ ސުނައިނުއާއި ޒުބައިރު ޓެކްސީއެއްގައި މަސްތުވާތަކެތި ގެންދާކަމަށް އިންޓެލިޖެންސް މައުލޫމާތު ލިބިފައިވޭ
 
ފުރަތަމަ ހާޒިރުކުރި ހެކިވެރިޔާ ވަނީ އޭނާ މިހާރު މި މައްސަލައާ ގުޅޭ ކަންކަން ހަނދާނުގައި ނެތްކަމަށް ބުނެފައި

މާލެއާއި ހުޅުމާލޭގައި ފުލުހުން ހިންގި ޑްރަގް އޮޕަރޭޝަނެއްގައި އަތުލައިގަތް 119 ކިލޯގެ މަސްތުވާތަކެތީގެ މައްސަލައިގެ އަޑުއެހުމެއް ހޯމަ ދުވަހު ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންގޮސްފިއެވެ.

ނެޓްވޯކެއްގެ ގޮތުގައި އޮޕަރޭޓްކޮށް ޑްރަގް ޓްރެފިކް ކުރިކަމަށް ތުހުމަތުވާ މި މައްސަލާގައި ޑައިމޯފިން ޓްރެފިކް ކުރުމުގެ ކުށުގެ ދައުވާ ދައުލަތުން މިހާރު އުފުލާފައިވަނީ ގދ. ހޯނޑެއްދޫ އިރުމަތީގެ، އަހުމަދު ސުނައިނުއާއި ގދ. ހޯނޑެއްދޫ ގުލޭނޫރަންމާގެ، އަލީ ޒުބައިރުގެ އިތުރުން ގދ. ހޯޑެއްދޫ އަލޯރާ އަހުމަދު މުޖާހިދުގެ މައްޗަށެވެ.

ކްރިމިނަލް ކޯޓުގައި މި މައްސަލަ ބައްލަވަނީ ގާޒީ އިބްރާހިމް އިޙްސާންއެވެ.

މި މައްސަލައިގައި މިހާރު ކުރިއަށްދަނީ ދައުލަތުގެ ހެކިންގެ ހެކިބަސް ނެގުމެވެ. އެގޮތުން މީގެ ކުރިން ބޭއްވި އަޑުއެހުންތަކުގައިވެސް ގިނަ ހެކިންތަކެއް ހާޒިރުކޮށްފައިވެއެވެ.

ހޯމަ ދުވަހުގެ އަޑުއެހުމުގައި ފުރަތަމަ ހާޒިރުކުރި ހެކިވެރިޔާ ވަނީ އޭނާ މިހާރު މި މައްސަލައާ ގުޅޭ ކަންކަން ހަނދާނުގައި ނެތްކަމަށް ބުނެފައެވެ.

އެހެންކަމުން ޝަރީއަތުން ވަނީ އޭނާ ތަހުގީގަށް ދީފައިވާ ބަޔާން ދައްކާފައެވެ. ނަމަވެސް ޙާދިސާއާ ގުޅޭ ކަންކަން މިހާރު މާ ބޮޑަށް ހަނދާނުގައި ނެތްކަމަށް ހެކިވެރިޔާ ތަކުރާރުކުރިއެވެ.

ދެން ހާޒިރުކުރި 2 ހެކިންގެ ތެރޭގައި މި މައްސަލައިގެ ތަހުގީގުގައި ޙަރަކާތްތެރިވި ފުލުސް އޮފިސަރުން ހިމެނެއެވެ.

ހެކިވެރިން ދައްކާފައިވާ ވާހަކަތަކަށް ބަލާއިރު، މި މައްސަލައިގައި ހިމެނޭ ސުނައިނުއާއި، ޒުބައިރު ޓެކްސީއެއްގައި މަސްތުވާތަކެތި ގެންދާކަމަށް އިންޓެލިޖެންސް މައުލޫމާތު ލިބިފައިވެއެވެ. އަދި އެ މައުލޫމާތުގެ އަލީގައި ޓެކްސީ ހުއްޓުވައި ބަލައި ފާސްކުރިއިރު، ޓެކްސީގެ ޑިކީ ތެރެއިން މަސްތުވާތަކެތި ފެނިފައިވާކަމަށް ހެކިވެރިން ފާހަގަކުރެއެެވެ.

ފުލުހުން ހިންގި އޮޕަރޭޝަންގައި މަސްތުވާތަކެތި ފެނުނު ކާރު ދޮރުގެ ބޭރުން 2 އެވިޑެންސް އަދި ޑިކީގައި އިން ފޮށި އަދި ދަބަހުން ޑީއެންއޭ ނަގާފައިވެއެވެ.

އޭގެ ފަހުން މުޖާހިދު ދިރިއުޅޭ ގެ ބަލައި ފާސްކޮށް ބައެއް ހެކިތައް އެ ގެއިންވެސް ވަނީ ގެންގޮސްފައެވެ.

އޭގެ އިތުރުންވެސް މި މައްސަލައިގައި ހިމެނޭ އަލީ ޒުބައިރުއާއި އިތުރު މީހަކު ދުއްވާފައި ދިޔަ ސައިކަލެއް މެރީ ބްރައުން ކައިރީގައި ބަހައްޓާފައިވަނިކޮށް، އެ ސައިކަލު ބަލައި ފާސްކޮށްފައިވެއެވެ. އެ ސައިކަލުންވެސް މަސްތުވާތަކެތި ވަނީ ހޯދާފައެވެ.

އެއާއެކު، ދައުލަތުގެ ހެކިންގެ ހެކިބަސް ވަނީ ނަގާ ނިމިފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
100%
0%
0%
0%
0%
0%
ކޮމެންޓް