ރައީސް އަބްދުﷲ ޔާމީނުގެ ގާނޫނީ ވަކީލު، ޑރ. މުހައްމަދު ޖަމީލު އަހުމަދު ޕީޕީއެމް އިން ވަކިވެވަޑައިގެންފިއެވެ.
ރާއްޖެއެމްވީއަށް ޖަމީލު ވިދާޅުވީ އެބޭފުޅާއަކީ ރައީސް ޔާމީންގެ ފިކުރުގެ ބޭފުޅެއް ކަމަށެވެ. ރައީސް ޔާމީން ވެރިކަމަށް ވަޑައިގަތުމަށް މަސައްކަތްޕުޅު ކުރެއްވި ދުވަސްވަރުން ފެށިގެން ވެސް އެމަނިކުފާނާއެކު ހުންނެވިކަން ފާހަގަކުރައްވާ ޖަމީލު ވިދާޅުވީ ކުރިއަށް އޮތްތާނގައި ވެސް ޔާމީނާއެކު ހުންނަވާނެ ކަމަށެވެ.
މިހާރު ޕީޕީއެމްގެ ލީޑަރޝިޕްގައި ތިއްބެވި ބޭފުޅުން ރައީސް ޔާމީންގެ ޚިޔާލާއި ތަޖުރިބާ ބޭނުންފުޅު ނުވާ ކަމަށް ވެސް ވިދާޅުވިއެވެ.
ޑރ. ޖަމީލް ޕީޕީއެމް އިން ވަކިވެވަޑައިގެންފައިވާއިރު ކުރީގެ ރައީސް އަދި ޕީޕީއެމްގެ ލީޑަރު، އަބްދުﷲ ޔާމީން ވެސް ވަނީ އެ ޕާޓީން ވަކިވެވަޑައިގެންފައެވެ.
ޔާމީން ޕީޕީއެމް އިން ވަކިވެވަޑައިގެން އައު ޕާޓީއެއް އުފެއްދެވުމުގެ މަސައްކަތް ފައްޓަވާފައިވާއިރު އައު ޕާޓީ އުފެއްދުމުގެ ޤާނޫނީ އިޖުރާއަތްތައް ފުރިހަމަ ކުރުމުގެ މަރުހަލާ ކުރިއަށްދާ ކަމަށް ޖަމީލު ވިދާޅުވިއެވެ. އަދި ޕާޓީގެ ނަމާއި ލޯގޯ ރައީސް ޔާމީން ނިންމަވާފައިވާ ކަަމަށާއި ޕާޓީ ރަޖިސްޓްރީ ކުރެވިގެންދާނީ ވެސް ރައީސް ޔާމީން ނިންމަވާ ބޭފުޅެއްގެ ނަންމަތީގައި ކަމަށް ވިދާޅުވިއެވެ.
ޕީއެންސީ/ޕީޕީއެމް ގެ ލީޑަރުޝިޕާ މެދު ހިތްހަމަނުޖެހުން އުފެދި ރައީސް ޔާމީން ޕާޓީން ވަކިވެވަޑައިގެންފައިވާއިރު އެމަނިކުފާނު އެ ޕާޓީއެއްގެ ޓިކެޓުގައި ވެރިކަން ވެސް ކުރެއްވި ޕީޕީއެމް ދޫކޮށްލެއްވީ ރައީސް މުއިއްޒު އާއި އެ ކޯލިޝަނުގެ އިސް ބޭފުޅުންނާ ދެމެދު އޮތް ގުޅުން ޕީއެންސީއަށް ވެރިކަން ލިބުމާއެކު އެއްކޮށް ކެނޑުމުން ކަމަށް ޑރ. ޖަމީލު ވަނީ އެކި މީޑިއާތަކަށް ވިދާޅުވެފައެވެ.