ބާސެލޯނާގެ ނައިޓް ކްލަބެއްގައި އަންހެނަކަށް ޖިންސީ ގޯނާކޮށް, ހަމަލާ ދިންކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ ބްރެޒިލްގެ ޑެނީ އަލްވޭސް އަށް ނުވަ އަހަރުގެ ޖަލްހުކުމެއް އަންނަ ވަރުގެ ދައުވާތައް އުފުލައިފިއެވެ.
މިދިޔަ އަހަރުގެ ޑިސެމްބަރު މަސް ނިމެނިކޮށް ހިނގި މިހާދިސާއާއި ގުޅިގެން ޖެނުއަރީ މަހު ސްޕެއިންގެ ބާސެލޯނާގައި ހައްޔަރުކުރި ބްރެޒިލްގެ ގައުމީ ޓީމްގެ ކުރީގެ ޑިފެންޑަރުގެ މައްޗަށް ކުށް ސާބިތުކުރެވޭ ވަރުގެ ހެކި ހުރިކަމަށް ބުނެއެވެ. ޖެނުއަރީ މަހުން ފެށިގެން ޑެނީ އަލްވޭސް ބަންދުގައި ބަހައްޓައިގެން ތަހުގީގު ކުރިއަށްގެންދިޔައީވެސް ދައުވާ ކުރެވޭވަރުގެ ހެކި ހުރުމުންނެވެ. ނަމަވެސް އޭނާގެ މައްޗަށް ކޮށްފައިވާ ތުހުމަތު ތަކަށް ބާސެލޯނާއާއެކު ގިނަ ކާމިޔާބީތަކެއް ހޯދި ޑިފެންޑަރު ދޮގުކުރެއެވެ. ނުރުހުމުގައި އެއްވެސް މީހަކަށް ގޯނާއެއްކޮށްފައި ނުވާނެކަމަށް ޑެނީ އަލްވޭސް ބުނެއެވެ. ޖަލު ހުކުމެއްގެ އިތުރުން ސްޕެއިންގެ ވަކީލުން ވަނީ އަންހެން މީހާއަށް ލިބުނު ގެއްލުމަށް ބަދަލުގެ ގޮތުގައި 150,000 ޔޫރޯ ނަގައިދިނުމަށްވެސް އެދިފައެވެ.
މައްސަލަ ފެންމަތިވިއިރު ޑެނީ އަލްވޭސް ހުރީ މެކްސިކޯގެ ޕޫމާސްގެ ކުޅުންތެރިއެއްގެ ގޮތުގައެވެ. ނަމަވެސް އެތުހުމަތުތަކާއެކު އަލްވޭސް ހައްޔަރުކުރުމުން އެކްލަބުން އެއްބަސްވުން ބާތިލްކުރިއެވެ. ނޮވެމްބަރު/ޑިސެމްބަރުގައި އޮތް ވަރލްޑްކަޕްގައި ބްރެޒިލް ގައުމީ ޓީމަށްވެސް އަލްވޭސް ކުޅުނެވެ. މިފަދަ ކުށްތައް ސާބިތުވެއްޖެނަމަ ސްޕެއިންގައި 4-15 އަހަރާ ދެމެދުގެ ޖަލު ހުކުމެއް އަންނާނެއެވެ.