ޗެމްޕިއަން މެންޗެސްޓަރ ސިޓީއަށް މޮޅުނުވެވުމުގެ ފައިދާ ނަގައިގެން, އާސެނަލް އިނގިރޭސި ޕްރިމިއަރ ލީގު ތާވަލްގެ އެއްވަނަ އަށް ޖެހިލައިފިއެވެ.
ލިވަޕޫލް އަތުން ސިޓީއަށް މޮޅުނުވެވުމުން, ބްރެންޓްފޯޑާ ދެކޮޅަށް ނިކުއިތްއިރު އާސެނަލް އަށް އޮތީ ތާވަލްގެ އެއްވަނަ އަށް ޖެހިލަން ފުރުޞަތު ލިބިފައެވެ. ނަމަވެސް ބްރެންޓްފޯޑްގެ ދަނޑުގައި ކުޅުނު މެޗުވީ އުނދަގޫ މެޗަކަށެވެ. އާސެނަލް މެޗު ކާމިޔާބުކުރީ ފަހު މިނިޓްގައި ޖެހި ހަމައެކަނި ލަނޑުން މޮޅުވެގެންނެވެ. 1-0 ން ކުރި ހޯދި މެޗުގައި, އާސެނަލްގެ ލަނޑު ޖަހައިދިނީ ކައި ހާވާޓްޒް އެވެ. އޭނާ ކުޅެން ނިކުތީވެސް ބަދަލަކަށެވެ. މެޗުގެ ފުރަތަމަ ހާފްގައި އާސެނަލް އިން ޖެހި ގޯލް ވީއޭއާރުން ބަލައި ނުގަތެވެ. މިއީ އާސެނަލްގެ ކޯޗު ކަމުގައި އާޓެޓާގެ 200 ވަނަ މެޗެވެ. އާސެނަލްގެ ކޯޗެއްގެ ގޮތުގައި ފުރަތަމަ 200 މެޗުން އެންމެ ގިނަ މޮޅު ހޯދި ކޯޗަކީވެސް މިހާރު އާޓެޓާއެވެ.
މޮޅާއެކު އާސެނަލް ލީގު ތާވަލްގެ އެއްވަނާގައި އޮތީ 13 މެޗުން 30 ޕޮއިންޓް ހޯދައިގެންނެވެ. ޗެމްޕިއަން ސިޓީ އޮތީ 29 ޕޮއިންޓާއެކުއެވެ. ތިންވަނާގައި ލިވަޕޫލް އޮތީ 28 ޕޮއިންޓާއެކުއެވެ. ހަތަރު ވަނާގައި އޮތީ 26 ޕޮއިންޓާއެކު ޓޮޓެންހަމް އެވެ.