ކ. މާލެ
|
25 ނޮވެންބަރ 2023 | ހޮނިހިރު 16:50
ސަވާދީއްތަ ދަތުރުގައި ރާއްޖެ ޒިޔާރަތް ކުރި ފަތުރުވެރިންތަކެއް
ސަވާދީއްތަ ދަތުރުގައި ރާއްޖެ ޒިޔާރަތް ކުރި ފަތުރުވެރިންތަކެއް
ސަވާދީއްތަ ދަތުރު
ފަތުވެރިކަން
ޓާގެޓް ހާސިލް ކުރަން އެއް މަސް ދުވަހުން ދެ ލައްކަ ފަތުރުވެރިން ބޭނުންވޭ!
 
މިއަހަރުގެ މިހާތަނަށް ރާއްޖެ ޒިޔާރަތް ކުރީ 1.64 މިލިއަން ފަތުރުވެރިން
 
މިއަހަރުގެ 1.9 މިލިއަން ފަތުރުވެރިންގެ ޓާގެޓް ހާސިލްވާނެ ކަމަށް ނުބެލެވޭ
 
މަހަކު އެވްރެޖުކޮށް ރާއްޖެ ޒިޔާރަތް ކުރަނީ 150،000 ފަތުވެރިން

ސަރުކާރުން މިއަހަރު އަންނާނެ ކަމަށް ލަފާ ކޮށްފައިވާ ފަތުރުވެރިންގެ ޓާގެޓް ހާސިލް ކުރަން ބާކީ އޮތް އެއް މަސް ދުވަހުގެ ތެރޭގައި ދެ ލައްކައަށްވުރެ ގިނަ ފަތުރުވެރިން ބޭނުންވާނެކަމަށް ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

ޓޫރިޒަމް މިނިސްޓްރީން އާއްމުކޮށްފައިވާ އެންމެ ފަހުގެ ހިސާބުތަކުން ދައްކާ ގޮތުގައި މިއަހަރުގެ ނޮވެމްބަރު މަހުގެ 22 ވަނަ ދުވަހާ ހަމައަށް ރާއްޖެއަށް ޒިޔާރަތް ކޮށްފައިވަނީ 1،640،826 (އެއް މިލިއަން ހަ ލައްކަ ސާޅީސް ހާސް އަށްސަތޭކަ ސައްބީސް) ފަތުރުވެރިންނެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާ ބަލާއިރު 13 އިންސައްތައިގެ އިތުރުވުމެކެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެ ޒިޔާރަތް ކުރީ 1.45 މިލިއަން ފަތުރުވެރިންނެވެ.

ރާއްޖެއަށް މިއަހަރު އަންނާނެ ކަމަށް އަހަރު ފެށި އިރު ސަރުކާރުން ލަފާ ކުރީ 1.8 މިލިއަން ފަތުރުވެރިންނެވެ. ނަމަވެސް ރާއްޖޭގެ ފަތުރުވެރިކަން ކުރިއަރައިގެންދާވަރަށް ބެލުމަށްފަހު އެންމެ ރަނގަޅު ހާލަތުގައި 1.9 މިލިއަން ފަތުރުވެރިން އަންނާނެ ކަމަށް ލަފާ ކުރިއެވެ. ފަހުން ކަނޑައެޅި 1.9 މިލިއަން ފަތުރުވެރިންގެ ޓާގެޓް ހާސިލް ކުރާނަމަ މިހާރުގެ އަދަދުތަކުން ދައްކާ ގޮތުގައި މި މަހުގެ ބާކީ މިއޮތް ހަފުތާއާއި ކުރިއަށް އޮތް އެއް މަސް ދުވަހުގެ ތެރޭގައި 260،000 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަރް ކުރަންޖެހޭނެއެވެ.

ސަރުކާރުން ޓާގެޓް ބަދަލު ކުރި ފަތުރުވެރިކަމުގެ ދާއިރާއަށް ދިމާވެދާނެ އެކި ހާލަތްތަކަށް ބަލައި ތިން ސިނާރިއޯއަކަށް ޓާގެޓް ކަނޑައެޅިއެވެ. އެގޮތުން އެންމެ ރަނގަޅު ހާލަތުގައި 1.9 މިލިއަން ފަތުރުވެރިން އަންނާނެ ކަމަށް ލަފާ ކުރިއިރު ދެވަނަ ހާލަތުގައި 1.8 މިލިއަން ފަތުރުވެރިން އަދި އެންމެ ގޯސް ހާލަތުގައި 1.7 މިލިއަން ފަތުރުވެރިންނަށް މަރުހަބާ ކިޔޭނެ ކަމަށް ލަފާ ކުރިއެވެ.

ޓޫރިޒަމް މިނިސްޓްރީގެ މިހާރުގެ އަދަދުތަކުން ލަފާ ކުރެވޭ ގޮތުގައި މިއަހަރު ރާއްޖެއަށް ޒިޔާރަތް ކުރާނީ 1.8 މިލިއަން ފަތުރުވެރިންނެވެ. އެއީ މިހާތަނަށް ހިސާބުތަކުން ދައްކާ ގޮތުގައި މިއަހަރު އެވްރެޖުކޮށް މަހެއްގެ މައްޗަށް ޒިޔާރަތް ކުރަނީ 150،000 ފަތުރުވެރިން ކަމަށްވާތީއެވެ. މިއަހަރު އެންމެ ގިނަފަތުރުވެރިން ޒިޔާރަތް ކުރީ ފެބްރުއަރީ މަހުގައެވެ. އެއީ 177،915 ފަތުރުވެރިންނެވެ.

ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މިއަހަރު ފެށުނީއްސުރެ އެންމެ ގިނަ ފަތުރުވެރިން އަންނަ ޤައުމަކީ ރަޝިއާއެވެ. އެ ޤައުމުން މި މަހުގެ 22 ވަނަ ދުވަހުގެ ނިޔަލަށް 188،000 ފަތުރުވެރިން ވަނީ ޒިޔާރަތް ކޮށްފައެވެ. 177،393 ފަތުރުވެރިންނާއެކު ލިސްޓުގެ ދެވަނައިގައި އިންޑިއާ އޮތްއިރު 172،349 ފަތުރުވެރިންނާއެކު ލިސްޓުގެ ތިންވަނައިގައި އޮތީ ޗައިނާއެވެ.

މި ތިން ޤައުމުގެ އިތުރުން ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތް ކުރަނީ އިނގިރޭސިވިލާތާއި ޖަރުމަނާއި އިޓަލީ އާއި އެމެރިކާ އާއި ފްރާންސާއި ސްޕެއިން އަދި ސްވިޒަލެންޑުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އަހްމަދު ދާއޫދު
0%
0%
0%
0%
0%
0%
ކޮމެންޓް