އެތުލެޓިކޯ މެޑްރިޑުގައި މަޑުކުރަން ބޭނުންވާ ކަމަށް، އެ ޓީމަށް ކުޅެމުން އަންނަ ސްޕެއިންގެ މިޑްފީލްޑަރު ކޯކޭ ބުނެފި އެވެ.
އުމުރުން 31 އަހަރުގެ ކުޅުންތެރިޔާ މިހެން ބުނީ އެތުލެޓިކޯގައި އޭނާގެ ކުރިމަގާ ގުޅޭ ގޮތުން ވާހަކަ ދައްކަމުންނެވެ. އެތުލެޓިކޯ އާއެކު އޭނާ ހަދާފައިވާ އެއްބަސްވުމުގެ މުއްދަތު އަންނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށް ހަމަވާނެ އެވެ. އެކަމާ ގުޅިގެން ކޯކޭ ބުނީ، އޭނާ ބޭނުންވަނީ ކުޅެވެން އޮތް އެންމެ ގިނަ ދުވަހެއް ވަންދެން ފުޓުބޯޅަ ކުޅެން ކަމަށެވެ. މީގެ އިތުރުން އޭނާ އަކީ މުޅި ޙަޔާތުގައި ވެސް އެތުލެޓިކޯގެ ސަޕޯޓަރެއްކަން ފާހަގަކޮށް ކޯކޭ ބުނީ، އޭނާ އަބަދު ވެސް ކުޅެން ބޭނުންވަނީ އެ ކުލަބަށް ކަމަށެވެ. އެހެންކަމުން، އެ ކުލަބުގައި ހުރެވެން އޮތް އެންމެ ދިގު މުއްދަތަކަށް ހުންނަން ބޭނުންވާ ކަމަށް ވެސް އޭނާ ބުންޏެނެވެ. ނަމަވެސް، ކޯކޭ ޤަބޫލު ކުރާ ގޮތުގައި އެއީ އޭނާގެ އަތް މަތީގައި އޮތް ކަމެެއް ނޫނެވެ. އެކަމަށް ގޮތެެއް ނިންމާނީ ކުލަބުން ކަމަށް ވެސް އޭނާ ވަނީ ބުނެފަ އެވެ.
ކޯކޭ އޭނާގެ ސީނިއާ ކެރިއަރު އެތުލެޓިކޯ އިން ފެށީ، 2009 ވަނަ އަހަރު އެވެ. އޭގެ ފަހުން މިހާތަނަށް އޭނާ ވަނީ އެ ކުލަބަށް 600 މެޗު ކުޅެދީ 47 ލަނޑު ޖަހައިފަ އެވެ. އެ ކުލަބާއެކު އޭނާ ވަނީ އަށް ތައްޓެއް ކާމިޔާބުކޮށްފަ އެވެ. އެއީ ސްޕެނިޝް ލީގު ދެ ފަހަރު، ސްޕެނިޝް ސުޕަ ކަޕް އެއް ފަހަރަު، ކޮޕާ ޑެލް ރޭ އެއް ފަހަރު، ޔުއެފާ ޔޫރޮޕާ ލީގު ދެ ފަހަރު އަދި ޔުއެފާ ސުޕަ ކަޕް ދެ ފަހަރު އެވެ. މީގެ އިތުރުން ޔުއެފާ ޗެމްޕިއަންސް ލީގުގެ ފައިނަލްގައި ދެ ފަހަރު، ސްޕެނިޝް ސުޕަ ކަޕްގެ ފައިނަލްގައި އެއް ފަހަރު ކުޅެފައިވެ އެވެ.