ކުރީގެ ރައީސް އަދި ޕީޕީއެމްގެ ލީޑަރު، އަބްދުﷲ ޔާމީން ޕީޕީއެމް އިން ވަކިވެވަޑައިގެން، އައު ޕާޓީއެއް އުފައްދަވަން ނިންމަވާފައިވާ ކަމަށް އެމަނިކުފާނުގެ ގާނޫނީ ވަކީލު، ޑރ. މުހައްމަދު ޖަމީލު ހާމަ ކުރައްވައިފި އެވެ.
ބުރާސްފަތި ދުވަހުގެ ރޭ ޖަމީލު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ކުރީގެ ރައީސް ޞާލިޙްގެ ވެރިކަން ބަދަލުކުރައްވަން ހުރިހާ މަސައްކަތްތަކެއް ކޮށްދެއްވީ ރައީސް ޔާމީނު ކަމަށާއި، އެހެން ނަމަވެސް އެމަނިކުފާނުގެ ވިސްނުންފުޅާއި ލީޑާޝިޕްގެ އެހެން ބޭފުޅުންގެ ވިސްނުންފުޅު ބަދަލުވެ، ޔާމީނާ ދުރަށް ހިނގައްޖެ ކަމަށެވެ.
އެހެން ކަމުން އެމަނިކުފާނު ޕީޕީއެމް އިން ވަކިވެވަޑައިގެން، އައު ސިޔާސީ ޕާޓީއެއް އުފައްދަވަން ނިންމަވާފައިވާ ކަމަށް ޖަމީލު ވިދާޅުވި އެވެ.
ރައީސް މުއިއްޒުގެ ވެރިކަން ފެށުނު ފަހުން، ރައީސް ޔާމީނާ ޑރ. މުއިއްޒުގެ ގުޅުން ހީނަރުވެ، ޕީޕީއެމް ދެކަފިވާން ފެށި ކަމުގެ ވާހަކަތަކެއް ވެސް ފެތުރުނެވެ. އެ ވާހަކަ ތަކުގެ ތެރެއިން ރައީސް މުއިއްޒު ޕީއެންސީއަށް ގުޅިވަޑައިގެން، ޕީއެންސީގެ އޮފީހެއް ވެސް ވަނީ ހުޅުވާފަ އެވެ.
އަދި ޕީޕީއެމްގެ ލީޑާޝިޕްގެ ގިނަ ބޭފުޅުންނަށް ރައީސް މުއިއްޒުގެ ވެރިކަމުގެ އިސް މަގާމުތަކަށް އައްޔަނު ކުރުމާއެކު، ރައީސް ޔާމީނާ އެ ބޭފުޅުންނާ ދޭތެރޭ ވެސް ގިނަ ދެބަސްވުންތަކެއް ހުރި ކަމަށް ވެ އެވެ. އެއާއެކު ޕީޕީއެމްގެ ތެރެއިން ރައީސް ޔާމީނާ އަރިސް ބޭފުޅުން ވަނީ ރައީސް އަބްދުﷲ ޔަމީން އެކުލަވާލެއްވި ސްޓިއަރިން ކޮމިޓީއެއް ހިންގުމާ ހަވާލުވެވަޑައިގެންފައިވާ ކަމަށް އިއުލާން ކުރައްވާފަ އެވެ.
ރައީސް ޔާމީން ޕީޕީއެމް އިން ވަކިވެވަޑައިގެންނެވިއިރު، އެ ކޮމެޓީގައި ހުންނެވި މަލީޙު ވެސް ވަނީ އެ ޕާޓީން ވަކިކޮށްފަ އެވެ.